މި ލިޔުމާއެކުވާ ވީޑިއޯ މިޚާއްޞަ ކުރަނީ ހުޅުމާލެއަށް އަލަށް ދިރިއުޅުން ބަދަލުކުރި ފަރާތްތަކަށެވެ. ޚާއްޞަކޮށް ފޭސް ދޭކަށް ދިރިއުޅުން ބަދަލުކުރި ފަރާތްތަކަށެވެ. މިވީޑިއޯގައި އަޅުގަނޑު ކިޔައިމިދެނީ މަސްމާރުކޭޓަށް ދާނެ ފަސޭހަ މަގެކެވެ.
ހުޅުމާލޭގައި މަސްމާރުކޭޓެއް ހުރޭތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ފޭސް އެކެއްގައި ވަގުތީ މަސްމާރުކޭޓެއް ހުރެއެއެވެ. ފޭސް ދޭކުން ފޭސް އެކަކަށް މިސްރާބު ޖަހަންވީ ވެމްކޯ ބުރިޖް ކައިރިން, ފިތިރޯނު ގަސްތަން ހުންނަ ފިތިރޯނު މަގުންނެވެ. އެމަގުން ކުރިއަށް ދާނީ ފެރީޓާމިނަލް ފަހަނައަޅާ ލޯކަލް މާރުކޭޓް ކައިރިން ކުރިއަށް ގޮސް މަގުގެ ކޮޅަށް މޫނު ޖެހެންދެންނެވެ. މަގުގެ ކޮޅަށް ދެވުމުން މިސްކިތް ކައިރިން އަޅާނީ ވައަތަށެވެ. ކުޑަތަންކޮޅެއް ކުރިއަށް ގޮސް ކަނާއަތުން ފުރަތަމަ ޖެހޭ މަގަށް އަޅައިގެން ދަތުރުކުރާނީ ކަނާއަތް ފަރާތުން ހުޅުމާލެ އިންޖީނުގެއާ އަރާ ހަމަވަންދެންނެވެ.
އިންޖީނުގެއާ ހުޅުމާލެ ފަޔަރ ސްޓޭޝަން ކައިރިން ކަނާއަތަށް އަޅައިގެން ގޮސް ފުރަތަމަ ޖެހޭ މަގުން އަޅާނީ އަނެއްކާވެސް ކަނާއަތަށެވެ. އެމަގުން ކުރިއަށް ކުޑަތަންކޮޅަކަށް ދުއްވާލާއިރު ވައަތް ފަރާތުން ފެންނަން ހުންނާނީ ހުޅުމާލޭގެ ވަގުތީ މަސްމާރުކޭޓެވެ. މާލޭގެ މާރުކޭޓެކޭ އެއްގޮތަށް މިތަނުންވެސް ރޯމަސް ލިބޭނެެވެ. ނަމަވެސް ޢާއްމުގޮތެއްގައި ކިޔުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެވެ.
މިމާރުކޭޓްގެ ކިޔު ތަރުތީބު ހަމަޖެހިފައި އޮންނަނީ ވަރަށް ރަނގަޅަށެވެ. އެކަމަކު ހުޅުމާލެއަށް ރަނގަޅު ދާއިމީ މަސްމާރުކޭޓެއް އަވަހަށް ބޭނުންވެއެވެ. ތިރީގައި އެވަނީ މާރުކޭޓަށް ދާނެ ގޮތުގެ ވީޑިއޯއެވެ.
