ބިން ބޮޑު ށ.ގޮއިދޫގެ ބިމުގެ 12 ހެކްޓަރު މިވަގުތު ބޭނުންކުރަމުން ދަނީ ދަނޑުވެރިކަމަށެވެ. 300 އަށްވުރެ ގިނަ ދަނޑުބިން މިވަގުތުވެސް ވަނީ ދޫކޮށްފައެވެ. އެދަނޑު ބިންތަކުގައި ތަފާތު ބާވަތްތައް ދަނީ ހައްދަމުންނެވެ. މިވަގުތު ގޮއިދޫގެ އެންމެ ގިނަ މީހުން ހަރަކާތްތެރިވަނީ ވެސް ދަނޑުވެރިކަމުގެ މަސައްކަތުގައެވެ. ކައުންސިލުން އަންދާޒާ ކުރައްވާ ގޮތުގައި 300 އަށްވުރެ ގިނަ ދަނޑުވެރިން މިވަގުތު ގޮއިދޫގައި އެބަތިއްބެވެ. އުތުރުގައި އެންމެ ގިނަ ދަނޑުވެރިން ހަރަކާތްތެރިވާ އެއް ރަށަކީ ގޮއިދޫ އެވެ.

ގޮއިދޫ އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. ރަށުގެ ކޮންމެ ގޭބީސީއެއްގައި ވެސް ދަނޑުވެރިކަމުގައި ހަރަކާތެތެރިވާ ފަރާތެއް ހިމެނެއެވެ. ދަނޑުވެރިކަމުގައި ގިނައިން ހަރަކާތްތެރިވަނީ އަންހެނުންނެވެ. އެހެންނަމަވެސް ގިނަ މީހުން ދަނޑުވެރިކަން ކުރަނީ ސީޒަން ދަނޑުވެރިކަމެއްގެ ގޮތުގައެވެ. އެކަމަކު ދަނޑުވެރިކަމުގެ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅޭ ފަރާތްތައް ދުވަހުން ދުވަހުން އިތުރުވަމުން ދިއުމަކީ ކައުންސިލުން ފާހަގަކުރައްވާ ކަމެކެވެ.
ކުރިއަށް އޮތް ރޯދަމަހަށް ޚާއްޞަ ކޮށްގެން ކައުންސިލުން ވަނީ ދަނޑުވެރިންނާ ގުޅިގެން ޚާއްޞަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެއީ ގޮއިދޫ ދަނޑުވެރިންގެ އުފެއްދުންތައް އެހެން މާކެޓްތަކާ ހަމައަށް ގެންދިއުމުގެ އިންތިޒާމެވެ. ދަނޑުވެރިންގެ ނަފާ އިތުރުކުރުމުގެ އިންތިޒާމެވެ.
ދަނޑުވެރިން އުފައްދާ ތަކެތި އެހެން މާކެޓްތަކަށް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލުން ދޯންޏެއް ވަނީ ހަޔަކޮށްފަ. ދަނޑުވެރިންގެ ތެރެއިން ވޮލަންޓިއަރ ގްރޫޕެއް އެކުލަވާލައިގެން ރާއްޖޭގެ މާކެޓްތަކާ ހަމައަށް ގެންދިއުމަށް އިންތިޒާމްތައް ވަނީ ރާވާލެވިފަ. އުއްމީދަކީ މިޕްރޮގްރާމްގެ ސަބަބުން ދަނޑުވެރިން އުފައްދާ ތަކެއްޗަށް ރަނގަޅު އަގެއް ލިބި ދަނޑުވެރިންނަށް ކޮށްދެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި މިކަން ވެގެންދާނެ ކަމަށް.
އިބްރާހީމް ޝާހިދު/ ށ.ގޮއިދޫ ކައުންސިލްގެ ރައީސް
ރާއްޖޭގައި އެންމެ ރަނގަޅަށް އިންތިޒާމް ކުރެވިގެން, އެންމެ ރަނގަޅަށް ދަނޑުބިންތައް ބެލެހެއްޓިގެން ދަނޑުވެރިކަން ކުރާ އެއް ރަށެއްގެ ގޮތުގައި ގޮއިދޫ ފާހަގަކުރެވެއެވެ. ރޯދަމަހާ ދިމާކޮށް ރާއްޖޭގެ މާކެޓަށް ކަރާ އެންމެ ގިނައިން ނެރޭ އެއް ރަށަކީވެސް ގޮއިދޫ އެވެ. ޚާއްޞަކޮށް އުތުރުގެ ސަރަހައްދުގެ ވަރަށްގިނަ ރަށްތަކަށް ކަރާ ފޯރުކޮށްދޭ ރަށަކީ ގޮއިދޫ އެވެ. ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ވިދާޅުވީ ގޮއިދޫ ކައުންސިލާ މުއާމަލާތް ކުރައްވައިގެންވެސް ގޮއިދޫ ކަރާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. ގޮއިދޫގެ އިގްތިސާދުގައިވެސް ދަނޑުވެރިން އަދާކުރަނީ މުހިއްމު ދައުރެކެވެ. މިދިޔަ އަހަރުގެ ރޯދަމަހު އެކަނިވެސް ގޮއިދޫގެ އިގްތިސާދަށް ދަނޑުވެރިން 3.2 މިލިއަން ރުފިޔާ ވެއްދިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ގޮއިދޫގައި ދަނޑުބިން ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލުގެ ތެރެއިން ތިން ކެޓަގަރީއެއްގެ ދަނޑުބިން ދޫކުރެއެވެ. އަސާސީ ދަނޑުބިމުގެ ގޮތުގައި ކޮންމެ ދެމަފިރިއަކަށް 3000 އަކަފޫޓްގެ ބިމެއް ހިލޭ ދެއެވެ. އެއަށްވުރެ އިތުރަށް