މިޞްރުގައި ކިޔަވަންތިބި ދެ ދަރިންނާ ބައްދަލުވީ މައްކާއިން

5448

މުޙައްމަދު ޝާހިދުގެ ދެމަފިރިންނަށް މައްކާގެ މާތް ބިމަށް އާދެވުމުގެ އުފާ އަލެއް ނޫނެވެ. އެދެމަފިރިން މިމާތް ބިމަށް އާދެއެވެ. އުފާވެރިކަން ހޯދައެވެ. އެހެނަސް މި ނިމުނު ރަމަޟާން މަހުގެ ފަހު 15 ގެ ދުވަސްތަކަށް މައްކާއަށް ކުރި ދަތުރު ޚާއްޞައެވެ.

މާލެއަށް އުފަން ދެމަފިރިން ޢުމްރާގެ އަޅުކަމަށް ކުރި ދަތުރު ޚާއްޞަވަނީ އެމީހުންގެ އަންހެން ދަރިފުޅާއި, އެދަރިފުޅުގެ ފިރިމީހާއާ މިމާތްބިމުން ބައްދަލުވެ, ދުވަސްތަކެއް އެކުގައި ހޭދަކުރުމުގެ ނަސީބުވެސް މާތްالله މިންވަރު ކުރެއްވުމުންނެވެ. އެދެމަފިރިންގެ އަންހެން ދަރިފުޅާއި އެދަރިފުޅުގެ ފިރިމީހާ މިވަގުތު ދިރިއުޅެމުންދަނީ މިޞްރުގައެވެ. އެއީ މަތީ ތައުލީމް ހާސިލްކުރުމަށެވެ. ދެކުރިންވެސް މިޞްރުގައި ކިޔަވަމުންދަނީ ސައިކޮލޮޖީގެ ދާއިރާއިންނެވެ.

މިޞްރުގައި ތިންވަނަ އަހަރެއް ހޭދަކުރަމުންދާ އެދެކުދިން މިޞްރަށް ދިޔައީ ހަމަ ކައިވެނި ކުރުމާ ގާތުގައެވެ. މުޙައްމަދު ޝާހިދުގެ ދެމަފިރިންނާއި, ދެދަރިންނަށްވެސް ޢުމްރާގެ އަޅުކަމަށް މައްކާއަށް ކުރަމުންދާ ދަތުރު ޚާއްޞަވަނީ މިމާތް ބިމުން ބައްދަލުވީތީއެވެ. އެކުގައި އުމުރާގެ އަޅުކަން އަދާކުރުމުގެ ނަސީބު މިންވަރުކޮށްދެއްވީތީއެވެ. އެއް ގްރޫޕެއްގައި އައިސް އެއް ހޮޓަލެއްގައި އެކުގައި ދުވަސްތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބުނީތީއެވެ.

މިޞްރުގައި ކިޔަވަން ހުންނަ އަންހެން ދަރިފުޅާއެކު މަންމަ ޠާއިފްގައި: ފޮޓޯ-ޙަފްޞީ

މައްކާގައި ހުރެ މުޙައްމަދު ޝަރީފް ބުނީ މިފަދަ ގޮތަކަށް މިކަން ފަހުވާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް އެދި ‘ޢަރަފާތު ޙައްޖު އެންޑް ޢުމްރާ ގްރޫޕް’ ގައި އެދުމުން ވަރަށް ފަސޭހައިން އެކަން އިންތިޒާމް ކޮށްދިން ކަމަށެވެ.

މީދެން އަޅުގަނޑުމެންގެ ގްރޫޕްގެ ފަރާތުން ކޮށްދެއްވި ވަރަށްބޮޑު ކަމެއް. އަޅުގަނޑުމެން ހިތަކަށްވެސް ނާރަ ދެން މިކަން މިގޮތަށް ކުރެވޭނެ ކަމަކަށް. އެހެންނަމަވެސް ގްރޫޕާ ހަމަ ވާހަކަދައްކައިގެން އެގޮތަށް ހަމަޖަސައްސަވައިދެއްވި ވަރަށް ފަސޭހައިން, ވިސާކަންތަކާ އެއްޗިހިވެސް. އަޅުގަނޑުމެން ކުރީގަވެސް އަންނަން, އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދަތުރަކަށް މިވެގެން ދިޔައީ.

ކުދިންގެ މަންމަވެސް ބުނީ މިދަތުރުން ލިބުނު އުފާވެރިކަން ބޮޑު ކަމަށެވެ. ދެކުދިންނާއެކު މާތް ބިމުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ފުރުޞަތު ލިބުމުން މަންމައާއި ދެދަރީން (ދެމަފިރީން) ވެސް ތިބީ އުފަކުންނެވެ. ހަތަރު މީހުން އެކުގައި ހޭދަކުރާ ވަގުތުތަކާއި ހަރަކާތްތަކުން އަދި މޫނުމަތީން މާރަނގަޅަށްވެސް އެވާހަކަތައް ބުނެދެއެވެ.

އަލްހަމްދުالله, ވަރަށް ބޮޑު އުފަލެއް މިއީ, ވަރަށް އުފާވެފަ މިތިބީ.

މާލެއިން ދެމަފިރިން ޢުމްރާގެ އަޅުކަމަށް އައީ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން ދެދަރީން މައްކާއިން ބައްދަލުކުރިއެވެ. ހަތަރު މެމްބަރުންގެ މިއާއިލާ މަދީނާއަށްވެސް ދަތުރުކުރާނީ އެކުގައެވެ. ވަކިވާނީ މަދީނާ ދަތުރަށްފަހު މަދީނާއިންނެވެ. މަންމައާ ބައްޕަ އެނބުރި ދާނީ މާލެއެވެ. ދެދަރީން ކިޔެވުން ފުރިހަމަ ކުރުމަށް މިޞްރަށެވެ.

ބައްޕަ މުޙައްމަދު ޝާހިދު އެއުފާވެރިކަން ޙިއްޞާކުރަނީ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “މިޞްރުގައި ކިޔަވަންތިބި ދެ ދަރިންނާ ބައްދަލުވީ މައްކާއިން

  1. މުޙައްމަދު ޝަރީފާއި މުޙައްމަދު ޝާހިދާ އެއީ ދެމީހެއްތަ ނުވަތަ އެކަކުތަ؟

Comments are closed.