ލޮލަކަށް ނުފެނެ, އަސާސީ ތައުލީމެއް ނުލިބެ, އެހޯދީ މާސްޓަރސް

1829

ހަމައެކަނި ސުރުޚީގައި އޮތް ތިން އިބާރާތަކާމެދު ވިސްނާލާށެވެ. އުފަންވީންސުރެވެސް ލޮލަކަށް ނުފެނެއެވެ. އަސާސީ ތައުލީމްގެ އެއްވެސް މިންވަރެއް ނުލިބުނެވެ. ސްކޫލަށް ދިއުމުގެ ނަސީބެއްވެސް ނުލިބެއެވެ. އެކަމަކު މިހާރު ފަޚުރުވެރިކަމާއެކު އެބުނަނީ ތިމަންނާއަކީ މާސްޓަރސް ޑިގްރީ ހޯލްޑަރެކެވެ.

މިއީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މިއޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެރޭ ބޭއްވި ގްރެޖްއޭޝަންގައި މާސްޓަރސް ޑިގްރީ ހާސިލްކުރި ލޮލަށް ނުފެން 9 މީހުންގެ ވާހަކައެވެ. މިލިޔުން މިޚާއްޞަކޮށްލަނީ އޭގެތެރެއިން އެކަކަށެވެ. އެއީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ހިނގަމުންދާ ދައުރުގެ ރައީސް ހުސައިން ޝަރީފެވެ. ފ.ފީއަލީ މިސްކިތުގެ އިމާމެވެ.

ގަދަ ކަނޑެއްގައި ބޮޑަތި ރާޅުތަކާއި, ބާނިތަކާވެސް ދެކޮޅަށް ދަތުރުކޮށް އަމާން މަންޒިލަށް ހުސައިން ޝަރީފް ބަނދަރު ކުރީ ކިހިނެއް ހެއްޔެވެ. އެއްވެސް ނުކުޅެދުންތެރިކަމެއް ނެތް, އަސާސީ ތައުލީމްގެ ފުރުޞަތާއި, މަދަރުސާއަށް ދިއުމުގެ ނަސީބު ލިބުނު އެތައް ބަޔަކު އެގަދަ ކަނޑުގައި ދަތުރުކޮށް ނާކާމިޔާބުވެ އަނބުރި އައިކޮޅަށްވެސް ބަނދަރުކޮށްފިއެވެ. ހުސައިން ކާމިޔާބުހޯދީ ކިހިނެއްހެއްޔެވެ. މިއުފާވެރިކަން ހޯދީ ކިހާވަރެއްގެ ގޮންޖެހުންތަކަކަށް ފަހުހެއްޔެވެ!

މިއީ ވަރަށް އުފާވެރި ރެއެކޭ ދެންނެވޭނީ. މާސްޓަރސް މިހާސިލްކުރީ, މިހިސާބަށް ދަތުރުކުރި ކަމުގައިވިޔަސް މިއީ ވަރަށްބޮޑު ޗެލެންޖެއް. ވަކިން ޚާއްޞަކޮށް އަޅުގަނޑުމެން ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް, ވަކިން ޚާއްޞަކޮށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށްބޮޑު ޗެލެންޖެއް. މިކަމުގެ ފަހަތުގައި ވަރަށް ބައިވަރު ހުރަސްތަކާ އެހީތެރިވި, އެކިއެކި ފަރާތްތަކާ މިކަހަލަ ބައިވަރު ކަންތައްތަކެއް މިހިމެނެނީ.

އަސާސީ ތައުލީމްގެ ފުރުޞަތު ނުލިބި, މަދަރުސާއެއްގެ ދޮރުން ވަނުމުގެ ނަސީބުވެސް ނުލިބުމަކީ ހުސައިން ބޮޑުވެގެން އައިއިރު ވަރަށްބޮޑު ނާއުއްމިދެކެވެ. އެނާއުއްމީދުގެ މައްޗަށް އޭނާ އިސްކުރީ ވަރަށް ވަރުގަދަ އަޒުމެކެވެ. އެއީ ” ކޮންމެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ލިބެންއޮތް ތައުލީމެއް ޢިލްމެއް ހާސިލްކުރާނަމޭ. ” އެވެ.

ހުސައިންގެ ތައުލީމީ ދަތުރު 2017 ވަނަ އަހަރު ފެށީ އެވަރުގަދަ އަޒުމްގައެވެ. މަތީ ތައުލީމްގެ ކޮންމެވެސް ވަރެއްގެ ފުރުޞަތެއް ލިބިގެންނެވެ. އެޑްވާންސް އާއި ޑިޕްލޮމާ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. އެއަށްފަހު ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ އެފުރިހަމަކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ދިގު ދަތުރުގެ އެންމެ ބޮޑު ޗެލެންޖަކީ އަދި އުނދަގުލަކީވެސް ލޮލަށް ނުފެނުމެވެ. އޭގެ ސަބަބުން ގިރާކުރަން ޖެހުނު, ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކެވެ.

އަޅުގަނޑުމެންނަށް އެކްސެސިބަލް މެޓީރިއަލް އޯޑިއޯ ލިބެން ނެތީމަ އަޅުގަނޑުމެން މިޖެހެނީ ފިލާވަޅުތައް ދަސްކުރަންވެސް އެހެން ކަންކަމަށް ތައްޔާރުވާންވެސް އެކިއެކި މީހުންގެ އެހީތެރިކަން ހޯދައިގެން މީހަކު ލައްވާ ރެކޯޑްކޮށްގެން, މީހަކު ލައްވާ ކިޔުއްވައިގެން މިކަހަލަ ބައިވަރު ބައިވަރު ޗެލެންޖަރސް އަސްލު ހަގީގަތުގައި އެބަހުރި.

