މި ދަނޑުވެރިޔާގެ ޝަކުވާއަކީ ސަރުކާރުތަކުން އަޅާނުލުން!

651

ށ.ގޮއިދޫ އަލީ ރަފީއު ދަނޑުވެރިކަމަށް މުޅިން ހުސްވެ, އެމަސައްކަތުން ދިރިއުޅޭތާ 15 ވަރަކަށް އަހަރު ވީއެވެ. 17 އަހަރު ރިސޯރޓް ދާއިރާގައި މަސައްކަތްކޮށް, ދަނޑުވެރިކަމަށް ބަދަލުވީ ރަށަށް ދިރިއުޅުން ބަދަލުކުރަން ވިސްނި ވިސްނުމެއްގެ ތެރެއިންނެވެ. ރަށުގައި ދިރިއުޅުން ބައްޓަން ކުރަން ކުރާނެ ރަނގަޅު މަސައްކަތަކަށް އޭނާއަށް ވިސްނުނީ ދަނޑުވެރިކަމެވެ.

އަލީ ރަފީއު އޭނާގެ ދަނޑުގައި

ދަނޑުވެރިކަމުން ދިރިއުޅުން އާރާސްތު ކުރެވޭނެކަމަށް ގަބޫލުކުރެވުނު ސަބަބަކީ ގޮއިދޫ އަކީ ބިންބޮޑު ރަށަކަށް ވުމެވެ. އަދި ރިސޯރޓް މާހައުލުގައިވެސް މިރުހާއި އެނޫން ބާވަތްތައް ހައްދާތަން ފެނުމާއި, ގަސް ހެއްދުމަށް ޝައުގުވެރިކަން އޮތުމެވެ. ރަށު ކައުންސިލާ ވާހަކަދެއްކުމުން ލިބުނު އުއްމީދީ ޖަވާބަކީވެސް އެމަސައްކަތުގައި ކުރިއަށް ދެވިދާނެކަން ގަބޫލުކުރި އެއް ސަބަބެވެ. މަސައްކަތުގެ ފެށުން ވަރަށް ކާމިޔާބެވެ. ރަފީއު އޭނާގެ ދަނޑުތައް ފުރަތަމަވެސް ފައްކާކުރީ އެންމެ ޑިމާންޑް ބޮޑު ރަމަޟާން މަހަށެވެ. ފުރަތަމަ މަހު ވަރަށް ރަނގަޅު އާމްދަނީއެއް ލިބުމާއެކު އިތުރަށް އުއްމީދު އާވެ, މަސައްކަތުގައި ދެމިހުންނަން ބާރަކަށް ވިއެވެ. އެގޮތުގައި ފުރަތަމަ ހަތަރު ވަރަކަށް އަހަރު ދިޔައީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްގެ ގޮތުގައެވެ.

ރަފީއު ގަސްތަކަށް ފެންދެނީ

ނަމަވެސް މޫސުމީ ގެއްލުންތަކާއެކު އާމްދަނީއަށް އަސަރުކުރަމުން އައިސް މިހާރު ދަނޑުވެރިކަމުގައި ލިބޭ ގެއްލުންތައްވެސް ބޮޑެވެ. އެއީ އެމަސައްކަތުގައި ނޫޅޭ މީހެއްގެ ހިޔާލަށްވެސް ނާންނަފަދަ ބޮޑު ގެއްލުންތަކެއް ކަމަށް ދަނޑުވެރިޔާ ރަފީއު ފާހަގަކުރިއެވެ. ޚާއްޞަކޮށް މޭވާއާއި ތަރުކާރީތައް ހަރުވާން ކައިރިވެފައި ވަނިކޮށް ދަނޑުތައް ހަލާކުވެ އެލިބޭ ގެއްލުން ހިޔާލަށްވެސް ނުގެނެވޭ ކަމަށް އޭނާ ބުންޏެވެ. ދަނޑެއް ހަލާކުވެއްޖެ ނަމަ އެއަށް ލިބޭނެ އިތުރު ބަދަލެއް, އެހީއެއްވެސް ނެތުމަކީ ދަނޑުވެރިއެއްގެ ގޮތުގައި އަލީ ރަފީއުގެ ކަންބޮޑު ވުމެކެވެ. އޭނާގެ އުއްމީދަކީ އެފަދަ ހާލަތްތަކުގައި ސަރުކާރުގެ އެހީތެރިކަމެއް ލިބުމެވެ. ނަމަވެސް ރަފީއު ބުނީ މިހާތަނަށް ސަރުކާރުތަކުން ދަނޑުވެރިންނަށް އެހީތެރި ނުވާ ކަމަށެވެ. އަލީ ރަފީއުގެ އުއްމީދަކީ ސަރުކާރުތަކުން ދަނޑުވެރިންނަށް, ދަނޑުވެރިކަމަށް އެހީތެރިވާނެ ދުވަހެއް އައުމެވެ. ދަނޑުވެރިންލައްވާ އެމަސައްކަތް ކުރުވަން ބާރުއަޅާނެ ދުވަހެއް އައުމެވެ.

