މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ނ.ލަންދޫ ސްކޫލުން 10 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ. އޭގެތެރެއިން ފަސް ދަރިވަރުން ރާއްޖޭގެ ގަދަ ދިހައެއް ނުވަތަ ޓޮޕް ޓެންގައި ހިމެނި ލަންދޫ ސްކޫލްގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީ ހޯދައިދިނެވެ. އަދި ގަދަ ދިހައެއްގައި ނުހިމެނުނު ފަސް ދަރިވަރުންވެސް ހަ މާއްދާއިން ފާސްވެ, ފާސް އިންސައްތަ %100 އަށް އަރުވައިދިނެވެ. މިއީ ލަންދޫ ސްކޫލުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން ރަށުގެ ރައްޔިތުންނަށް ދިން ބޮޑު ‘ސަޕްރައިޒް’ އެކެވެ. ވަރަށް ބޮޑު އުއްމީދެކެވެ. ސްކޫލަށް ހޯދައިދިން ވަރަށްބޮޑު އިތުބާރެކެވެ.

އެއާއެކު ދެން ފެނުނީ ރަށުގެ މުޅި ރައްޔިތުން އެދަރިވަރުންނަށް ދިން ވަރުގަދަ ‘ސަޕްރައިޒް’ އެވެ. ރަސްމީ އިއްޒަތުގައި ‘ހަތްކޮޅު’ ގައި އެދަރިވަރުންނަށް ކީ ހޫނު މަރުހަބާއެވެ. މުޅި ރަށުގެ ކުދިބޮޑު އެންމެން ނަލަވެލައިގެން ނިކުމެ ތިބީ އެމީހުންގެ ދަރިންނަށް ރަނގަޅު ތައުލީމް ހޯދައިދޭން ރަށުން ބޭރު ސްކޫލް ތަކަށް ފޮނުވަން ނުޖެހޭނެކަމުގެ ޔަގީންކަމާއެކުއެވެ. ތައުލީމީ ދާއިރާއިން މުޅި ރަށުގެ ތާރީޚުގައިވެސް ލިބުނު އެންމެ ފަޚުރުވެރި ކާމިޔާބީގެ އުފާ ފާޅުކުރުމަށެވެ. އެޔަގީންކަން ހޯދައިދިން ލަންދޫގެ ފަޚުރުވެރި ދަރިވަރުންނަކީ މުހައްމަދު އަނޫފް އަލީ, އައިޝަތު ޒައިނާ ޒަހީނު, މަރިޔަމް މީޝަމް މާހިރު, މަރިޔަމް ރައުލާ, އަދި މަރިޔަމް ރައުހާ އެވެ.

