ވޮލީބޯޅައިގެ އަތޮޅު, ވ.އަތޮޅުގެ ކެޔޮދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ހިމެނޭ މުބާރާތުގައި 9 ޓީމް ވާދަކުރެއެވެ. އެއީ ފިރިހެން ޑިވިޝަންގައި 5 ޓީމް އަދި އަންހެން ޑިވިޝަންގައި 4 ޓީމެވެ.
މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އަންހެން ޑިވިޝަންގެ މަންތާ ވިއު އެވެ. އެއީ އަލްބާ ލޮޖްއާ ވާދަކޮށް 3-1 ސެޓުން ނެވެ. ފުރަތަމަ ސެޓް 25-20 އިން މަންތާ ވިއު ގެންދިޔަ ނަމަވެސް ޖެހިގެން އައި ސެޓް 25-14 ން އަލްބާ ލޮޖް ގެންދިއުމުން ވާދަވެރި މެޗަކަށް ވެދާނެ ކަމަށް ބެލެވުނެވެ. އެކަމަކު ޖެހިގެން އައި ދެސެޓް 25-16 އަދި 25-18 މަންތާ ވިއު ގެންދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިޝަތު މާޖިދާއެވެ.

އަންހެން ޑިވިޝަންގެ ދެވަނަ މެޗު ކާމިޔާބުކުރީ ގައުމީ ޓީމްގެ ތިން ކުޅުންތެރިން ހިމެނޭ ރޭވަ އެވެ. އެއީ ދިނަޝައާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ފަސޭހައިން ގެންދިޔައި ގައުމީ ޓީމްގެ އެއްވެސް ކުޅުންތެރިއެއް ނުހިމެނޭ ކެޔޮދޫ ސްކޫލްގެ ދަރިވަރުންގެ މައްޗަށް ބިނާވެފައިވާ ދިނަޝަ އެވެ. އެއީ 25-11 ނެވެ. އެކަމަކު ތަޖުރިބާކާރު ތިން ކުޅުންތެރިން ހިމެނޭ ރޭވަ އިން ޖެހިގެން އައި ތިން ސެޓް ކާމިޔާބުކުރިއެވެ. އެއީ 25-13, 25-17 އަދި 25-10 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހައްވާ ސަހާއެވެ. ސަހާގެ އިތުރުން ގައުމީ ޓީމްގެ ސެޓަރު ޖޫޒާން އާއި ހައްވާ ރިޔާސާ (ޔަޝާ) ވެސް ކުޅެނީ މިޓީމަށެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އާދަމް ފައިރޫޒު ކުޅެމުން އަންނަ އަލްބާ ލޮޖްއެވެ. އެއީ ޔުނައިޓެޑް ގްރީންއާ ވާދަކޮށެވެ. މެޗުގެ ސެޓްތައް އަލްބާ ލޮޖް އިން ގެންދިޔައީ 25-21, 25-13 އަދި 25-13 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފައިރޫޒް އެވެ.
މުބާރާތުގެ ދެ ޑިވިޝަންވެސް ކުޅެނީ ލީގު ބުރެ ކުޅެ, އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