އެގޮންޖެހުންތައް ގިރާކޮށް, މާސްޓަރސް ޑިގްރީގެ އުފަލާއެކު ހުސައިންގެ އޮތީ ވަރަށްބޮޑު އުއްމީދެކެވެ. އެކަމަކު އެއީ އަމިއްލަ ނަފްސަށް އޮތް އުއްމީދަކަށްވުރެ އޭނާފަދަ އެހެން މީހުންނާމެދު ކުރާ އުއްމީދެކެވެ. ހަމައެހެންމެ އޭނާއާ އޭނާފަދަ އެކުވެރިން ކުރި ތަޖުރިބާއިން ފިލާވަޅުތަކެއް ދަސްކޮށް މުއައްސަސާތަކުން ‘ހެޔޮ’ މަސައްކަތްތަކެއް ކުރާނެ ކަމުގެ އުއްމީދެވެ.

އަޅުގަނޑުމެން މިއުއްމީދު ކުރަނީ އަޅުގަނޑުމެން މިކިޔެވުމުގެ ތެރެއިން އަޅުގަނޑުމެން އެކިފަރާތްތަކާއެކި މިކުރި މަސައްކަތްތަކާ އަޅުގަނޑުމެން މިކުރި ހިތްވަރުން އަޒުމް އާވެގެން އަޅުގަނޑުމެންފަދަ މުސްތަޤްބަލްގަ އަންނަން ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަޖުރިބާކުރި ކަންތައްތައް ތަޖުރިބާކުރަން ނުޖެހުން އަޅުގަނޑުމެންގެ އުއްމީދަކީ. އަދި އަޅުގަނޑުމެން މިކުރި މަސައްކަތް ފެނިގެން މުއައްސަސާތަކުންވެސް މިރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުވެގެންގޮސް އަޅުގަނޑުމެންފަދަ އަންނަން ތިބި މުސްތަޤްބަލަށް އެކަންކަން ތަޖުރިބާކުރަން ނުޖެހުން ދުއާއަކީ.

ހުސައިގެ ތައުލީމީ ދަތުރުގެ ވަރަށް ދިގު ރާސްތާއެއް ކަޑައްތުވީއެވެ. ނިމުމެއް ނެތް ތައުލީމީ ދަތުރުގައި ބަނދަރުކުރެވުނު ހިސާބަށް ބަނދަރުކުރެވުނީ ވަރަށްގިނަބައެއްގެ އެހީތެރިކަން ލިބިގެންކަން ހުސައިން ފާހަގަކުރެއެވެ. މައިބަފައިންނާއި އާއިލާއެވެ. އެކުގައި ކިޔެވި ދަރިވަރުންނާއި ލެކްޗަރައިންނެވެ. އެނޫނަސް އެކިގޮތްގޮތުން އެހީޔެރިވި ފަރާތްތަކެވެ. އެހުރިހާ ފަރާތްތަކަށް ހުސައިންގެ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އެޝުކުރުގެ އެންމެ ބޮޑު ހައްޤުވެރިއަކީ އަދި އެއުފާ ހުސައިންނާ އެއްވަރަށް ކުރާ ފަރާތަކީ އޭނާގެ ލޮބުވެތި މަންމައެވެ. އެމަންޒަރު އެންމެ ކައިރިން ދެކެން އެއުފާވެރި ރަސްމިއްޔާތުގައި އިނީވެސް އެމަންމައެވެ.

އަލްހަމްދުالله. ވަރަށް އުފާކުރަން, ވަރަށް އުފާކުރަން އަޅުގަނޑުގެ ދަރިފުޅަށް މިފަދަ ކާމިޔާބެއް ލިބުނީތީވެ.

ލޮލަށް ނުފެނުނަސް, ސްކޫލަކަށް ނުދެވުނަސް, ހުސައިން ޝަރީފްއަކީ އެވަނީ މާސްޓަރސް އޮފް އިސްލާމިލް ރިވީލްޑް ނޮލެޖް ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައެވެ. މިއީ ހަމަ ކޮންމެ މީހަކަށް ހިތްވަރެކެވެ. އުއްމީދެކެވެ.

@happehafsy

ލޮލަކަށް ނުފެނޭ, އެކަމަކު އެހާސިލް ކުރީ މާސްޓަރސް! މާސްޓަރސް ޑިގްރީ ހާސިލް ކުރި ފެނުމުގެ ނުކުޅެދުންތެރިކަން ހުރި 9 މީހުންގެ ތެރެއިން ހުސައިން ޝަރީފްގެ ތައުލީމީ ދަތުރު ކުރުކޮށް BVISM #Masters #IUM #maldives #maldivestiktok #Education #Hafsee #hafseeabdulla

♬ original sound – Hafsee.com – Hafsee.com
ލިޔުމާ ގުޅޭ ވީޑިއޯ އިންޓަރވިއު
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ލޮލަކަށް ނުފެނެ, އަސާސީ ތައުލީމެއް ނުލިބެ, އެހޯދީ މާސްޓަރސް

Comments are closed.