މަތީގައިވާ ފޮޓޯއިން އެފެންނަނީ ދުއްވާ ގޮނޑީގައި އަންހެނުންނާއެކު ބައި ކިލޯ މީޓަރު ދުއްވާފައި ކޮންމެ ދުވަހަކު އޭނާ މޫދަށްދާ މަންޒަރެވެ. އެއީ މިހާރު އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ. އިރުގެ އަލިކަން ފާޅުވުމާއެކު ދުވަހުގެ ފެށުމެވެ. އެކަމަކު އެއީ 40 އަހަރު ހެޔޮހާލުގައި ދިރިއުޅުނު ޒުވާނެކެވެ. ޒުވާން އުމުރު އަމިއްލަ މަސައްކަތުން ދިރިއުޅެ, އާއިލާ ބަލަހައްޓަމުން އައި ވަރަށް ޒިންމާދާރު ބަފައެކެވެ. އޭނާގެ އަންހެނުންގެ ބަހުންނަމަ ހެޔޮލަފާ ފިރިއެކެވެ.

މިއީ ރ.މަޑުއްވަރީ ސޮފްވާން ވަޖުދީ (ސޮއްޕެ)ގެ ދިރިއުޅުން ބަދަލުވި ގޮތުގެ ވަރަށް ކުރުކުރު ހުލާސާއެކެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ވަރަށް ހެނދުނާ ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔަގޮތް މިއަދުވެސް އޭނާގެ ކުރިމަތީގައި ސިފަވެއެވެ. ގެއިން ފަތިހު ނިކުތީ ލިބުނު ފޯނު ކޯލަކުންނެވެ. ރަށުގެ ޖެޓީއާ ދިމާއަށް ދިޔައިރު އޭނާގެ ދިރިއުޅުން ބިނާވެފައިވާ ޑިންގީ އޮތީ ޖެޓީގެ ދަށުގައި ތާށިވެފައެވެ. ގަދަވެ ސަލާމަތުން ހުރި ސޮއްޕެ މަސައްކަތް ނުކުރެވި އެހެން މީހުންގެ އެހީތެރިކަމާއެކު ގޮނޑިއެއްގައި އިންނަން ޖެހޭ ހާލަތަށް ދިޔައީ އެޑިންގީ ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.
ކޮންކްރީޓް ފާލަމެއް, ޖެޓީއެއް ދަށުން ޖާގެ ލިބޭ ގޮތަށް. ޑިންގީ އިންނަނީ ދިޔަ ހިކި ގަޑީގަ ޖެޓީ ދަށަށް ވަދެފަ ތާށިވެފަ. ދެން އެގަޑީގަ އިންނަނީ ދިޔަބޮޑުވެފަ. ބޮޑުވެފަ އިނީމަ އިންނާނީ ހަމައެއްކޮށް ބާރުވެފަ. ގުޅި ކުއްޖާއާ އެތަނުގަ ތިބި ޕޮލިސް ދެކުއްޖަކާ ވެގެން ކޮށްޕަން ހިފާލީމަވެސް ގުޑާނުލި, އަހަރެން ބުރަކަށި ވިއްދާލީ, ވިއްދާފަ ހިފާލި ބޮނޑީގަ އޭތި ނައްޓާލީ. ނައްޓާލި ބޮނޑީގަ ޑިންގީ އެރީ މައްޗަށް, އެގަޑީގަ މަގޭ ފިތުނީ. ފިތުނީމަ ދަމައިގަން ގަޑީގަ މިހެން ވެފަ މިއޮތީ
ސޮއްޕެ އަކީ ދިރިއުޅުމުގައި އެކި ކަހަލަ މަސައްކަތްތައް ކޮށްގެން އަމިއްލަ މަސައްކަތުން ދިރިއުޅުނު މީހެކެވެ. އެތައް އަހަރެއް އޭނާ މަސައްކަތް ކުރީ އެހެން މީހުންގެ ކައިރީގައެވެ. ހާލަތު ބަދަލުވެގެން ދިޔައީ އަމިއްލައަށް ޑިންގީއެއް ހޯދައިގެން އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅުން އުފާވެރިކޮށް ކޮޅަށް ޖެހުމުގެ އުއްމީދު ލިބި ގަދަ އަޅާ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ ކުރަމުން ދިޔަ މަސައްކަތަކީ ފީނުމެވެ.
