ކުރިއަށް އޮތް ސީޒަންގެ ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން ބުރުގައި ކުރީގެ ގަދަ ބާރު ހުރާ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ, ދިއްދޫން ގައްދޫގެ މައްޗަށް ކުރި ހޯދައިގެން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ދިވެހި ލީގު ކޮލިފިކޭޝަން ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް, އަތޮޅުތަކުގެ ޓީމްތަކަށް ސީދާ ދިވެހި ލީގަށް ކޮލިފައިވެވޭނެ މަގު ދައްކައިގެން ފެށި ކޮލިފިކޭޝަން ބުރުގެ ފުރަތަމަ މެޗުގައި ހުރާ އެއްވަރުވީ ގްރީން ސްޓްރީޓްސްއާ ވާދަކޮށް 1-1 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ގްރީން ސްޓްރީޓްސް އިންނެވެ. އެޓީމަށް ލީޑް ނަގައިދިނީ ހުޒާމް ހަމީދެވެ. ދެވަނަ ހާފްގައި ހުރައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިސްރުގެ ސާދު އަބުދުލްއަޒީޒު އިބްރާހީމް އެވެ. މެޗުގައި ލަނޑު ޖަހަން ގިނަ ފުރުޞަތު ހޯދީވެސް ހުރައެވެ. މެޗު ފެށުގެން ނިމެންދެން ހުރާގެ ސަޕޯޓަރުން ދިޔައީ އެޓީމަށް ސަޕޯޓްކޮށް, މާޒީ ހަނދާންކޮށްދެމުންނެވެ.

މެޗަށްފަހު ހުރާ ކޯޗު އަހުމަދު ޝަރީފް (ޑުންގާ) ބުނީ ބޮޑަށް ފެނުނީ އަހަރު ތަކަކަށްފަހު ގަލޮޅު ދަނޑަށް އެނބުރި އައުމުން އޮތް ޕްރެޝަރ ކަމަށެވެ. މިހާރު އޮތް ހުރާ ޓީމްގައި މިލެވެލްއަށް އާ ކުޅުންތެރިން ގިނަ ކަމަށާއި, ޖުމްލަކޮށް މެޗުގައި ދިވާމި މައްސަލައަކީ ފުރުޞަތުތަކުގެ ބޭނުން ނުކުރެވުންކަން ޑުންގާ ފާހަގަކުރިއެވެ.
ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ވާދަކުރީ އުތުރުގެ ޗެމްޕިއަން ދިއްދޫ އާއި ދެކުނުގެ ޗެމްޕިއަން ގައްދޫއެވެ. ވާދަވެރި މެޗު ދިއްދޫން ކާމިޔާބުކުރީ 1-0 ނެވެ. ބިދޭސީ ކުޅުންތެރިންނާއެކު ވަރުގަދަކޮށްފައިވާ ދެޓީމުންވެސް މެޗުގައި ރަނގަޅަށް ކުޅެ ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތައް ހޯދިއެވެ. މެޗުގައި ދިއްދޫ މޮޅުކޮށްދިން ލަނޑު ދެވަނަ ހާފްގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ ޔޫސިފް އަފުލް އެވެ.
މެޗަށްފަހު ދިއްދޫ ކޯޗު މޫސާ އިބްރާހީމް (މުސްތައްޓޭ) ބުނީ ކޯޗެއްގެ އޭނާގެ ޓީމުން ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ ނެރުނު ނަތީޖާއާމެދު ކޯޗެއްގެ ގޮތުން ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އަތޮޅުތަކުގެ ޓީމްތަކަށް ގަލޮޅު ދަނޑުގައި ވާދަކޮށްލަން ލިބި, ދިވެހި ލީގު ކުޅެވޭނެ މަގު ތަނަވަސްކުރުމަކީ ވަރަށް ރަނގަޅު ބަދަލެއްކަން ފާހަގަކުރިއެވެ.
ގައްދޫ ކޮލިފިކޭޝަނާ ހަމައަށް ގެނެސް, އެޓީމަށް އިރުޝާދުދޭ ކުރީގެ މިޑްފީލްޑަރ މުޙައްމަދު ނަޒީހު ބުނީ ސަރަހައްދީ ޗެމްޕިއަންކަމާއެކު ކޮލިފައިންގ ބުރާ ހަމައަށް އައީ މިހިސާބން ނިންމާލަން ނޫން ކަމަށެވެ. 1-0 ން ބަލިވިޔަސް އޭނާއަށް ފެނުނީ ގައްދޫ ދިވެހިލީގަށް ކޮލިފައިވާނެ މަންޒަރު ކަމަށް ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށްވެސް ކޯޗުކޮށްދިން ނަޒީހު ބުންޏެވެ.
ކޮލިފިކޭޝަންގައި ވާދަކުރަނީ 6 ޓީމެވެ. އެއީ ނޯތް ރީޖަންގެ ޗެމްޕިއަން ދިއްދޫ އާއި ސައުތް ރީޖަންގެ ޗެމްޕިއަން ގައްދޫ އާއި ސެންޓްރަލް ޒޯންގެ ޗެމްޕިއަން ހުރައާއި, މާލެ ރީޖަންގެ ޗެމްޕިއަން ބިސްބުރާއި, ފާއިތުވި ސީޒަންގެ ދިވެހި ލީގުގެ ހަތްވަނަ ޓީސީ އާއި އަށްވަނަ ގްރީން ސްޓްރީޓްސް އެވެ. ކުރިއަށް އޮތް ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނީ މީގެތެރެއިން ގަދަ 4 ޓީމަށެވެ.
