ވ.ތިނަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު އަދި ރަށްވެހިންގެ ތެރެއިން އެންމެ މަދު ބަޔަކު ރަށުގައި ދިރިއުޅޭ އެއް ރަށެވެ. ރަށުގެ ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިއުޅެނީ އެންމެ ފަންސާހަކަށް މީހުންނެވެ. ވީއިރު މިރަށަށް ބަނދަރެއް ހަމަ އެހާ މުހިއްމު ހެއްޔެވެ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާޤު ހުސައިން ވިދާޅުވީ އެރަށަށް ބަނދަރެއް ހަމަ ކޮންމެހެން ބޭނުން ކަމަށެވެ. ސަބަބުތައް ތަފްސީލް ކޮށްދިނީ ރަށު ރައީސް އެވެ.
ރަށުގެ އާބާދީ މަދަސް ރަށަށް އަބަދުމެ އަރާފައިބާ މީހުންގެ އަދަދު މަދެއް ނޫނެވެ. ރަށުގައި ހިންގާ 9 ގެސްޓްހައުސް އިން 500 ފަތުރުވެރިންނަށް ޚިދުމަތް ދެއެވެ. ހަފްތާ ބަންދުގައި ވަކިން ޚާއްޞަކޮށް ގިނަ ދިވެހިން ރަށަށް އަރާ ފައިބައެވެ. ރާއްޖޭގެ އެކި ރަށްރަށުގެ ޒުވާނުން ވަޒީފާ އަދާކުރަން މިރަށުގައި ދިރިއުޅެއެވެ. އެހެންވީމާ ކައުންސިލް އިދާރާގައި އޮތް ރަށްވެހިންގެ ލިސްޓްގައި މީހުންގެ އަދަދު މަދަސް ހަގީގަތުގައި ރަށަށް އަރާފައިބާ, ބަނދަރުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު މަދެއް ނޫނެނެވެ.

މިއީ ވ.އަތޮޅުގައި ހަމައެކަނި އުޅަނދުތަކަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތްދޭ ބަނދަރެވެ. މިސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި, މާލެއިން މަސްދަތުރުތަކަށް ނިކުމެ އުޅޭ ލޯންޗް ތަކާއި, މިސަރަހައްދުގެ ރިސޯރޓްތަކުގެ އުޅަނދުތައްވެސް ތެޔޮއަޅަން ތިނަދޫ ބަނދަރަށް ވަދެއެވެ. އެކަމަކު ބަނދަރު ކުޑަވެ ޖާގަ ނެތުމުން އެޚިދުމަތް ދިނުމަށްވެސް ގޮންޖެހުން ބޮޑުކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
މިތަށުގައި އިމާރާތް ކުރުމުގެ މަރުހަލާގައި މިހާރުވެސް ގިނަ ގެސްޓްހައުސްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި 400 ކޮޓަރީގެ ގެސްޓްހައުސް އެއްވެސް ހިމެނެއެވެ. އެތަންތަން ނިމި ޚިދުމަތަށް ދާއިރު މިހާރު އޮތް ބަނދަރުން ޚިދުމަތެއް ދެވޭނެ ކަމަށް ކައުންސިލުން ގަބޫލެއް ނުކުރެއެވެ. އެގެސްޓްހައުސް ތަކުގެ ޚިދުމަތަށް ގެންނަ ކަނޑު އުޅަނދުތައް ބާއްވާނެ ޖާގައެއް ނެތެވެ. ބަނދަރުގައި ޖާގަ ނެތުމުން މިހާރުވެސް މޫދަށް ނުބޭލި ހުރި އުޅަނދުތައް އެބަހުއްޓެވެ.
ދެން އޮތީ ބަނދަރެއް ހަދަން ކުރަން ޖެހޭ ޚަރަދުގެ ވާހަކައެވެ. ތިނަދޫގެ ބަނދަރަކީ މިދިޔަ ސަރުކާރުން އެމްޓިސީސީއާ ހަވާލުކޮށްފައިވާ ބަނދަރެކެވެ. އެބަނދަރުގެ އަގަކީ 43 މިލިއަން ރުފިޔާއެވެ.
ތިނަދޫގެ ބަނދަރު ބަޖެޓް ކޮށްފައި އޮތީ 43 މިލިއަން ރުފިޔާއަށް. ތިނަދޫން އަހަރަކު 24-25 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ވައްދާ. ތިނަދޫއަށް ބަޖެޓަށް ހަދައިދީގެން ދައުލަތް ދަރަނިވެރިވެގެން ދާކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ.
ދެން އޮތީ ބަނދަރެއް ހަދަން މިދިޔަ ސަރުކާރުގައި ހަވާލުކޮށް, މަސައްކަތް ނުފެށި އޮތީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އީއައިއޭ ރިޕޯރޓް ނިމި ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި މިދިޔަ ސަރުކާރުވެސް ނިމި އާސަރުކާރެއް ރައްޔިތުން އިންތިޚާބު ކުރީއެވެ. މިސަރުކާރުންވެސް ތިނަދޫ ބަނދަރުގެ ޔަގީންކަން ދެއްވިއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ދެތިން ދުވަސް ކުރިން އެމްޓީސީސީގެ ޓީމް ތިނަދޫގައި މޮބަލައިޒް ކުރި ނަމަވެސް އެޓީމް އަނބުރާ ދަނީ މަސައްކަތް ނުފެށިއެވެ.
