...

ތިލައުތުރުން މިފަހަރު އާ ޗެމްޕިއަނެއް!

756

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލުން އުތީމާއި މުރައިދޫ ޖާގަ ހޯދުމުން އާ ޗެމްޕިއަނެއް ކަނޑައެޅޭނެކަން ޔަގީންވެއްޖެއެވެ. މުރައިދޫ އާއި އުތީމްވެސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް މެޗު އެއްވަރުވެ, ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

މުރައިދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ކަޓުވާލައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި މުރައިދޫ ކުރިހޯދީ 3-2 ނެވެ. ޕެނަލްޓީގައި މުރައިދޫން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އުފާލު އަބްދުالله ޖެހި ފުރަތަމަ ޕެނަލްޓީ އެވެ. އެޕެނަލްޓީ އިހަވަންދޫ ކީޕަރު މަތަކުރި ނަމަވެސް ޖެހިގެން އައި ތިން ޕެނަލްޓީ މުޙައްމަދު ނަޒްމީން އާއި އިޔާން އަހުމަދު ރަޝީދާއި ޝާމީ އަބްދުالله ކާމިޔާބުކުރިއެވެ.

އިހަވަންދޫން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އަލީ ނާއިޝް ޖެހި ދެވަނަ ޕެނަލްޓީ އާއި މުޙައްމަދު ފަޒީލް ޖެހި ތިންވަނަ ޕެނަލްޓީ އެވެ. އިބްރާހީމް ހާމިދު އާއިޝިފާޒު އިބްރާހީމް އާއި މުޙައްމަދު ލައްޔާހުގެ ޕެނަލްޓީ ނާކާމިޔާބުވީއެވެ.

މުރައިދޫ ފައިނަލަށް ދިއުމުގައި ކީޕަރުގެ ދައުރު ބޮޑު: ފޮޓޯ-އުތީމް ކައުންސިލް

ފުރަތަމަ ތިން މުބާރާތުގެ ފައިނަލްގައިވެސް ކުޅެ ނާކާމިޔާބުވި އުތީމް ހަތަރުވަނަ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ދިއްދޫ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ކުރި ހޯދީ ދިއްދޫންނެވެ. އެއީ މުޙައްމަދު ނައުޝާދުގެ ލަނޑުންނެވެ. އަހުމަދު އައިހަމްގެ މޮޅު ގޯލުން އުތީމުން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް, އަލީ ޝާމް ލަނޑު ޖަހާ ދިއްދުއަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނެވެ. އެކަމަކު އައިހަމްގެ ހުނަރާއެކު މުޙައްމަދު އައިލަމް ލަނޑު ޖަހާ އުތީމުން ނަތީޖާ ހަމަހަމަ ކުރިއެވެ.

ޕެނަލްޓީގައި އުތީމަށް ނާކާމިޔާބުވީ މުޙައްމަދު ޝާމިލް ޖެހި ހަތަރު ވަނަ ޕެނަލްޓީއެވެ. އަބްދުالله އިލްހާމް އާއި އައިހަމްގެ އިތުރުން އައިލަމް އާއި ރިޝްވާން ޕެނަލްޓީ ކާމިޔާބުކުރިއެވެ.

ދިއްދޫން ނާކާމިޔާބުވީ ނައުޝާދު ޖެހި ފުރަތަމަ ޕެނަލްޓީ އާއި ސުރާޚު ޖެހި ހަތަރު ވަނަ ޕެނަލްޓީ އެވެ. ޕެނަލްޓީ ކާމިޔބުކުރީ ޒުނާމް މުޙައްމަދާއި, މުޙައްމަދު އަޝްރަފާއި އިބްރާހީމް ނަވާފްގެ ޕެނަލްޓީ އެވެ. މުބާރާތުގައި ދިއްދޫ ބަލިވި ހަމައެކަނި މެޗަކީވެސް މިއީއެވެ.

އުތީމާއި މުރައިދޫ ވާދަކުރާ ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހުގެ ރެއެވެ. މިދެޓީމަކީވެސް މީގެކުރިން ތިލައުތުރުގެ ތަށި އުފުލާލެވިފައިނުވާ ދެޓީމެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ތިލައުތުރުން މިފަހަރު އާ ޗެމްޕިއަނެއް!

  1. Utheem 3 vana final mi faharu eh kulhee

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.