ލޯފަން ފަރާތްތަކަށް ކޭޝިއަރެއްގެ ވަޒީފާ އަދާ ނުކުރެވޭނެތަ! ލޯފަން ފަރާތްތަކަށް ކޮމްޕިއުޓަރު ބޭނުންކޮށްގެން އިދާރީ މަސައްކަތެއް ނުކުރެވޭނެތަ! އަޅުގަނޑުމެންނަށް ކޯލް ސެންޓަރެއްގައި މަސައްކަތް ނުކުރެވޭނެތަ!
މިއީ ލޯފަން ކުދިންގެ ޖަމްއިއްޔާއިން ށ.އަތޮޅުގެ 4 ރަށަކަށް ކުރި ދަތުރުގައި އެންމެ ފަހު ރަށް ފުނަދޫގައި އެރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން ޖަމްއިއްޔާގެ ރައީސް ހުސައިން ޝަރީފް ކުރިމަތި ކުރި ސުވާލުތަކެވެ. ށ.އަތޮޅު ކައުންސިލް ރައީސް އާއި އެރަށު ރައީސް އާއި ފުލުހުންނާއި އެނޫންވެސް މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ތިބި ސެޝަންގައި ހުސައިން އެސުވާލުތައް ކުރިމަތިކުރުމަށްފަހު ދެން ޖީބުން ނެގީ ދިވެހި ރުފިޔާނެ ނޫޓް ތަކެކެވެ.
ރައީސް ހުސައިން ޝަރީފް އާއި ހަޒާންދާރު ނާހިލްއާ ދެމީހުން އެނޫޓްތައް ނެގުމަށްފަހު އެއިން ކޮންމެ ނޫޓެއް އެއީ ކިހާވަރެއްކަން ފަސޭހައިން ބުނެދިނެވެ. ހޯލްގައި ތިބި ފަރާތްތައް ތިބީ ގަބޫލުކުރަން ދަތިވެފައެވެ. ނޫޓްތަކުގެ އަދަދު ވަކިވަކިން ކިޔައިދިނުމަށްފަހު ޖަމްއިއްޔާގެ ރައީސް ދެން ކުރި ސުވާލަކީ އެމީހުންނަށް އެނޫޓްތައް ފާހަގަވަނީ ކިހިނެއްތޯއެވެ. ބައެއް ފަރާތްތަކުން ޖަވާބު ދިނެވެ. ހަގީގަތުގައި ބައެއް ފަރާތްތަކަށް ޖަވާބުދޭން އިނގުނީ ލޯފަން ޒުވާނުން އެއަތޮޅުގައި ކުރިއަށްގެންދިޔަ އެހެން ބައެއް ސެޝަންތަކުގެ ފޭސްބުކް ލައިވް ބަލާފައި ވާތީއެވެ.
ނޫޓްތައް ވަކިކުރަން އިނގޭ ގޮތާއި, ކޮންމެ ނޫޓެއްގެ ތަފާތު ކިޔައިދިނީވެސް ލޯފަން ޒުވާނުންނެވެ. އޭގެފަހުން އެދުނީ ކޮންމެ ގްރޫޕަކުން އެކަކު އައުމަށެވެ. ހޯލްގައި ތިބި މީހުން ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕުން ކަނޑައެޅި އެކަކު އައުމުން އެ ހަތަރު މީހުންގެ ކަނު ބަނދެ, ލޯފަން ޒުވާނުންނާ އެއް ހާލަތަކަށް ގެނައެވެ. އޭގެތެރޭގައި ށ.އަތޮޅު ކައުންސިލް ރައީސް އާއި ފުނަދޫ ކައުންސިލް ރައީސް އާއި ފުލުހުންގެ އަންހެން އޮފިސަރަކުވެސް ހިމެނެއެވެ. އެއީ އިންސްޕެކްޓަރ ރޭންކްގެ ފުލުހެކެވެ.

