މިރަށަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ދިއްދޫ ރައްޔިތުން މަރުހަބާ ދަންނަވާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް.
ދިއްދޫ ކައުންސިލްގެ ނައިބުރައީސް އަހުމަދު އާދަމްގެ ވާހަކަ ފެއްޓެވި ހިސާބަކީ މިއީއެވެ. ދެން އޮތީ ސަބަބެވެ. ދިއްދޫގެ ޚާއްޞަ ކަމަކީ ކުށް މަދުވުމާއި, ހަމަހިމޭން ކަމެވެ. ރާއްޖޭގެ ރައްޔިތުންނާއި, ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ނައިބުރައީސް ދެއްވި ޔަގީންކަމަކީ ހިތްފަސޭހަ, ހިތްގައިމު މާހައުލެއް ބޭނުންނަމަ އެމާހައުލަކީ ދިއްދޫ ކަމެވެ.
މިއީ ގިނަ ބައެއްގެ ހިޔާލަށް ނާންނަ މަދު މީސްކޮޅެއް ދިރިއުޅޭ ރަށެކެވެ. ކައުންސިލް އިދާރާގައި އޮތް ދަފްތަރުގައި އޮތީ 234 މީހެއްގެ ނަމެވެ. އެއީ ރަށުގެ ޖުމްލަ އާބާދީއެވެ. އެކަމަކު އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 100 އެއްހާ މީހުންނެވެ. ތަފާތު މަސައްކަތްތަކުގައި އުޅޭ ބިދޭސީންގެ އަދަދު އެއްކޮށްލުމުން 140 އެއްހާ މީހުންނެވެ. ސްކޫލްގައި ތައުލީމް ހާސިލް ކުރަނީ އެންމެ 16 ދަރިވަރުންނެވެ.

ޞިއްޙީ މަރުކަޒުން ހެނދުނުން ހަވީރު 4:00 އަށް އަދި ރޭގަނޑު އެއް ގަޑިއިރަށް ޚިދުމަތް ދެއެވެ. ރަށުގައި ޑޮކްޓަރަކާއި ނަރުހެއް ހުރެއެވެ. ބޭސްފިހާރައެއް އެބަހުއްޓެވެ. އާބާދީ މަދަސް ދެ ކެފޭ ހުރެއެވެ. ޢާއްމުކޮށް ފިޔަފާރި ކުރާ ހުރީ އެއް ފިހާރައެވެ. އެކަމަކު ޢާއްމުކޮށް ބޭނުންވާ ސާމާނު ލިބެއެވެ.
ލޯކަލް ޓޫރިޒަމްގައި ކުރިމަގު ވަރަށް އުޖާލާ ރަށެއްގެ ނިޝާންތައް ފެނެއެވެ. މިވަގުތު ޚިދުމަތްދޭ 3 ގެސްޓްހައުސް އެބަހުއްޓެވެ. އަޅުގަނޑުގެ މިދަތުރުގައި މަޑުކޮށްލީ ‘ދޮންތަކުރު ގެސްޓްހައުސް’ ގައެވެ. ފެހިކަން ގަދަ ހިތްގައިމު މާހައުލެކެވެ. ސާފްތާހިރު ‘ސަޅި’ ގެސްޓްހައުސްއެކެވެ. ރަހުމަތްތެރި މާހައުލެކެވެ. ޗުއްޓީއަކަށް މަޑުކޮށްލަން ބަރާބަރެވެ. ދިވެހިންނަށް މިވަގުތު އޮތް ޚާއްޞަ އަގަކީ ދުވާލަކަށް 700 ރުފިޔާ އެވެ.

އިމާރާތްކުރަމުންދާ ދެ ގެސްޓްހައުސްގެ މަސައްކަތް މިވަގުތުވެސް ކުރެއެވެ. އެއީ 23 ކޮޓަރީގެ ތަނަކާއި, 19 ކޮޓަރީގެ ތަނެކެވެ. ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދު ތަރައްޤީ ކުރަމުންދަނީ ފާޚާނާއާއި, އެހެން ވަސީލަތްތައްވެސް ހިމެނޭ ގޮތަށެވެ. ދިވެހިންނަށް ޚާއްޞަ ބީޗް ސަރަހައްދު މިހާރު ވަނީ ތަރައްޤީ ކޮށްފައެވެ. ވަސީލަތްތަކާއެކުއެވެ. ޚާއްޞަކޮށް ވާރޭ ވެހުނަސް ބޭނުންކުރެވޭނެ ގޮތަށް ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވުނެވެ.

