އޭނާގެ ލޮލަކަށް ނުފެނެއެވެ. އެކަމަކު ހިތަށް ފެނެއެވެ. ލޮލަށް ނުފެނި ހުތުބާއެއް ކިޔުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން އެދުވަހަކަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ރާއްޖޭގެ އެހެން މިސްކިތްތަކުގައިވެސް ކިޔާ ހުތުބާއެއް އެހުތުބާގެ އެންމެ ގަނޑެއްވެސް ނުފެނި ކިޔާލުމަކީ ގަބޫލުކުރަންވެސް ދަތި ކަމެކެވެ. އެކަމަކު ށ.ފޭދޫ އަބްދުއްރަޝީދު އެކަން ކުރާތާ އަހަރުތަކެއް ވެއްޖެއެވެ. 2008 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މެދުކެނޑުމެން ނެތި އެއަންނަނީ ހުޠުބާ ކިޔަމުންނެވެ. އެކަމަކު ސުވާލަކީ އެކަން އޭނާ އެކުރަނީ ކިހިނެއްތޯއެވެ! ބުދަ ދުވަހުގެ މެންދުރު ފަހު ލިބޭ ހުތުބާއެއް ހުކުރު ދުވަހު އެކިޔާލަނީ ބަދަލެއް ނެތިއެވެ.
ކުރިން ފެށިގެންވެސް ހިތުދަސްކޮށްގެން ކިޔަނީ. ހިތުދަސްކުރުމުގައި ގެންގުޅޭ ވަސީލަތްތައް ތަފާތުވާނީ ކުރިން ގެންގުޅުނީ ވަރަށް ކުޑަކުޑަ އިންޗިއެއްވަރުގެ ވޮއިސް ރެކޯޑަރެއް. އެއަށްފަހު މިބަދަލުވީ މިކަހަލަ ބޮޑަތި ސްޕީކަރުތަކަށް. މިހާރު ކިޔާފަ ޓެލެގްރާމް ގްރޫޕަކަށް އަޕްލޯޑް ކުރީމަ ޑައުންލޯޑް ކޮށްގެން އަޑު އަހަނީ
ހުތުބާ ކިޔުމުގެ ދަތުރުގައި އަބްދުއްރަޝީދުގެ ދަތުރު ފަސޭހައް ނޫނެވެ. ކުރިން ދެ ހުޠުބާ ދަސްކުރަން ތިން ގަޑިއެއްހާއިރު ހޭދަކުރި ނަމަވެސް މިހާރު އިލްމީ ގޮތުންވެސް ބޮޑަތި ކުރިއެރުންތަކެއް ހޯދާފައިވާ ވުމާއެކު އެވަގުތު ވަނީ ކުރުވެފައެވެ. އެކަމަކު ހުޠުބާ ކިޔާނެ އިތުރު މީހަކު ނެތް ދުވަހު ހުންއައިސް ހުރެ 20 ޞަފްހާގެ ހުޠުބާއެއް ހިތުން ދަސްކޮށްގެން ކިޔާލި ދުވަސް މިއަދުވެސް އަބްދުއްރަޝީދުގެ ހަނދާނުގައި އެބަހުއްޓެވެ.
އެކި އަހަރުތަކުގައި ހުތުބާ ރެކޯޑް ކޮށްދިން އަދި މިއަދުވެސް އެކަން ކޮށްދޭ ފަރާތްތަކަށް އަބްދުއްރަޝީދުގެ ހިތުގައި އޮތީ ޝުކުރެވެ. އޭގެ ތެރޭގައި އާއިލީ މެމްބަރުންނާއި, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާ ކިޔަވައިދިން ދަރިވަރުންވެސް ހިމެނެއެވެ. އާއިލީ އަންހެން ބޭފުޅުންވެސް ހުތުބާ ރެކޯޑްކޮށްދީ އަބްދުއްރަޝީދަށް އެހީތެރިވެދިނުމަކީ ދެމިހުރުމުގެ ވަރަށްބޮޑު ބާރެކެވެ. އެކަމަކު އަގު ދީގެންވެސް އޭނާ ވަނީ އެކަން ކޮށްފައެވެ.

މިއަދު އަޅައިގަތުމެއް, އުނދަގުލެއް ނެތި ހުތުބާ ކިޔަމުން ދިޔަޔަސް އެފުރުޞަތު ހޯދަން އަބްދުއްރަޝީދު ކުރަން ޖެހުނު މަސައްކަތް ކުޑައެއް ނޫނެވެ. މިއަދު އޭނާ އިތުބާރު ހޯދާފައި އެވަނީ އިތުބާރު ނެތްކަމަށް ބުނެ އޭރުގެ ސަރުކާރުން އަބްދުއްރަޝީދަށް ހުއްދަދޭން ދެކޮޅު ހަދާފައި ވަނިކޮށެވެ.
ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ހުތުބާ ކިޔަން ހުށަހެޅުމުން އެހުއްދަ ދެއްވާނެ ކަމުގެ އުފާވެރިކަން ލިބުނެވެ. މައުމޫނުގެ އަތްޕުޅުން ލިޔުއްވާފަވާ ހުތުބާ ފޮތްތައް ހިތުން ދަސްކޮށް, ހުރީ ޔަގީންކަމާއެކުއެވެ. ވަރަށް އަވަހަށް އެހުއްދަ ލިބޭނެ ކަމުގެ އުއްމީދުގައި ހުއްޓާ ލިބުނީ ނާއުއްމީދެވެ. ޖަވާބެއްވެސް ނުލިބި ގިނަ ދުވަސްވުމުން ދޮރުތަކުގައި ޓަކި ދޭން ފެށުމުން ދެއްވީ ހުއްދައިގެ ބަދަލުގައި ހުއްދަ ދެވެން ނެތްކަމުގެ ޖަވާބެވެ.
އޮފީހަށް ވައްދާފަ މިއޮތް ގެނެސްދިނީ ޖަވާބު. އަބްދުއްރަޝީދަށް ކޮންމެ ހުކުރު ހުތުބާއެއް ކޮންމެ ހުކުރަކަސް ދަސްކޮށްގެން ކިޔުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެތީވެ, ލޮލަށް ނުފެންނަ ބޭފުޅަކަށްވާތީ ހުއްދަ ދޭން ނުފެންނަ ކަމަށް ދެންނެވީމެވެ
އެކަމަކު އޭރުވެސް މިއަދުވެސް އަބްދުއްރަޝީދުގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު މާބޮޑެވެ. ވެރިކަން ބަދަލުވެ ރައީސް ނަޝީދުގެ ދައުރުގައި އަލުން ހުއްދައަށް އެދުނު ހިނދު އޭރުގެ އިސްލާމިކް މިނިސްޓަރ މަރުހޫމް ޑރ.އަބްދުލްމަޖީދު އަބްދުލްބާރީއާއި މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އަބްދުއްރަޝީދަށް ހުރަހެއް ނެތި ވަގުތުން ހުއްދަ ދެއްވިއެވެ. ހުތުބާ ކޮމިޓީގައި އޭރު އިންނެވި ޑރ.އަހުމަދު އިޔާޒުގެ ފަރާތުންވެސް އެކަމަށް މަގުފަހުކޮށްދެއްވިކަން އަބްދުއްރަޝީދު ފާހަގަކުރެއްވިއެވެ. ފުރަތަމަ ދެއްވި ވަގުތީ ހުއްދަ ދާއިމީ ކޮށްދިނީ ހުތުބާ އަޑުއަހާ ރައްޔިތުންގެ ކޮމެންޓްތަކަށް ތިން މަސްދުވަހު ބެލުމަށްފަހުއެވެ.
މިއަދު އޭނާއަށް އިތުބާރު ނުކުރާ ހަމައެކަކުވެސް ނެތެވެ. އޭނާގެ ހުތުބާ އަޑު އެހި ކޮންމެ މީހެއްގެ ހިތުގައި އޮތީ ތައުރީފާއި ސާބަހެވެ.

އަބްދުއްރަޝީދަކީ ހަމައެކަނި އިމާމެއް ނޫނެވެ. ހަކައެކަނި ހަތީބެއްވެސް ނޫނެވެ. އޭނާ އަކީ ލޮލަށް ފެންނަ މީހަކަށްވުރެ މާ ކުޅަދާނަ, އިލްމީ, މަސައްކަތްތެރި އެކެވެ. އޭނާ ދިރިއުޅޭ ގޭގެ ބޮކިތައް ބަދަލުކުރަނީ އޭނާ އަމިއްލައަށެވެ. މަސް ކަނޑުމަކީވެސް އޭނާ އަށް އުނދަގޫ ކަމެއް ނޫނެވެ. ޢާއްމު ކެއްކުންތައް ކައްކަން ފަރިތައެވެ. ޖޯއްޔެއް ގަތަން ވެއްޖެނަމަ އެކަމަށްވެސް އޭނާ ތައްޔާރެވެ. ބުރުމާ ބޭނުން ނުކޮށް ރާވާ އެނދު އަލަމާރި ސޯފާތައް ރާވާލުމަކީވެސް އަބްދުއްރަޝީދަށް އުނދަގޫކަމެއް ނޫނެވެ. ކާށި ހެހުމާއި, އެނޫންވެސް ތަފާތު މަސައްކަތްތައް އޭނާ ދަނެއެވެ.