އަމިއްލަ ރަށް މަޑުއްވަރީގައި މައިންބަފައިންގެ ގޭގައި ދިރިއުޅެމުން ދިޔައީ އާއިލީ އެހެން މެމްބަރުންނާއެކުއެވެ. އޭރުވެސް ބޯހިޔާވަހިކަމުގައި އިންތިހާއަށް ދައްޗެވެ. ގެ ބަހައިގެން ލިބޭ ކުޑަކުޑަ ތަންކޮޅު ހެދޭނެ މަގެއް ނެތެވެ. ދެ ދަރިންނާއެކު އުފަން ރަށުގައި އުޅުނު ދިރިއުޅުންވެސް ހާލަތު ބަދަލުވުމާއެކު އަންހެނުންގެ ރަށަށް ބަދަލުކުރަން މަޖުބޫރުވިއެވެ. ފަރުވާއަށް ބޭރަށް ކުރި ދަތުރަށްފަހު އެނބުރި އައިސް މަޑުއްވަރީގައި ދިރިއުޅުންވީ އިންތިހާއަށް އުނދަގޫ ކަމަކަށެވެ. ގޭގެ ކޮޓަރިން ބަދިގެއަށްވެސް އެހެން މީހެއްގެ އެހީއާ ނުލާ ނުދެވޭ ހާލަތުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ.

ފަރުވާއަށް ކުރެވެން އޮތް ކަމަކީ މޫދަށް ގޮސް ކަސްރަތު ކުރުމާއި ފިޒިއޯ ހެދުން ނަމަވެސް މަޑުއްވަރީގައި މޫދަށް އެރެވޭނެ ގޮތެއް ނެތެވެ. މޫދަށް އެރެވެން އޮތް ތަންކޮޅުވެސް ބޭނުން ނުކުރެވެނީ މަސްވެރި ރަށަކަށް ވެފައި, ކަރުގޮހޮރުގެ ސަބަބުންނެވެ. އެހިސާބުން މަޖުބޫރުވީ ބޯހިޔާވަހިކަމެއް ނެތަސް އަންހެނުންގެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށެވެ.
ފާއިތުވި ރަމަޟާން މަހުގެ ހަވަނަ ދުވަހު އަންހެނުންގެ ރަށް ހދ.ނޮޅިވަރަމަށް ދެ ދަރިންނާއެކު ބަދަލުވެ, އުޅެން ޖެހިފައިވަނީވެސް ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެއް ގެއެއްގައި ނިދާފަ, އެހެން ގެއެއްގައި ކައިބޮއެ އުޅުމަކީ ކިހާރަވެއްގެ ކަމެއްކަން އިހުސާސްކުރެވޭނީ އެފަދަ ދިރިއުޅުމެއް އުޅެފައިވާ ފަރާތްތަކަށެވެ. ދަރިން ނިދަން ވަކި ގެއަކަށް އެހެން ކަންކަމަށް އެންމެން އެއްކޮޓަރިއެއް ބޭނުން ކުރަމުން އެދަނީ މިވަގުތު އެނޫން ގޮތެއް ނެތުމުންނެވެ.
