17 އަހަރު މަސްތުވާތަކެތީގެ ވަބާގައި, މިހާރު އެރަށުގެ ލާމަސީލު ޒުވާނާ!

11546
އަކްރަމް އަށް ލަންދޫ ޕޮލިސް އިން ލާމަސީލު ޒުވާނާގެ އެވޯޑް ހަވާލުކުރަނީ

މަތީގައިވާ ފޮޓޯއިން އެފްނަނީ ލަންދޫ ޕޮލިސްގެ ސްޓާފް ނައިޓްގައި އެރަށު ޖައްވު އަބްދުالله އަކްރަމް އަށް ލާމަސީލު ޒުވާނާގެ އެވޯޑް ހަވާލުކުރާ މަންޒަރެވެ. ލާމަސީލު ޒުވާނާގެ ގޮތުގައި އަބްދުالله އަކްރަމްގެ ނަން އިއުލާނުކުރުމާއެކު އެރަސްމިއްޔާތުގައި ބައިވެރިވި ހުރިހާ ޒުވާނުން ކޮޅަށް ތެދުވެ ދިން ތަރުހީބުން މުޅި ހޯލް ގުގުމާލިއެވެ. އެވޯޑާ ހިފައިގެން ސްޓޭޖުން ފައިބައިގެން ގޮސް އަކްރަމް ގޮނޑީގައި އިށިއުނުމާ ހަމައަށް އެއަޑު ކަނޑައިގެން ނުދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މީގެ ދެއަހަރެއްހާ ދުވަސް ފަހަތަށް ބަލާއިރު އެޒުވާނާ އަކީ މުޖުތަމައުގައި މުޅިން ބާކީވެފައި ހުރި ޒުވާނެކެވެ. ޒުވާނުންގެ އަދި ހަރު މީހެއްގެ އިތުބާރެއްވެސް ނެތް ޒުވާނެކެވެ. އާއިލާގެ މީހެއްގެ ލޯތެއްވެސް ނުލިބި އުޅުނު ޒުވާނެކެވެ. މަސްތުވާތަކެތީގެ އަޅެކެވެ. އުމުރުން އެންމެ 15 ވަރަކަށް އަހަރުގައި އެނުރައްކާތެރި ވަބާގައި ޖެހި ޒުވާން އުމުރުގެ ބޮޑުބައި ހޭދަކުރީ އެވަބާގެ ތެރޭގައެވެ. 17 ވަރަކަށް އަހަރު އެވަބާގައި ހޭދަކުރިއިރު އެއާ ނުލާ ހޭދަކުރެވުނީ ދެ ފަހަރެއްގެ މަތީން ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

އަކްރަމް އުފަން ރަށުގައި

އެއީ ލަންދޫގެ ލާމަސީލު ޒުވާނާއަށް ވެދާނެ ކަމަށް އެއްވެސް މީހަކު ހަގީގަތުގައި ގަބޫލެއް ނުކުރެއެވެ. ނަމަވެސް މިއަދު ފަޚުރުވެރި އެވޯޑް ހައްގުކަމަށް މުޅި ލަންދޫ ގަބޫލުކުރެއެވެ. އެއީ އެޒުވާނާއަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައި ބަދަލގެ އިނާމެވެ. ހަގީގަތުގައި އިނާމަކީ އެވޯޑެއް ނޫނެވެ. ޒުވާނުންގެ އިތުބާރެވެ. ރަށުގެ ރައްޔިތުން އޭނާ ބަލައިގަތުމެވެ. އާއިލާގެ ލޯބި އަނބުރާ ހޯދުމެވެ. އެއިތުބާރާއި ލޯބި ހޯދަން އަކްރަމް ކުރި ދަތުރު ފެށޭ ހިސާބަކީ ކޮބައިތޯއެވެ.

ރަށުގައިވެސް ހަމަ އެއްވެސް ވަރަކަށް ބަލައިނުގަނެ, މައިންބަފައިންގެ ލޯބިވެސް ނުލިބި, އާއިލާގެ އެއްވެސް ބައެއްގެ އަޅާލުމެއްވެސް ނުލިބި. ޒުވާނުންގެ ތެރެއިންވެސް ބާކީވެ, މިހެން ފުދޭވަރަކަށް ދުވަސްތަކެއް ދިޔަފަހުން އަޅުގަނޑު މިވިސްނަން ފެށީ މިގޮތަކަށެއް ނޫޅެވޭނޭ އަޅުގަނޑުގެ ޒުވާން ދުވަސްވަރުވެސް މިދަނީއޭ, އެހެންވީމަ މިކަމުން އަރައިގަނެވޭނެ ގޮތެއް އެބަޖެހެއޭ ހޯދަން.

