ނިކަ އައިލެންޑް

444
ޅޮހީ ބަނދަރު ސަރަހައްދުގައި ހުރު ބޮޑު ނިކަގަހެއް

ރަށަށް ފައިބާއިރުވެސް ފެންނަނީ ބޮޑަތި ނިކަ ގަސްތަކެވެ. އެގަސްތައް ދޮށުގައި ޖޯލިފަތިތައް ބަހައްޓާ, އުނދޯލި އެލުވާފައި ހުރުމުން މަޑުކޮށްލައިގެން ތިބެން އެއީ ހިތްގައިމު ތަނެކެވެ. ރަށުގެ މަގުތަކުން ދާއިރުވެސް ބިޔަ ބޮޑު ނިކަގަހެއް ފެންނަން ނެތް ދިމާއަކަށް ނުދެވެއެވެ. ކޮންމެ ގަހެއްވެސް ހެދިފައި ހުންނަނީ ނިކަން ރީތިކޮސް, ބަލާލަންވެސް ހިތްގައިމު ކޮށެވެ. މިރަށް, ނ.ޅޮހި ފާހަގަކުރެވެނީ ބިޔަ ބޮޑަތި ނިކަ ގަސް ގިނަ ރަށެއްގެ ގޮތުގައެވެ. ރަށުގެ ޚާއްޞަ ކަމަކީ ކޮބައިތޯ ކައުންސިލް މެމްބަރު އަރީންއާ ސުވާލުކުރުމުންވެސް ވިދާޅުވީ ރަށުގެ ޚާއްޞަ ކަމަކީވެސް އެއީ ކަމަށެވެ.

މިރަށުގައި އެންމެ ޚާއްޞަކަމަކަށް އޮންނާނީ ހަމަ ނިކަގަސް. ބޮޑަތި ބިޔަ ނިކަގަސް ހުންނާނެ ހަމަ ހުރިހާ ދިމާއަކުންވެސް ފެންނަން.

އަރީން/ ޅޮހީ ކައުންސިލް މެމްބަރު

މިއީ 970 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނ.ޅޮއްސެވެ. ރަށުގެ ޖުމްލަ އާބާދީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 500 އެއްހާ މީހުންނެވެ. މައިގަނޑު އަސާސީ ހުރިހާ ޚިދުމަތެއްވެސް ރަށުން ލިބެއެވެ. ނަމަވެސް ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިގެން ނުނިމި ތިން އަހަރެއްހާ ދުވަސް ވެގެން ދިއުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.

ނ.ޅޮހީ

މިރަށުގައި ލޯކަލް ޓޫރިޒަމް ވަނީ ފެށިފައެވެ. 15 އެނދުގެ އެއް ގެސްޓް ހައުސް މިހާރުވެސް އެބަހުއްޓެވެ. އަދި ދެ ގެސްޓް ހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ. ސީދާ މިރަށަށް ފަތުރުވެރިން މިހާރުވެސް އާދެއެވެ. ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ރަށުގައި ވަނީ ތަރައްޤީކޮށްފައެވެ. އެބީޗަށް ދާން އޮންނަ މަގަކީ އެކިބައި މަގު ނުވަތަ ފިނިއަށި މަގެވެ. ދެނަންވެސް އެމަގަށް ބޭނުން ކުރެއެވެ. އެކަމަކު އެކި ދުވަސްވަރަށް ބީޗް އޮންނަ ސަރަހައްދު ބަދަލުވެއެވެ.

ޅޮހީ ފަތުރުވެރިންގެ ބީޗް

ރަށުގެ ޒުވާނުން ވަޒީފާ އަދާކުރާ މައިގަނޑު ދާއިރާއަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއެވެ. ފައިބަރުގެ މަސައްކަތްވެސް ރަށުގައި ކުރެއެވެ. ނަތީޖާއަކީ ޑިންގީ ގިނަ ރަށަކަށްވުމެވެ. އަންހެނުން ފަންގިވިނުމުގެ މަސައްކަތް ކުރެއެވެ. މީގެއިތުރުން މަދު ހޮވައިގެން, މަދުފަޅާ ވިއްކައެވެ. އަދި މަސް ކެއްކުމުގެ މަސައްކަތްވެސް ކޮންމެސް ވަރަކަށް ކުރެއެވެ. ކައިރި ރަށްރަށަށް ވަޅޯމަހާއި ރިހާކުރު ވިއްކައެވެ. މީގެއިތުރުން އަންހެނުންނަށް އާމްދަނީ ލިބޭ މަގަކީ ރަށުތެރެ ސާފްކޮސް ބެލެހެއްޓުމެވެ, ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފްކޮށް ބަލަހައްޓަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގުޅިގެން ރަށުގެ އަންހެނުންނެވެ.

މިރަށުގެ އެންމެ ހިތްގައިމު ސަރަހައްދަކީ ރަށުގައި ތަރައްޤީކޮށްފައިވާ ނޭޗަރ ޕާކެވެ. އެތަން ތަރައްޤީކޮށްފައިވަނީ ބީޗަށް ނިކުމެވޭ ގޮތަށް ޗަކަ ބިމުގައެވެ. ޗަކަބިން ހިމެނޭ މިރަށަކީ ކުއްޅަވަށް ހެދޭ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. ރަށުގައި ކިޔަވައިދެނީ ގްރޭޑް 10 އަށެވެ. ޅޮހީ ސްކޫލްގައި ތައުލީމް ހާސިލް ކުރަނީ 170 އެއްހާ ދަރިވަރުން ނެވެ. މިއީ ކުޅިވަރުގެ ވެސް ރަށެކެވެ. ޚާއްޞަކޮށް ފުޓްބޯޅައާއި ރާޅާ އެޅުމުގައި ފާހަގަކުރެވޭ ރަށެކެވެ.

ޅޮހީ އެކިބައި މަގު

ރަށުގައި ދެ ކެފޭ ހިންގައެވެ. އާބާދީއަށް ބަލާއިރު ކެއިންބުއިމުގެ ޚިދުމަތްދޭން އެވަރު ފުދެއެވެ. ދަތުރުފަތުރު ކުރަން ބަލާއިރު މާލެއާ ދެމެދު ހޯޕް ޓްރެވަލްސްގެ ފލޯންޗް ފެރީ ދަތުރުކުރެއެވެ. މީގެއިތުރުން މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް މެދުވެރިކޮށް ވައިގެ މަގުން ދަތުރު ކުރެވެއެވެ.

ތަރައްޤީގެ ބައެއް މަޝްރޫއުތައް ފަށާފައިވީ ނަމަވެސް މުޅިން ނިންމާނުލެވި ހުރުމުގެ ކަންބޮޑުވުން އެބައޮތެވެ. އެގޮތުން ބަނދަރުގެ މަސައްކަތާއި, ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި, ފެނަކަ އޮފީހުގެ މަސައްކަތް ވެސް މުޅިން ނިންމާ ނުލެވެއެވެ. އާ އިންޖީނުގެއަށް އިންޖީނު ބަދަލުކުރި ނަމަވެސް އާ އިމާރާތުން ޚިދުމަތް ދެވޭ ވަރަށް ނިންމާ ނުލެވެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ނިކަ އައިލެންޑް

  1. ސިފަކޮށްދިނުމުގެ،ފެންވަރު ވަރަށް ދަށް، އަދި ދުރުތިބީން ނަށް ޝައުގުވެރި މަޢުލޫމާތެއް ފޯރުކޮށްދެވިފައެއް ނެއް،

Comments are closed.