އެއްތަނެއްގަ ނިދާފަ, އަނެއް ތަނެއްގައި ކައިފަ, ދަރިން ވަކިން ތަނެއްގަ ނިންދަވައިގެން އެގޮތަށް މިއުޅެން ޖެހެނީ. ކަނީ އަންހެނުންގެ ބައްޕަގެ ގެއިން. ނިދަނީ އަންހެނުންގެ މަންމަގެ ގޭގައި ހުންނަ ކޮޓަރިއެއްގަ. ދަރިން ނިދަނީ އަންހެނުން ބައްޕަ ގޭގައި
އެކަމަކު ނޮޅިވަރަމުގައި އޮތް ހިތްހަމަ ޖެހުމަކީ މޫދަށްގޮސް ކަސްރަތު ކުރުމުގެ ފުރުޞަތު ލިބުމެވެ. އުފަންވީންސުރެ ވެސް އެއް ލޮލުގެ ފެނުން ގެއްލިފައިވީ ނަމަވެސް އަންހެނުންގެ އަޅާލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުން ދިއުމީ ސޮއްޕެގެ މިއަދުގެ އެންމެ ބޮޑު ނަސީބެވެ. އޭނާގެ އަންހެނުން ބުނީ ދެފަރާތުގެ އާއިލާގެ އެހީތެރިކަމުގެ ސަބަބުން ދިރިއުޅެވުނަސް ހަގީގަތުގައި ގޮނޑީގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ބޯހިޔާވިހަކަމަށް ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ. ފިރިމީހާއަށް ފަސޭހަ ދިރިއުޅުމެއް ލިބުމުގެ ހުވަފެން ދެކެމުން އެދަނީ ނޮޅިވަރަމުން ލިބިފައިވާ ބިމުގައި ހިޔާވަހިކަމެއް ލިބޭނެ ދުވަހެއްގެ އުއްމީދުގައެވެ.
އާއިލާގެ ހަމަ ހުރިހާކަމެއް ބަލަހައްޓަމުން އައީ ފިރިމީހާ. އާއިލާގެ އެންމެންގެ ކަންތައްތައްވެސް ހަމަ ފިރިމީހާ ބަލަހައްޓަމުން އައީ. މިހާލަތަށް އައީމަ އާއިލާ މީހުންވެސް ވަރަށް ރަނގަޅު. ފިރިމީހާ ކޮއްކޮމެންވެސް, އަޅުގަނޑު ކޮއްކޮމެންވެސް, މިހާރު މިއުޅެވެނީ އެމީހުންގެ އެހީތެރިކަމާއެކު. މިވަގުތު މުހިއްމީ ފިރިމީހާއަށް ގޭތެރޭގައި ފަސޭހަކަމާއެކު ކަންތައްތައް ކޮށްލެވޭނެ ގޮތެއް ވުން, އެފަދަ ބޯހިޔާވަހިކަމެއް ލިބުން. ފިރިމީހާއަށް ގޭތެރޭގައި ރަނގަޅަށް އުޅެވޭނެ ކަހަލަ މާހައުލެއް ބޭނުންވަނީ
އާއިލާގެ އެހީތެރިކަމާއި, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތާއެކު މިއަދު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދާއިރު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހެއްވެސް އޭނާއަކަށް ނޭންގެއެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ އެކަމަށް ވަރަށް ދުވަސް ނަގާނެކަމަށެވެ. މިވަގުތު އޮތީ ކަސްރަތާއި ފިޒިއޮތޮރަޕީ ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް ދިވެހި ބޭސްކުރަންވެސް އޭނާ މިހާރު ދަނީ ތައްޔާރުވަމުންނެވެ.
ނޮޅިވަރަމަށް ބަދަލުވިފަހުން ހެޔޮއެދޭ މީހަކު ހަދިޔާކުރި ގޮނޑިއެއްގައި އުފާވެރި މޫނެއް ދައްކައިގެން އިނަސް ހަގީގަތުގައި ސޮއްޕެގެ ހިތުގެ ތެރޭގައި ހުރީ ރިހުމާއި, އެނބުރި ކުރީގެ ހާލަތަށް ދިއުމުގެ އުއްމީދެވެ.
އެހީވެވޭނެ އެކައުންޓް ނަންބަރ ހިމަނާލިނަމަ ރަގަޅު