އަބްދުالله އަކްރަމް/ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނެއް

އެގޮތެއް ހޯދުމުގެ ވިސްނުމުގައި ހުއްޓާ ފަރުވާގެ ފުރުޞަތު 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ލިބުނެވެ. އެފުރުޞަތުގެ ބޭނުން ހިފައިގެން ސެންޓަރަށް ދިޔައީ ދެން ދުވަހަކުވެސް މަސްތުވާތަކެތި ބޭނުން ނުކުރާނެ ކަމަށް އަމިއްލަ ހިތުގައި އަޒުމު ކަނޑައަޅައިގެންނެވެ. އެ އުއްމީދުގައި, އެކަން ހާސލްކުރުމަށްޓަކައެވެ. އެދަތުރުގައި ނެގި ބޮޑަތި ރާޅުތަކުން ސަލާމަތްވީ އެހިތްވަރާއި އަޒުމުގައި ސާބިތުވެ ހުރުމުންނެވެ. ފަރުވާ ނިމެން ވިއްސަކަށް ދުވަހަށް ވެފައި ވަނިކޮށް ޖަލަށް ބަދަލުކުރުމުންވެސް ސާބިތުކަމާއެކު ހުރެވުނީ އެސަބަބާހުރެއެވެ. ފަރުވާއަށް ދިއުމުގެ ކުރިން ދިމާވެފައި އޮތް މައްސަލައެއްގައި ފަރުވާ ހުއްޓާލާ ޖަލަށް ދާންޖެހުންވީ ހަގީގަތުގައިވެސް ނާއުއްމީދެއް އައި ނަމަވެސް އޭގެ މައްޗަށް އަޒުމް ވަރުގަދަ ކުރި ކަމަކަށެވެ.

ހިތަށްއެރި ޖަލުގައި ކިހިނެއްބާއޭ ދުވަސްތައް ހޭދަކުރާނީ. އެހެންނަމަވެސް الله ގެ ރަހުމަތަށްއެދި އެކަލާނގެ އަށް ވަކީލުކޮށްފަ, އަޅުގަނޑު ހަމަ ޖަލުގައިވެސް އުޅެންފެށީ.

ޢަބްދުالله އަކްރަމް/ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނެއް

ޖަލުގެ އުނދަގޫ މާހައުލުގައި ހިތްދަތި އަހަރަކާއި އަށް މަސް ހެދަކުރުމަށްފަހު އެނބުރި އުފަން މުޖުތަމައުގެ ތެރެއަށް އެޒުވާނާ އަކީ މުޅިން ބަދަލުވެގެންނެވެ. ސެންޓަރަށް ފުރަތަމަ ދިޔަ ދުވަހު މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލި ގޮތަށް ޖަލުގައި ހޭދަކުރި ދުވަސްތަކާއެކު މިއަދާ ހަމައަށްވެސް އެހުރީ އެވަބާއާ ދުރުގައެވެ. މުޅި ދިރިއުޅުން ބަދަލުވެ, އުފާވެރި އިހުސާސްތަކާއެކުއެވެ.

މަސްތުވާތަކެތިން ދުރުވެވުނީމަ ކުރިން ބާކީވެފަ ހުރި ހުރުން, ހަމަ އެއްކޮށް ފިލާގެން ގޮސް, މިމުޖުތަމައުގައި ހަމަ ބަލައިގަންނަ ޒުވާނެއްގެ ގޮތުގައި މިހާރު އުޅެމުން މިދަނީ. ވަޒީފާވެސް މިހާރު ލިބޭ. އާއިލާގެ ލޯބި ލިބޭ.

އަބްދުالله އަކްރަމް/ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނެއް

މުޖުތަމައުއަށް އެނބުރި އައިސް ފެނަކައިގަ ވަޒީފާ އަދާކުރިއެވެ. އިހަށް ދުވަހާ ހަމައަސް މަސައްކަތް ކުރީ މިސްކިތު މަސައްކަތު މީހެއްގެ ގޮތުގައެވެ. އެވަޒީފާ ދޫކޮށް ރަށާ ކައިރި ރިސޯރޓަކަށް ބަދަލުވީ, ރިސޯރޓްގެ މިސްކިތާ ހަވާލުވުމަށެވެ. މިހާރު އޭނާ އަކީ އެރިސޯރޓްގެ މިސްކިތުގެ މުދިމެވެ ހުކުރު ކުރުމުގެ ހުއްދަ އޮވެއެވެ. ރިސޯރތްގައި ހުކުރު ކުރަނީ އޭނާއެވެ.

