މިދިޔަ ދައުރު ނިމުނުއިރު ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ދިޔައީ ހިނގަމުންނެވެ. ރަށު ކައުންސިލް އިދާރާގެ އާއިމާރާތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދިޔައެވެ. ރައްކާތެރި ބަނދަރަކަށް ބަދަލުކުރުމުގެ މަސައްކަތާއި, ފުޓްސަލް ދަނޑު ދަނޑެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމާ އޮތީ ދާދި ގާތުގައެވެ. މިއީ 240 ހަކަށް މީހުންގެ ދިއްދޫގެ ރައްޔިތުންނަށް ތިބި އުއްމީދީ ހާލަތެވެ.
މިއަދުގެ ހާލަތު މުޅިން ބަދަލުވެއްޖެއެވެ. ފެނާއި ނަރުދަމާގެ މަސައްކަތެއް ނުހިނގައެވެ. ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓިއްޖެއެވެ. ބަނދަރާއި, ފުޓްސަލް ދަނޑުގެ މަސައްކަތަށް ދެން ވާނެ ގޮތެއް ނޭންގެއެވެ. މިއީ ކައުންސިލް ރައީސް ޣައްސާން އަބްދުالله ވިދާޅުވި ވާހަކައެވެ. އެރަށަށް ޒިޔާރަތްކުރުމުން ފެންނަން ހުރި ހަގީގަތެވެ.
ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް މުޅިން ހުއްޓުނުއިރު މަސައްކަތުގެ %85 ނިމިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ އަޑީގައި ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. ބާކީ އޮތް %15 އިންސައްތަ ނިމޭނެ ދުވަހަކަށްވުރެ ބޮޑަށް ކައުންސިލް ރައީސްގެ ސުވާލު މިވަގުތު އޮތީ ފެށޭނެ ދުވަހަކާ މެދުއެވެ.

ރަށު ކައުންސިލް އިދާރާ ހިންގަނީ އެތަނުން ޖާގައެއް ޕޮލިސް ޑެސްކަށްވެސް ޚާއްޞަކޮށްގެންނެވެ. ހަގީގަތުގައި އެއީ ކައުންސިލް އިދާރާއެއް ކަމުގެ އިހުސާސެއްވެސް ނުވެއެވެ. އެކަންބޮޑުވުމަށް ހައްލު ހޯދައިދޭން އަޅަން ފެށި އާ އިމާރާތްވެސް ރާނާ ނިމެނީއެވެ. އެކަމަކު އެއީ މިދައުރު ފެށުމާ ހަމައަށެވެ. ދައުރު ފެށި މާގިނަ ދުވަސްތަކެއް ނުވެ މަސައްކަތް މުޅިން ހުއްޓިއްޖެއެވެ. ކައުންސިލްގެ އޮތީ ކަންބޮޑުވުމެވެ. އަލުން ފެށޭނެ ދުވަހެއްގެ ސުވާލެވެ.
މޫސުން ގޯސްނަމަ ރަށު ބަނދަރުގައި އޮޑޮދޯނި ފަހަރު އަޅާފައި ނުބޭއްވޭނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެކަންބޮޑުން ހިއްސާކުރުމުން މިދިޔަ ދައުރުގެ ތެރޭގައި އެކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަން ނިންމާ އެމްޓީސީސީއާ ހަވާލުކުރިއެވެ. އެކަމަކު މަސައްކަތް އަމަލީ ގޮތުން ނުފެށި ރައްޔިތުންގެ ނިންމުމާއެކު ދައުރުވެސް ބަދަލުވެގެން ދިޔައީއެވެ. މިއަދު ކައުންސިލްގެ ސުވާލަކީ އަލުން އެމަސައްކަތް ކުރެވޭނެތޯއެވެ.

ދިއްދޫ ރައްޔިތުންގެ ދެން އޮތް ކަންބޮޑުވުމަކީ ރަށް ގިރުމެވެ. އެއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށް ކައުންސިލުން ދެކެއެވެ. އަދި އެމަސައްކަތް މިސަރުކާރުން އަވަހަށް ކޮށްދޭނެ ކަމުގެ އުއްމީދު ކައުންސިލަށް އެބައޮތެވެ. އެމައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެދެނީ ލަސްނުކޮށް އަވަސް ހައްލެއް ހޯދައިދިނުމެވެ.
އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން މިކަމަށް ވަނީ ސަރުކާރުން ބަޖެޓް ހަމަޖެހިފަ. އަޅުގަނޑުމެން މިތިބީ ވަރަށްބޮޑު އުއްމީދެއްގައި އެކަމަށް ވީއެންމެ އަވަހަކަށް ހައްލެއް ލިބުން.
އާބާދީ މަދަސް މިއީ ކުޅިވަރުގައި ޗެމްޕިއަނެކެވެ. ރަނގަޅު ވޮލީބޯޅަ ކޯޓެއް ރަށުގައި އެބައޮތެވެ. މިދައުރާ ހަމައަށް އައީ އެކޯޓް ޒުވާނުން ބޭނުން ކުރަމުންނެވެ. ވޮލީބޯޅައިގެ މިއީ އަތޮޅުގެ ޗެމްޕިއަނެކެވެ. ގައުމީ އަންހެން އަދި ފިރިހެން ޓީމަށްވެސް މިރަށުން ތަރިން ނެރެދީފިއެވެ. އާބާދީ މަދަސް ތަރިން އުފެއްދޭނެކަން ސާބިތުކޮށްދީފިއެވެ. މިހާރު އުއްމީދަކީ ހަމައެކަނި ވޮލީބޯޅައަށް ބަރޯސާނުވެ ފުޓްސަލްގައިވެސް ޗެމްޕިއަނަކަށް ވުމެވެ. އެކަމަކު ފުޓްސަލް ދަނޑެއް ބޭނުންވެއެވެ.
އެކަމަށް އިއުލާނުކޮށް, ބިޑްކޮށްފަ ކުރީފަހަރުވެސް ބަޖެޓް ހަމަނުޖެހުގެން އެކަން ނުފެށި އޮތީ.
މިއީ އެންމެ ރަށެކެވެ. ފެށި ނިމުމާ ކައިރިވެފައިވާ މަޝްރޫއުތައް އަލުން ބަލުން ފަށަން ޖެހުމުގެ ކުރިން ނިންމާ ޚިދުމަތް ދެވޭވަރު ކުރުމަކީ ރަށު ރައްޔިތުންގެ އުއްމީދެވެ. ކައުންސިލުގެ އާދޭހެވެ.

Thee midhiya sarukaarun fashaafa adhi midhiya sarukaarun huhtuvaafa huri kankan hurihaaves midhiya sarujaarakun dhidhdhoo gai ehves kameh fashsigen nimmaidheefa neihkan v hithaama aa ekyga dhannavan jeheny