ރާއްޖޭގެ އެންމެބޮޑު ފުޓްސަލް މުބާރާތުގެ ތަށި ބޮޑު ތިލަދުންމަތިން ނައިވާދޫ ގެންގޮސްފިއެވެ. ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ނައިވާދޫން އުފުލާލީ ފައިނަލްގައި ދެއްވަދޫގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިގެންނެވެ. މެޗު ނައިވާދޫން ކާމިޔާބުކުރީ 9-3 ނެވެ.
މެޗު ފެށިގޮތަށް ދެއްވަދޫން ލީޑް ނެގިއެވެ. އެއީ އަހުމަދު ރާހިލް ރަޝީދުގެ ލަނޑުންނެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ނައިވާދޫން ވަނީ 4 ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފްގައި ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ލީޑް ނަގައިދިނީ އއަބްދުالله ޝާފިއު (ސާއްޕެ) އެވެ. ތިންވަނަ ލަނޑު ޖެހީ ކެޕްޓަން ޔާމީން މުޙައްމަދު (ޔާންޓެ) އެވެ. ހާފް ނިމުމުގެ ކުރިން ޕެނަލްޓީއަކުން އައްމަޑޭ ނައިވާދޫއަށް ހަތަރު ވަނަ ލަނޑު ޖަހައިދިނެވެ.

ދެވަނަ ހާފްގައި ރާހިލް ދެއްވަދޫއަށް ދެވަނަ ލަނޑެއް ޖަހާދީފައި ވަނިކޮށް, ނައިވާދޫއަށް ފަސްވަނަ ލަނޑެއް ޖަހައިދިނީ ހުސެއިން މައިޝާން އެވެ. މެޗުގައި މައިޝާން ދެ ލަނޑު ޖެހިއެވެ. އަދި ޝާއްޕެ ތިން ލަނޑު ޖެހިއެވެ. ދެއްވަދޫގެ ތިންވަނަ ލަނޑު ޖެހީ މުޙައްމަދު އިމްރާނު (އިއްމި) އެވެ. ނައިވާދޫގެ ފަސް ފައުލް ހަމަވެ, ދެއްވަދޫއަށް ލިބުނު ދުރު ދެ ޕެނަލްޓީވެސް ނައިވާދޫ ކީޕަރު އިބްރާހީމް ނާޖިހު މަތަކުރިއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިވާދޫގެ އައްމަޑޭއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ތިމަރަފުށި ކީޕަރު ސާއިފް އަލީ އެވެ. ރަންބޫޓް ގެންދިޔައީ ކަނޑިތީމްގެ ރައުލް ނިޔާޒު އެވެ. އެންމެ މޮޅުނ ކޯޗަކީ ތަށި ހޯދައިދިން ކޯޗު މުޙައްމަދު ނާޝިދު އަހުމަދު ނަސީމް އެވެ. ފެއަރޕްލޭ ޓީމަކީ ގާފަރެވެ. އަދި ބެސްޓް ސަޕޯޓިންގ ޓީމަކީ ޗެމްޕިއަން ނައިވާދޫއެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ނައިވާދޫ ކެޕްޓަން ޔާންޓެ އާއި ފައިނަލް މެޗުގެ ކުޅުންތެރިޔާ އައްމަޑޭގެ އިތުރުން ދެއްވަދޫގެ އަލީ ހައިސަމް (ޗުމްޕު) އާއި މަތިވެރީގެ އަލީ އަލްސަން އާއި ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ) އެވެ. އެންމެ މޮޅު ކީޕަރަކީ އޭދަފުށި ކީޕަރު އަބްދުالله ނާސިހު އެވެ.

މުބާރާތުގެ ފަޚުރުވެރި ކިންގް ނުވަތަ އެންމެ މޮޅު ކުޅުންތެރިއަކީ ނައިވާދޫއަށް ތަށި ހޯދައިދިން ކެޕްޓަން ޔާމީން މުޙައްމަދު ޔާންޓެއެވެ. ޗެމްޕިއަން ޓްރޮފީއާއި ކިންގްގެ ތާޖު އެޅުމަށްފަހު ޔާންޓެ ބުނީ މިއީ ކެރިއަރުގައި އެންމެ ބޭނުންވި ކާމިޔާބީ ކަމަށެވެ. ރަށު ރައްޔިތުންނަށް މިތަށި ހޯދައިދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށް މުޅި މުބާރާތުގައިވެސް މޮޅަށް ކުޅުނު ޔާންޓެ ބުންޏެވެ.
މިއަހަރުގެ މުބާރާތުގައި 119 ޓީމް ވާދަކުރިއެވެ. 287 މެޗު ކުޅުނެވެ. މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަނަ މުބާރާތެވެ. ޗެމްޕިއަން ޓްރޮފީއާއެކު މުޅި ނައިވާދޫއަށް ވަނީ އީދެއް އައިސްފައެވެ. މިދިޔަ އަހަރު ފައިނަލްގައި ބަލިވި ބަލިވުން ހަނދާން ނައްތާލަން މިއަހަރު ނައިވާދޫ ނިކުތީ އާ ހިތްވަރަކާއެކުއެވެ. ނައިވާދޫން ވަނީ އަތޮޅު ތަށްޓާއި, ޒޯން ތަށި ވެސް އުފުލާލާފައެވެ.