ރެންޑަމްކޮށް ފައިސާގެ ނޫޓްތައް ބަހާލިއެވެ. ކޮންމެ މީހަކަށް އެއް ނޫޓެވެ. އެދުނީ އެއީ ކިހާވަރެއްކަން ބުނެދިނުމަށެވެ. ވަގުތު ދިނެވެ. އަތް ކާއްތައިގެން ދެނެގަތުމަށް ވަގުތު ދިނެވެ. ޖަވާބު ދިމާކުރާ ފަރާތްތަކަށް އިނާމްވެސް ދޭ ގޮތަށެވެ. އިނާމަކީ ދިމާކުރާ ކޮންމެ މީހަކަށް އެމީހަކު އަތުގައި އޮތް ނޫޓާ އެއްވަރުގެ އަދަދެއްގެ ފައިސާ ދިނުމެވެ.
ފަހަރަކު މީހަކު ޖަވާބު ދިނެވެ. ފުލުސް އޮފިސަރު ދެފަހަރު ދެ ޖަވާބު ދިނުމަށްފަހު ވަރަށް ވިސްނުމަށްފަހު ދެ ޖަވާބުން އެއް ޖަވާބު ދިނެވެ. ޖަވާބު ދީ ނުމުމުން އެދުނީ ކަނުބަނދެފައިވާ ފޮތިކޮޅު ނަގާ އަމިއްލައަށް ޖަވާބު ރަނގަޅުތޯ ބަލާލުމަށެވެ. ދެ ބޭފުޅުންގެ ޖަވާބު ރަނގަޅެވެ. ދެބޭފުޅުންގެ ޖަވާބު ގޯހެވެ. ޖަވާބު ދިމާކުރެއްވީ ރަށު ކައުންސިލް ރައީސް އާއި ފުލުސް އޮފިސަރެވެ.އެކަމަކު ހަގީގަތުގައި އެމީހުންނަށް އެނގިގެން ޖަވާބު ދިމާވީކަމެއް ނުވަތަ އިއްތިފާގުން ދިމާވީކަމެއް ޔަގީނެއް ނޫނެވެ.

ޖަވާބު ދިމާވީ 1000 ނޫޓާއި 500 ރުފިޔާގެ ނޫޓް ލިބު ފަރާތްތަކަށެވެ. 10 ރުފިޔާ އާއި 20 ރުފިޔާ ދިމާ ނުކުރެވުނެވެ. އިނާމްގެ ގޮތުގައި 1500 ރުފިޔާ ދޭން ޖެހުނީއެވެ. ދެން އެދުނީ ޖަވާބު ދިމާކުރެއްވި ބޭފުޅުން އެކައުންޓް ނަމްބަރު އަޑު ހަރުކޮށް ކިޔާލުމށެވެ. 1000 ރުފިޔާގެ ނޫޓް ދިމާކުރެއްވި ފަރާތުން އެކައުންޓް ނަމްބަރު ކިޔާ ނިމުމުން ޖަމްއިއްޔާގެ ރައީސް ހުސައިންގެ ޖަވާބަކީ އެނަމްބަރު ނުބައި ކަމަށެވެ. ދެވަނަ ފަހަރަށް ކިޔާލުމުން ހަޒާންދާރު ނާހިލް ތަކުރާރުކޮށް ބުނީ އެކައުންޓް ނަމްބަރު ނުބައި ކަމަށެވެ. އެޕްލިކޭޝަނުން އެކައުންޓް ނަމްބަރު ބަލައިގެން ކިޔުމަށް އެދުމުން ތިންވަނަ ފަހަރަށް އެކައުންޓް ނަމްބަރު ކިޔެވެ. މިފަހަރު ރަނގަޅެވެ. ވަގުތުން އެންމެންގެ ކުރިމަތީގައި ބޭންކް އެޕްލިކޭޝަނުން 1000 ރުފިޔާ ޓްރާންފަރ ކުރިއެވެ. ސްލިޕް ވައިބަރ ކުރިއެވެ. އެކަމަށް ހޭދަވީ އަހަރެމެން އެންމެ އަވަހަށް އެކަން ކުރާ މީހުންވެސް ހޭދަކުރާނެ ވަގުތެވެ.