ކޮންމެ ސަރުކާރަކުންވެސް ވެރިކަމަށް އަންނައިރު ދަނޑުވެރިންނަށް ވަރަށް ރަނގަޅު ގޮތްތަކެއް ހަދައިދޭން ބުނެ ފަސް އަހަރުވެގެންދާއިރު ހަމަ އެއްވެސް ކަހަލަ އެހީތެރިކަމެއް އަސްލު ނުލިބެއޭ އަޅުގަނޑު ދަންނަވާނީ. އެއްވެސް ސަރުކާރަކުން އަޅުގަނޑުމެން ދަނޑުވެރިކަން ކުރާ މީހުންނަށް އެއްވެސް އެހީއެއް ނުވުމަކީ ވަރަށް ވަރަށް ހިތާމަކުރާ ކަމެއް.

އަލީ ރަފީއު/ ގޮއިދޫ ދަނޑުވެރިއެއް

ރަފީއުއާއި ގޮއިދޫގެ އެހެން ދަނޑުވެރިންވެސް އުއްމީދުކޮށްގެން ތިބީ މިސަރުކާރުގައި ދަނޑުވެރިންނަށް ރަނގަޅު އިތުރު ފުރުޞަތުތަކެއް ލިބޭނެ ކަމަށެވެ. ހިތްވަރުދީ ސަރުކާރުން ދަނޑުވެރިން ލައްވާ ދަނޑުވެރިކަން ކުރުވަން މަސައްކަތްކުރާނެ ކަމަށެވެ.

އަލީ ރަފީއު އޭނާގެ ދަނޑުގައި

ގޮއިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. ދަނޑުވެރިކަމުގައި ޝާމިލްނުވާ ގޭބީސީއެއް ނެތެވެ. ވަކިން ޚާއްޞަކޮށް ޒުވާން އަންހެނުން ދަނޑުވެރިކަމުގައި ޝާމިލްވުން އިތުރެވެ. އެއީ ދުވަސްވީ ދަނޑުވެރިއެއްގެ ގޮތުގައި އަލީ ރަފީއުއަށް ލިބޭ އިތުރު ހިތްހަމަ ޖެހުމެކެވެ. ދަނޑުވެރިކަމުން ލިބޭ ގެއްލުންތައް އިތުރުވެފައި ވިތަސް ޖުމްލަކޮށް މިމަސައްކަތަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ, ޚާއްޞަކޮށް ރަށުގައި ތިބެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކަން އަލީ ރަފީއު ފާހަގަކުރިއެވެ. އޭނާ ގަބޫލުކުރަނީ ރާއްޖެއިން ބޭރުން އެތެރެ ނުކޮށް ވަރަށް ގިނަ ބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް ހެއްދިދާނެ ކަމަށެވެ. އޭގެ ލިސްޓެއް ހަދާލާއިރު ކަރާ, ފަޅޯ, މެލަން, ކިއުކަމްބާ, ބަށި, ފާގަ, ތޮރާ, ޗިޗަންޑާ ހިމެނެއެވެ. މިއީ މުޅިންވެސް އަލީ ރަފީއު ހައްދާ ބާވަތްތަކެވެ. ނަމަވެސް މާކެޓް ނުލިބޭތީ ގިނަ ބާވަތްތައް އެއްފަހަރާ ނަހައްދައެވެ. މާކެޓް ހޯދައިދޭންވެސް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އަލީ ރަފީއު ގަބޫލެއް ނުކުރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “މި ދަނޑުވެރިޔާގެ ޝަކުވާއަކީ ސަރުކާރުތަކުން އަޅާނުލުން!

  1. · މާރިޗު 24, 2024 at 8:53 އމ

    މިހާރުވެސް ދަނޑުވެރިނަށް އިންސުއަރެންސް ސްކީމެއް އޮންނާނެ… އެއްވެސް ސަރުކާރަކަށް ލިބޭ ގެންލުން ތަކަށް ބަދަލެއް ނުދެވޭނެ… މިފަދަ ކަންކަމުގެ ބޭނުން ހިފައިގެން ކުރިޔަށް ދާނަމަ ސަރުކާރުން ކަމެއް ނުކޮށްދީގެން ސަކުވާ ކުރާކަށް ނުޖެހުނީސް…. އާޓިކަލް އެއްލިޔާއިރު ހަފުސީމެންވެސް މައުލޫމާތު ހޯދާ އިރު ހަމައެކަނި ދަނޑުވެރިޔާގެ މައްޗައް ބަރޯސާނުވެ ހުރިހާ ގޮތަކުން މައުލޫމާތު ހޯދާ ނަމަ ވަރަށް ފުރިހަމަ ވީސް

Comments are closed.