މާމޮޅަތި ކެއްކުންތައް ކައްކަން ނޭންގުނަސް ޢާއްމުކޮށް ކާތަކެތި ކައްކާލަން އިނގޭ. މިސާލަކަށް ކުކުޅު ފިހެލަން, ކުކުޅު ރިހަ ކެއްކުން. ފަރުމަހު ރިހަ ކެއްކުން, ކަނޑުމަހުގަ ރިހަ ކެއްކުން, ގަރުދިޔަ ކެއްކުން, މަސްބަތް ކެއްކުން, ނޫޑްލިސް ކެއްކުން, އެކަހަލަ ކަންކަން
ކުރުކޮށް ބުނާނަމަ ޢާއްމު ދިރިއުޅުމުގައި އޭނާ އަށް ނޭންގޭ ކަމެއް, ނުކުރެވޭ މަސައްކަތެއް ނެތެވެ. އޭނާގެ ދިރިއުޅުމުން ސާފްކޮށް އެކަން ހުރީ ފެންނާށެވެ. އުފަން ދަރިއެއްގެ އިތުރުން ޔަތީމް ކުއްޖަކު ބޮޑުކޮށް, ތައުލީމީ މަރުހަލާވެސް މިހާރު ވަނީ ނިމުމަކާ ގާތުގައެވެ. އަނބިންނާއި ދަރީން ބަލަމުން އެދަނީ އަމިއްލަ މަސައްކަތުންނެވެ.

ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް ނަގަމުން, މިއަދު އޭނާ އެހުރީ ތައުލީމީ ގޮތުންވެސް އުސް ހަރުފަތެއް ގިރާކޮށްފައެވެ. މާސްޓަރސް ޑިގްރީ ހާސިލްކޮށް އަހަރެމެން އެންމެންނަށް އަބްދުއްރަޝީދު އެދިން މެސެޖް ވަރުގަދަ އެވެ. އެއީ އެތައް ފިލާވަޅަކާއި ޢިބްރަތްތަކެކެވެ. މިއަދު ޢަބްދުއްރަޝީދުގެ ވާހަކަ ދައްކާއިރު އޭނާ އަކީ މީގެ ކުރީންވެސް އަހަރެމެން ދަންނަ ފަރިތަ މޫނެކެވެ. އެއީ ކީރިތި ޤުރުއާނުގެ ރަން އަޑެކެވެ. ޤުރުއާން ހިތުދަސް ހާފިޒެކެވެ. ޤުރުޢާނުގެ އިލްމް އިތުރަށްވެސް އުގެނި ދަސްކުރުމުގައި ދެމިހުރި އިލްމަށް އިންތިހާއަށް ލޯބި ކުރާ އެތައް ބައެއްގެ އުސްތާޒެއްވެސްމެއެވެ.
ޤުރުއާނުގެ އިތުރު އިލްމްތައް އަޅުގަނޑު މިހާރު މިދަސްކުރަނީ. ތަފްސީރާއި, ތަޖުވީދުގެ އިތުރު މަރުހަލާ ތަކާއި, ޤުރުއާނުގެ މުއުޖިޒާތް ތަކާއި, ނަބީ ބޭކަލުންގެ މުއުޖިޒާތްތަކާއި, ޢިލްމްވެރިން ހޯއްދަވާފައިވާ މުއިޖިޒާތްތައް. ކޮންމެ ކަލިމައަކުން އަޖައިބު ކުރުވަނިވި ކަންކަން އެބަނެގޭ. ޓިކްޓޮކްގައި އުޅޭ މަޝްހޫރު ޢަރަބި އިލްމްވެރިންގެ ބަސްފުޅުތަކުންވެސް މުއުޖިޒާތް އެބަ ހާސިލްކުރަން
ޢަބްދުއްރަޝީދުގެ ދިރިއުޅުމުން ފެންނާން ހުރީ މުޅިންވެސް މިސާލުތަކެވެ. ނަމޫނާތަކެވެ. އެދިރިއުޅުމުން ހޯދަންވީ ހިތްވަރެވެ. ނުވާނޭ ބުނެ ފަހަތަށް ނުޖެހި, ވާނެއޭ ބުނެ ކުރިއަށް ދެވޭނެކަން އެދައްކައިދެނީ ލޮލުގެ ފެނުން ނެތަސް ހިތުގެ ފެނުމުންވެސް ކުރިއަށް ދެވޭނެކަން ސާބިތުކޮށްދެމުންނެވެ.
Maashaa Allah haadha hihgaimu kiyaalumekey haadha molhu madhadhu gaarekey,ehvs kusheh nethi e kiyaalany khuthubaa eh, abadhu vs dhuaa akee thi ilmee madhadhu gaaru ah ithuru kuri erumaa kaamiyaabee eh allah minvaru kurehvun.