ހިތާމައަކީ މިހާރު ވ.ތިނަދޫގައި މޮބަލައިޒް ވެގެން އޮތް އެމްޓީސީސީގެ ޓީމް ފައިބަން ނިންމައިފި. އެމްޓީސީސީން މިރަށު ބަނދަރު ނަހަދާ ފައިބަން ނިންމައިފި. ކުރިއަށް އޮތީ އިރުވައި މޫސުން. އަޅުގަނޑުމެންނަކަށް ނެތް ވަގުތެއް މީސް މީހުން ކައިރިއަށް ގޮސްގެން އެހީ ހޯދައިގެން ބަނދަރު މަރާމާތު ކުރާކަށް
ތިނަދޫގައި މިހާރު އޮތް ބަނދަރުގެ ހާލަތަކީ ކޮބައިތޯ އެވެ. އަދި އާބާދީ ކުޑަ މިރަށަށް ބަނދަރެއް ހަދައިދިނީ ކޮން ސަރުކާރަކުންތޯ އުފެދޭ ސުވާލުވެސް ބޮޑެވެ. މިރަށުގައި މިހާރު އޮތީ 2007 ވަނަ އަހަރު ހެދި 300 ފޫޓްގެ ބަނދަރެކެވެ. އެއީ ރައްޔިތުން ނިކުމެ ސަލާން ޖަހައިގެން ހެދި ބަނދަރެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެކި ފަރާތްތަކުން އެހީ ހޯދައިގެން ހެދި އެބަނދަރަކީ ސަރުކާރާ ގުޅުމެއް އޮތް ސަރުކާރުން ހަދައިދިން ބަނދަރެއް ނޫންކަމަށް ވިދާޅުވިއެވެ. ކައުންސިލް ރައީސް ވިދާޅުވީ ‘ މިރަށުގައި ސަރުކާރަކުން ހަދައިދިން ބަނދަރެއް ނޯންނާނެ’ ކަމަށެވެ.

ބަނދަރުގެ މިހާރުގެ ހާލަތަށް ބަލާއިރު އެއްގަމު ތޮށި މިހާރުވެސް އޮތީ ވެއްޓިފައެވެ. ރާޅުތައް ބަނދަރަށް ވަންނަން ހުރަހެއް ނެތެވެ. ބަނދަރުގެ ހުޅަނގުފަރާތު ތޮށިގަނޑު އޮތީ އަރިއަޅާލައިގެން ވެއްޓި, ބޭނުން ނުކުރެވޭ ހާލަތަކަށް އައިސްފައެވެ. އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެއްގަމު ތޮށްޓާއި މީހުން އަރާފައިބާ ސިޑިވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ކައުންސިލްގެ ކަންބޮޑުވުމަކީ ކުރިއަށް އިރުވައި މޫސުން އޮތްއިރު އޭގެ ކުރިން ހައްލެއް ނުހޯދުމެވެ. ހައްލެއް ނުހޯދި އިރުވައި ވެއްޖެ ނަމަ ‘ބަނދަރުގައި އޮތް އެއްވެސް އުޅަނދެއް ސަލާމަތެއް ނުކުރެވޭނެ’ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އުޅަނދުތަކުގެ ރައްކާތެރިކަމަށް އެންމެ ކުޑަމިނުން އެއްގަމު ތޮށި މަރާމާތު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަކު ދެން ކައުންސިލުން ނިކުމެ އެހީ ހޯދައިގެން އެތޮށި މަރާމާތުކުރާނެ ވަގުތު ނެތްކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
މިހާތަނަށްވެސް ދެ އަހަރުން އެއް އަހަރު ކަހަލަ ގޮތަކަށް ބަނދަރު މަރާމާތު ކުރަމުން އައީ ރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތެއްގެ އެހީގައި ކައުންސިލުން ކަމަށް ޝިފާޤު ވިދާޅުވިއެވެ. މިހާތަނަށް 10 ނުވަތަ 11 ފަހަރު ބަނދަރު މަރާމާތު ކުރެއްވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަންކަން ހައްލުކުރަން މިހާރު މިއޮތް ބަނދަރު, އަޕްގްރޭޑް ކުރަން ކޮންމެހެން ބޭނުންވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާއި ކައުންސިލް ގުޅިގެން ވަރަށްގިނަ މަރާމާތުކޮށް, ބެލެހެއްޓޭތޯ ވީވަރަކުން މަސައްކަތްކޮށްފިން ކަމަށެވެ. އެކަމަކު ކޮންމެ އިރުވަޔަކު ރައްޔިތުން އުފުލަން ޖެހޭ ތަކުލީފަށް ނިމުމެއް ބޭނުންވާކަން ފާހަގަކުރިއެވެ. ރަށު ބަނދަރުގައި އަޅާފަ ހުންނަ ދޯނިފަހަރުގެ ވާ ކަނޑައިގެން ގޮސް އަޑިއަށްދާ ދިއުމަށް ދާއިމީ ހައްލެއް ބެނުންވާ ކަމަށް ވިދާޅުވިއެވެ. ތޮށިގަނޑުގައި ޖެހި ދޯނި ފަޅައިގެން ދިއުމުގެ ގެއްލުން ބޮޑު ހާދިސާތަކަށް ނިމުމެއް ބޭނުންވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
” މިރަށުގެ ބަނދަރު ހަމަ އެއްކޮށް ފުރިއްޖެ, ކޮންމެހެން ބަނދަރެއް ބޭނުންވެއްޖެ. މިއީ މުޅި އަތޮޅުގެ އެންމެ ބާރުބޮޑު, އެންމެ ގިނައިން ލަފާފުރާ ބަނދަރު.” ކައުންސިލް ރައީސް ވިދާޅުވިއެވެ.
ޓުއަރިޒަމް ކުރިއަރުވަން ރިޒޯޓް ތަކުގަ ވެސް އަރާފައިވަނީ ފޮތް ހަދާދެނީ ސަރުކާރުން ނެއް ނޫން.