ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެއެވެ. މުބާރާތް ބާއްވާ ރަށް ދަރަވަންދޫ ސެމީފައިނަލްގައި ވާދަކުރާނީ ކަމަދޫ އާއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ދޮންފަން ވާދަކުރާނީ ހިތާދޫ އާއެވެ.
ދަރަވަންދޫ ސެމީއަށް ދަތުރުކުރީ ދެ މެޗުންވެސް މޮޅުވެ, ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ދެވަނަ މެޗު ދަރަވަންދޫން ކާމިޔާބުކުރީ މާޅޮހާ ވާދަކޮށް 3-1 ނެވެ. މެޗުގައި ދަރަވަންދޫގެ ތިން ލަނޑު ޖެހީ ރާއިން ބިން އަހުމަދު އާއި ޔޫސުފް ރާކިން އާއި އިސްމާއީލް ނާޒިލް ނަޒީފް އެވެ. މާޅޮހުގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން އަލީ މުޚީލް މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަރަވަންދޫ ކެޕްޓަން އަލީ ސަދީމް މުޙައްމަދެވެ. މިނަތީޖާއާއެކު މިގްރޫޕުން ފުރުޞަތު ގެއްލުނީ މާޅޮހަށެވެ.
ހިތާދޫ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ޔަގީންކުރީ ފަހު މެޗުގައި 6-1 ން ކިހާދޫ ބަލިކޮށްގެންނެވެ. މެޗުގައި އަހުމަދު މަނާލް ތިން ގޯލް ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް މަނާލް އެވެ. ހިތާދޫގެ ޝިބާން މުޙައްމަދު ވެސް ދެ ގޯލް ޖެހިއެވެ. އަނެއް ގޯލް ޖެހީ ރަޒާން އަބްދުލް ރައުފް އެވެ. މިނަތީޖާއާއެކު މިގްރޫޕުން ފުރުޞަތު ގެއްލުނީ ކިހާދޫ އަށެވެ.
މުބާރާތުގެ ސެމީފައިނަލް ދެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރެއެވެ.