މިތާރީޚީ އަދި ފަޚުރުވެރި ކާމިޔާބީ ސްކޫޕްގެ ޕްރިންސިޕަލް ޔޫސުފް އަބްދުއްރަހީމް ސިފަކުރެއްވީ ސްކޫލާމެދު ޔަގީންކަމާއި އިތުބާރު އުފައްދައިދިން ކާމިޔާބީއެއްގެ ގޮތުގައެވެ.
ސްކޫލްގެ އެހެން ދަރިވަރުންނަށާއި, ސްކޫލްގެ ބެލެނިވެރިންނަށް މިސްކޫލުންވެސް މިހާރު ރަނގަޅު ނަތީޖާއެއް ހޯދިދާނެކަމުގެ ޔަގީންކަމާއެކީގައި ކުރިއަށްދާތީވެ, ސްކޫލާ ދޭތެރޭ މުޅި ކޮމިއުނިޓީ ވަނީ ވަރަށް ޕޮޒިޓިވްވެފަ, އެހެންވީމަ ސްކޫލަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެންދޭ.
ޔޫސުފް ޢަބްދުރަހީމް / ލަންދޫ ސްކޫލް ޕްރިންސިޕަލް
ގަދަ ދިހައެއްގެ އަށް ވަނައިގައި ހިމެނުނު ލަންދޫ ސްކޫލްގެ ދަރިވަރު އަނޫފް އަލީ ބުނީ އޭނާއާއެކު އެހެން ދަރިވަރުންވެސް ހަގީގަތުގައި ސާބިތުކޮށްދިނީ މިއީ ލަންދޫ ސްކޫލުގައި ތައުލީމް ހާސިލްކޮށްގެންވެސް ވާނެ ކަމެއްކަން ކަމަށެވެ. އަނޫފް ބުނީ ކޮންމެ ކުއްޖަކަށްވެސް އެކެރުންތެރިކަމާއި, އެޖޯޝާ ފޯރީގަ ކިޔެވުމުގެ ކަންކަމުގަ ހަރަކާތްތެރިވެވިއްޖެނަމަ ލަންދޫ ސްކޫލުންވެސް ރަނގަޅު ނަތީޖާ ހޯދޭނެކަން ސާބިތުކޮށްދެވުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ރަނގަޅު ނަތީޖާ ހޯދަން ރަށުން ފުރައިގެން ދާން ނުޖެހޭކަން މިނަތީޖާއިން ބުނެދޭކަން އަނޫފް ފާހަގަކުރިއެވެ.
އަސްލު ވަރަށް އުފާވި, ވަރަށްބޮޑު ސަޕްރައިޒެއްދޯ ލިބުނީ, ހުރިހާ މުއައްސަސާއަކާ ދެން ލަންދޫގެ ކުދިބޮޑު އެންމެން އެކަން ފާހަގަކުރީމަ އެއީ ވަރަށްބޮޑު ހިތްވަރެއް ދެން ކުރިއަށް މިހާރު ކިޔަވަމުންދާ ކުދިންނަށްވެސް ލިބިގެންދާނެ.
އަހުނަފް އަލީ/ ލަންދޫ ސްކޫލުން ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރު
ލަންދޫ ސްކޫލްގެ ދަރިވަރުން ހޯދާ ނަތީޖާތައް ރަނގަޅު ވުމުގެ ބޮޑަތި ނިޝާންތައް 2019 ވަނަ އަހަރުން ފެށިގެން ފެންނަން ފަށައިފިއެވެ. ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ނަތީޖާތައްވެސް ވަރަށް ރަނގަޅު ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުން ވިދާޅުވީ 2019 ވަނަ އަހަރު ފަސް މާދާއިން %100 ދަރިވަރުން ފާސްކުރެވުނު ކަމަށެވެ.. 2020 އަދި 2021 ވަނަ އަހަރު އަލަށް ސްކޫލްގެ ދެ ދަރިވަރަކު ގަދަ 10 ގެތެރޭގައި ހިމެނުނެވެ. ފާސް އިންސައްތަ %79 އަށް ބަދަލުކުރިއެވެ. ޖެހިގެން އައިއަހަރު ޓޮޕް ޓެންގައި ދަރުވަރަކު ނުހިމެނުނަސް 20އެއަހަރުވެސް ނިންމާލީ ފާސް އިންސައްތް %100 ގައެވެ. ސްކޫލްގެ ތާރީޚުގައި ހުރިހާ ގޮތަކުންވެސް އެންމެ ކުލަގަދަ އަހަރަކީ މިދިޔަ 2022/2023 ވަނަ އަހަރެވެ.

މިކާމިޔާބީތަކުގެ ފަހަތުގައި އޮތީ މުޅިރަށް ހިމެނޭ ގޮތަށް އެންމެން ގުޅިގެން ކުރާ މަސައްކަތެވެ. ހުރިހާ މުއައްސަސާތަކާއި ބެލެނިވެރިންވެސް ސްކޫލާމެދު ގާތް ގުޅުމެއް ބާއްވާކަން ސްކޫލުން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޓީޗަރުންގެ މަސައްކަތެވެ. ވަކިން ޚާއްޞަކޮށް ސްކޫލްގެ ނަތީޖާ ރަނގަޅު ކުރަން ގްރޭޑް ދިހައެއްގެ ޓީޗަރުން ޗުއްޓީ ގުރުބާންކޮށް ރޭގަނޑެއް ދުވާލެއް ނެތި ކުރަމުންދާ މަސައްކަތެވެ. މިހުރިހާ މަސައްކަތެއްގެ ނަތީޖާއަކީ ސްކޫލާމެދު އޮތް އިތުބާރާއި ޔަގީންކަމެވެ.

Thafaathu kuruntha neh nama thiyah vuren màa bodu thanu natheejaa rangalhu vaane