މިއީ މިރަށު ރައްޔިތުންގެ ފަޚުރެއް, އާމްދަނީގެ ދޮރުއަށްޓެއް!

2184

މިރަށަށް ފޭބުމާއެކު ސުވާލުކޮށްލެވުނީ ރުނބާ ކޮބައިތޯއެވެ. ރަށަށް ފައިބާއިރު މޮނިއުމަންޓެއްގެ ގޮތުގައި ރުނބައެއް އިންނަކަން އިނގޭތީއެވެ. އަދި އެރުނބާގެ ތެރޭގައި ހަނދެއްވެސް އިންކަން އޮތީ އިނގިފައެވެ. މިރަށަށް މިއާދެވުނީ އަހަރުތަކެއް ފަހުންނެވެ. އެހެންވެ ފުރަތަމަވެސް ހޯދާލެވުނީ ރުނބައެވެ.

“ރުނބާ އިންނާނީ އަނެއް ފަޅީގަ. ޖެޓީ ފަޅީފަ. މިއީ ބަނދަރު” ކައުންސިލްގެ އޮފިޝަލް އިޝާރާތްކުރީ ކުރިމަތިން އޮތް މަގަށެވެ.

‘ހަނދު ރުނބަޔާއި ޖެޓީ’ ބަލާލުމުގެ ޝައުގުގައި އެސަރަހައްދަށް ދެވުނީ ރޭގަނޑުގެ ވަގުތުއެވެ. މާދުރުން ދިއްލާލާފައި އޮތް ޖެޓީގެ ހިތްގައިމުކަން އެހިސާބަށް ނުދެވެނީސް ފާހަގަކުރެވުނެވެ. ޖެޓީއަށް އެރުމުގެ ކުރިން އެޖެޓީގެ ރީތިކަން ވަޒަން ކުރެވުނެވެ.

އަގުކޮށްގެން ހަދާނަމަ މިއީ 6.7 މިލިއަން ރުފިޔާގެ ޖެޓީއެއްކަމަށް ދަނގެތީ ކައުންސިލުން މައުލޫމާތުދެއްވިއެވެ. ނަމަވެސް އެކި ފަރާތްތަކުގެ އެހީއާއި, ރައްޔިތުންގެ މަސައްކަތާއެކު ޖެޓީ ނިންމާލީ 2 މިލިއަން ރުފިޔާއިންނެވެ. މިއީ ރާއްޖޭގެ ރިސޯރޓްތަކުގައި އޮންނަ ފަދަ, އަދި އެޖެޓީތައް ހަދަން ބޭނުންކުރާ މެޓީރިއަލްސް ބޭނުންކޮށްގެން ހަދާފައިވާ އަގުބޮޑު ޖެޓީއެކެވެ.

ދަނގެތީ ރައްޔިތުންގެ ފާލަން

ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މުސްތަޢުޞިމް ބިالله (ބިލް) ވިދާޅުވީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު އިޖުތިމާއީ މަސައްކަތެއް ކަމަށެވެ. ރަށުގައި އިޖުތިމާއީ ރޫހު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަށުގައި އޮތް އިޖުތިމާއީ ރޫހުގެ ނަމޫނާއެއް މިއީ. މިއީ މިރަށަށް އާމްދަނީ ވަންނަ ދޮރުއައްޓެއް, މިޖެޓީ އަކީ.

ޖެޓީ ޚާއްޞަކޮށްފައި ވަނީ ފަތުރުވެރިންނާއި މެހުމާނުންނަށެވެ. ރަށުގެ ވަށައިގެން 15 ވަރަކަށް ރިސޯރޓް އެބައޮތެވެ. އެރިސޯރޓްތަކުން މިރަށަށް ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އެމީހުން ރަށަށް ފޭބުމަށް ބޭނުން ކުރަނީ މިފާލަމެވެ. އަދި ރަށު ބޭރުގައި ޢާއްމު ގޮތެއްގައި 1-15 އާ ދެމެދުގެ އަދަދަކަށް ސަފާރީ ބަނދަރުކޮށްފައި އޮވެއެވެ. އެއަށްވުރެ ގިނަ ސަފާރީ ބަނދަރުކޮށްފައި އޮންނަ ދުވަސްވަރާވެސް ދިމާވާކަމަށް ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ. އެސަފާރީތަކުން ރަށަށް ފަތުރުވެރިން ފައިބަންވެސް ބޭނުންކުރަނީ ޖެޓީއެވެ.

ފާލަމުން ރަށަށް ފައިބާއިރު މޫނުޖެހޭ މޮނިއުމަންޓް

ރަށަށް ވަޑައިގަންނަވާ ޚާއްޞަ މެހުމާނުން ފޭބުމަށްވެސް ޚާއްޞަކޮށްފައި ވަނީ ރަށުގެ ފަޚުރެއް ކަމުގައި ގަބޫލުކުރާ ޖެޓީއެވެ. ޖެޓީން ފައިބާއިރު މޫނު ޖެހޭނީ ‘ހަނދު ރުނބައެވެ’. މިރަށުގެ ފަޚުރެވެ. ދަނގެތީގެ ފަޚުރެވެ. ހަނދު ރުނބަޔާއެކު 220 ފޫޓްގެ މި ފާލަމަކީވެސް މިރަށުގެ ފަޚުރެކެވެ.

ނޯޓް: ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “މިއީ މިރަށު ރައްޔިތުންގެ ފަޚުރެއް, އާމްދަނީގެ ދޮރުއަށްޓެއް!

  1. ދޮރުއަށްޓެއްތަ؟ ދޮރާއްޓެއްތަ؟

Comments are closed.