ލޯކަލް ޓޫރިޒަމްގައި މިރަށް ޚާއްޞަވާ ސަބަބުތަކަށް ބަލާއިރު ވަރަށް ކައިރީގައި ރީތި އެހެން ރަށްތަކެއްވެސް ހުރުމަކީ އެއް ސަބަބެވެ. ރާއްޖޭގެ އެންމެ ރީތި ދުނޑި ‘ދިގުރަށު ތުނޑި’ އަށް ޑިންގީއެއްގައި ފަސް މިނިޓުން ދެވެއެވެ. ވަރަށް ރީތި ތުނޑިއެއް އޮތް ފެންފުށްޓަށް ވެސް ޑިންގީއެއްގައި 10 ވަރަކަށް މިނިޓުން ދެވޭނެއެވެ. އަތޮޅުގައި އެއަޕޯރޓް އޮތް މާމިގިއްޔަށް ދާން ގިނަވެގެން ނަގާނީ 5 މިނިޓެވެ.
ދިއްދޫއަކީ ކުޅިވަރުގެވެސް ރަށެކެވެ. ޚާއްޞަ ކުޅިވަރަކީ ވޮލީބޯޅައެވެ. ޤައުމީ އަންހެން ޓީމާއި, ފިރިހެން ޓީމްގައިވެސް މިރަށުގެ ކުޅުންތެރިން ވިދާލައިފިއެވެ. އަތޮޅުގެ ޗެމްޕިއަނެކެވެ.
މިރަށުގެ އެންމެ ހިތްގައިމު އުފާވެރި ކަމަކީ މަދު އާބާދީއެއްގައި ހަމަހިމޭން މާހައުލެއްގައި ވަގުތުހޭދަކޮށް ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިވުމެވެ.
މިރަށުގެ އެންމެ ޚާއްޞަ ކަމަކީ ދުއްވާ އެއްޗިހި މަދުވެފައި ދެން އަޑު މަޑު ދެން ވަރަށް މީހުން ހިތްހަމަޖެހޭ ކަހަލަ ރަށެކަށް ވީމަ.
ދެންއޮތީ މިރަށަށް ދަތުރުކުރަން އޮތް މަގުތަކެވެ. އަހަރެން މިރަށަށް އައީ ނީޝާ އެކްސްޕްރެސް 3 ގައެވެ. މާލެއިން އެއަޕޯރޓަށް, އެއަރޕޯޓުން ފުރައިގެން 1 ގަޑިއިރާއި 45 މިނިޓްގެ ދަތުރެކެވެ. ލޯންޗްގައި މިރަށަށް އައުމަށް ނަގަނީ ކޮޅަކަށް 500 ރުފިޔާ އެވެ. މާމިގިލި އެއަޕޯރޓުން އައުމުގެ ފުރުޞަތު އެބައޮތެވެ. އެކަމަކު އެކަމަށް ހިނގާ ޚަރަދު ބޮޑެވެ. ހެޔޮ އަގުގައި ދަތުރުކުރުމަށް އަތޮޅު ފެރީއާއި މާމިގިލި ބޯޓު އެބައޮތެވެ. އަތޮޅު ފެރީން ކޮޅަކަށް 53 ރުފިޔާ އެވެ. މާމިގިލި ބޯޓުން ކޮޅަކަށް 150 ރުފިޔާ އެވެ. ބޭނުން ގޮތެއް އިހުތިޔާރު ކުރަންވީއެވެ. މިރަށަށް ގޮސްގެން ‘ދެވުނުމޮޔަ’ ހިއެއް ނުވާނެއެވެ.

މިރިޕޯޓްގައި، ދިއްދޫއަކީ ވައްކަމާއި ކުއްމަދު ރަށެއްކަން ފާހަގަކޮށް، މިސްކިތު ބޭރުގައި ފޯނުފަދަ އަގުބޮޑެތިތަކެތި ބަހައްޓާފައި، ނަމާދަށް އަރާފައި ފައިބާއިރުވެސް އެތަކެތި ރައްކާތެރިކަމާއެކު ހުންނަކަން ފާހަގަ ކޮށްލިނަމަ ވަރަށް ފުރިހަމަވީސް. އެއީ މިހާރު މަދުންް ނޫނީ ރާއްޖޭގެ ރަށްތަކުން ނުފެންނާނެ މަންޒަރެއް♥️