ދެން މިލިޔުން ވިދާޅުވި ފަރާތްތަކުން ޖަވާބުދެއްވާށެވެ. ލޯފަން ފަރާތްތަކަށް ކޭޝިއަރެއްގެ ވަޒީފާ އަދާ ނުކުރެވޭނެ ހެއްޔެވެ. މިމެސެޖް ތިޔަބޭފުޅުން ސަރުކާރާ ހަމައަށް ގެންގޮސްދެއްވާށެވެ. ސަރުކާރުގެ އެފަދަ މަގާމްތަކުގައި ހުންނެވި ބޭފުޅަކު މިލިޔުން ވިދާޅުވެއްޖެ ނަމަ ލޯފަން ޒުވާނުންނަށް އެފަދަ ދާއިރާތަކުން ވަޒީފާ ދެއްވުމަށް މަސައްކަތްކޮށްދެއްވާށެވެ.

ހަތަރު ރަށުގައި ސެޝަންތައް ކުރިއަށް ގެންދިޔައިރުވެސް އެޒުވާނުން ލެޕްޓޮޕް ފަރިތަކަމާއެކު ބޭނުން ކުރިއެވެ. ބޭނުންކުރާގޮތް ކިޔައިދިނެވެ. ދެއްކިއެވެ. ލެޕްޓޮޕް ބޭނުންކޮށްގެން އިދާރީ މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދިނެވެ. އެކަމަކު އަހަރެމެންނަށް ތަމްރީނު ބޭނުންވާ ފަދައިން އެމީހުންނަށްވެސް ތަމްރީނު ބޭނުންވާނެއެވެ.
އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަމާޒުވާ ސުވާލެއް ކިހިނެއްހޭ މަސައްކަތްތައް ކުރާނީ. އެންމެ ކުރީގައި ބަލާކަމުގައި ވަންޏާ އޮފީސްތަކުގައި މަސައްކަތްކުރީ ފޮތްތަކުގައި ހަމަ އަތުން ލިޔެގެން. އެމީހުންނަށްވެސް ހަމަ ކުއްލިއަކަށް ކޮމްޕިއުޓަރެއް ލިބިއްޖިއްޔާ އެދަސްނުކޮށް ނޫނިއްޔާ އެވަސީލަތްތަކަށް ޓްރެއިނިންގ ނުދީ އެމީހުންނަކަށްވެސް ނުވާނެތާ. އެހެންވީމަ އަޅުގަނޑުމެންވެސް މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެން ފެނުމުގެ ނުކުޅެދުންތެރިކަމެއް ހުއްޓެއްކަމަކު އަޅުގަނޑުމެންނަށްވެސް އެކަން ކުރެވޭނެ ވަސީލަތްތައް އެބަހުއްޓޭ. އަޅުގަނޑުމެންވެސް ކޮމްޕިއުޓަރ ކީބޯޑްގައި ޓައިޕްކުރީމަ އެކޮމްޕިއުޓަރުގައި ލިޔާ އެއްޗިއްސާ, އޭގަ ހުންނަ އެހެން ޑޮކިއުމަންޓްތައް ރީޑްކުރާ ޓެކްނޮލޮޖީ އެބަހުއްޓޭ. އެހެންވީމަ ކީއްވެތޯއޭ އަޅުގަނޑުމެންނަށް އޮފީސްތަކުގެ އެޑްމިން މަސައްކަތްތައް ނުކުރެވެންވީ
ޖަމްއިއްޔާގެ ރައީސްގެ މިޖަވާބާއެކު އޭނާއާ ޖަމްއިއްޔާގެ އެހެން މެމްބަރުން ތަކުރާރުކޮށް ސެޝަންތަކުގައި ފާހަގަކުރެއްވި އެއް ވާހަކައަކީ ވަޒީފާގެ ނަމުގައި ކަމެއް ނުކުރުވާ މުސާރަ ދޭދިނުމެވެ. އޭގެ ސަބަބުން ނުކުޅެދުންތެރިކަން އިތުރަށް އިހުސާސްވުމެވެ. އޭގެ ބަދަލުގައި ކުރެވޭވަރުގެ މަސައްކަތް ހަވާލުކުރުމަށް އެދުނެވެ. މަސައްކަތްތައް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދުނެވެ. އެހެންމީހުންނަށްވެސް މަސައްކަތް ދަސްކޮށްދޭ ފަދައިން މަސައްކަތް ދަސްކޮށްދިނުމަށް އެދުނެވެ. އެމީހުން ދޭ ޔަގީންކަމަކީ އެމީހުންނަށްވެސް ވާނެކަމެވެ.