އަކްރަމް ރަށުގެ ކެފޭ އެއްގައި

މިއަދު ލާމަސީލު ޒުވާނާ ހިތާމަކުރަނީ އޭނާއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ބައެއް ޒުވާނުން އަދިވެސް އެކަމުން ސަލާމަތް ނުވެވި އެކަމުގެ ތެރޭގައި އުޅޭތީއެވެ. އެކަމަކު އޭނާ ދޭ ޔަގީންކަމަކީ އެވަބާއިން ސަލާމަތްވެ, ނިކުމެވޭނެ ކަމެވެ. އިހުލާސްތެރި ހިތަކުން މަސްތުވތަކެތިން ދުރުވާން ބޭނުންވާ ކޮންމެ މީހަކަށްވެސް މިއީ ހާސިލްކުރަން އުނދަގޫ ކަމެއް ނޫން ކަމުގެ ޔަގީންކަން ދެއެވެ. މިކަމުން ސަލާމަތްވާން އޮތް މަގަކީ ‘އެކަމަށް ބޭނުންވުން’ ކަމަށް ޒުވާނާ ބުންޏެވެ. މަސްތުވތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެވަބާއިން ސަލާމަތްވެފައިވާ ޒުވާނެއްގެ ގޮތުގައި އޭނާ ދޭ ނަސޭހަތަކީ ހަގީގީ ދިރިއުޅުމަށް އެނބުރި އައުމެވެ.

އިހުލާސްތެރި ކަމާއެކުގަ ހުއްޓާލާފަ, މަސްތުވާތަކެތިން ދުރުހެލިވެ, ރަނގަޅު މީހަކަށްވާން މަސައްކަތް ކުރާށޭ. އެދިރިއުޅުމާ މިދިރިއުޅުމަކީ ހަމަ ހާސްބައި ތަފާތު ވަރަށް ފޮނި އުއްމީދުތަކާ ހުރިހާކަމެއް ހާސިލްވާ ވަރަށް ރަނގަޅު ދިރިއުޅުމެކޭ. މުޖުތަމައުގެ ތެރޭގައި އުޅެންވާ ގޮތަށް އުޅުނީމައޭ ދިރިއުޅުމުގެ އުފާވެރިކަން މިލިބެނީ.

އަބްދުالله އަކްރަމް/ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނެއް

މަސްތުވާތަކެތީގެ ތެރޭގައި އުޅުނު ކޮންމެ ދުވަހަކީ މައިންބަފައިންވެސް ވަރަށް ހިތާމަކުރި ދުވަސްތަކެކެކެވެ. ޒުވާން ދުވަސްތަކުގެ ބޮޑުބައި އޭނާގެ ފަރާތުން އެހީތެރިކަމެއް ނުލިބޭތީ މައިންބަފައިން އެތަކެއް ހިތާމަކުރިކަން މިއަދު އަކްރަމް ގަބޫލުކުރެއެވެ. އެހެންނަމަވެސް މިއަދު އެނބުރި ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް އައިސް މައިންބަފައިންގެ ކަންތައްތައް ކޮށްދޭން ފެށުމުން އެކަންވެސް ބަދަލުވެއްޖެ އެވެ. މިއަދު މައިންބަފައިންވެސް ތިބީ ވަރަށް ހިތްހަމަ ޖެހި އުފަލުންނެވެ.

‘މަސްތުވާތަކެތީގެ ތެރޭގައި އެހާގިނަ ދުވަހު އުޅެވިފަ ހުރި މީހެއްގެ އިހުސާސެއްވެސް މިހާރު ނުކުރެވޭ. އެވަރަށް މައިންބަފައިންނާއި, އާއިލާއާ މުޖުތަމައުގެ ލޯބި އަޅުގަނޑަށް ލިބޭ’ ނިންމާލަމުން އެންމެ ފަހުން އަކްރަމް ބުނި ވާހަކައަކީ މިއީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

3 thoughts on “17 އަހަރު މަސްތުވާތަކެތީގެ ވަބާގައި, މިހާރު އެރަށުގެ ލާމަސީލު ޒުވާނާ!

  1. Balan hurey. Nuvaane ithuru gotheh.

  2. ދެން ކޮބާތަ ތިރަށު ބޮޑު ޑީލަރު؟ އަދިވެސް އެކަމުގަ ދޯ؟ އަމިއްލަ ބޯޓުގަ ގެންގޮސް ހުރިހާ ކަމެއް ކުރާއިރު ހަފްސީ އަށް ނުކެރޭ އެމީހުންގެ ވާހަކަ ދައްކާކަށް.

  3. Adhi ehaa ginaduvaheh nuvey faruvaa libigen ulhey thaa,Adhi maa Avas award dheyn,balance thibey

Comments are closed.