ބޭނުންވާނަމަ ކުލީ ބިމުގެ ގޮތުގައި ދަނޑުބިން ދޫކުރެއެވެ. އަދި ފަތްކެޔޮ ހައްދަންވެސް ދަނޑުބިން ދޫކުރެ އެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ބޮޑަށް ޕްލޭން ކުރެވިގެން ވަކި ތަރުތީބަކުން, ދަނޑުބިންތަކަށް ފަސޭހައިން ވަދެނިކުމެ ހެދޭނެ ގޮތަށް ދޫކޮށްފައިވާ ކަމެވެ. އަދި ވެހިކަލްގައިވެސް ދަނޑުތަކަށް ވަދެނިކުމެ ހެދޭނެ ގޮތަށް ތަރުތީބުން ދަނޑުބިންތައް ދޫކޮށް, އެދަނޑުބިންތައް ބަލަހައްޓަމުންދާ ކަމެވެ. ދަނޑުތައް ބެލެހެއްޓުމަށްވެސް ދަނޑުވެރިންކާ ކައުންސިލުން ވަނީ އެއްބަސްވުމެއް ހަދާފައެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާއިރު ދަނޑުވެރިންގެ ޝަކުވާތަކެއްވެސް އެބަހުއްޓެވެ. މިހާ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާއިރު ދަނޑުވެރިކަމަށް ބޭނުންވާ ކާނާއާ ބޭހާއި އަދިވެސް އެހެން ބާވަތްތައް ޢާއްމުކޮށް ރަށުން ލިބުމުގައި ހުރި ދަތިކަމަކީ އެންމެ ބޮޑު ޝަކުވާއެވެ. ކައުންސިލް ރައީސް ވިދާޅުވީ ދުރުނޫން މުސްތަޤްބަލެއްގައި މިމައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގައި ފުޅާދާއިރާއެއްގައި މިކަން ކުރާ ފަރާތްތަކާ ގުޅިގެން ރަށުން ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ އުއްމީދެއް ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން އެކަން ހަގީގަތަށް ވާނެ ކަމަށް ކައުންސިލުން ޔަގީން ކުރެއެވެ.
ކައުންސިލް ރައީސް ވިދާޅުވީ ޝަކުވާތައް ހައްލުކުރަން މަސައްކަތްތަކެއް ކުރެވޭ ކަމަށާއި, އެހެންނަމަވެސް ބައެއް ކަންތައްތަކަކީ ދަނޑުވެރިން އުއްމީދުކުރާހާ އަވަހަށް އޭގެ ނަތީޖާ ފެންނަމުން ނުދާ ކަންކަން ކަމަށެވެ. ގޮއިދޫއަށް މިހާރު ބޭނުންވަނީ ޒަމާނީ ދަނޑުވެރިކަމެކެވެ. ޒަމާނީ ދަނޑުވެރިކަކަމަށް ބަދަލުވެގެން ދިއުމަކީ ދަނޑުވެރިންނާއި ކައުންސިލްގެވެސް އުއްމީދެކެވެ.

މިއަށްވުރެ ބޮޑަށް ދަނޑުވެރިކަން ފުޅާވެ, ޒަމާނީ އެކި ވަޞީލަތްތައް ބޭނުންކޮށްގެން, ދަނޑުވެރިކަމުގެ ތަފާތު އާ ގޮތްތައް އަޅުގަނޑުމެންގެ ތެރެއަށް އެބަޖެހޭ ތަޢާރަފްކުރަން. އަޅުގަނޑުމެން ކައުންސިލުންވެސް ދަނޑުވެރިންނަށް އެފަދަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްތަކެއް އެބަކުރެވޭ. އުއްމީދަކީ ރަށުގެ ކޮންމެސް ބަޔަކަށް ޒަމާނީ ދަނޑުވެރިކަމަށް ނިކުތުމަށް މަގުތަކެއް ފަހުވެގެން ދިއުން.
އިބްރާހީމް ޝާހިދު/ ށ.ގޮއިދޫ ކައުންސިލްގެ ރައީސް
މީގެއިތުރުން ދަނޑުވެރިން އުފައްދާ ބާވަތްތަކަށް ރާއްޖޭގެ ބޮޑަތި މާކެޓްތަކުން ސަމާލުކަން ނުދިނުމަކީ އެންމެބޮޑު ކަންބޮޑުވުމެވެ. ޚާއްޞަކޮށް ރިސޯރޓް މާކެޓްތަކެވެ. ރޯދަމަހަށްވެސް ރާއްޖޭގެ ދަނޑުވެރިން, ރާއްޖެއަށް ބޭނުންވާ ވަރަށް ކަރާ ހެއްދި ނަމަވެސް ބޭރުން ކަރާ އެތެރެކޮށް އަގު ވައްޓާލުމަކީ ދަނޑުވެރިންގެ ކަންބޮޑުވުމެކެވެ. ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރަން ބޭނުންނަމަ ރިސޯރޓްތަކަށް ދަނޑުވެރިކަމުގެ ބާވަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖޭގެ ދަނޑުވެރިންނަށް ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށް ދަނޑުވެރިން ދެކެއެވެ. ސަޕްލައި ކުރާ ފަރާތްތަކުންވެސް ދަނޑުވެރިންނާ އެކުގައި މަސައްކަތްކޮށްގެން ރާއްޖޭގައި އުފައްދާ ތަކެތި ރިސޯރޓްތަކާ އެހެން މާކެޓްތަކުގައިވެސް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ދަނޑުވެރިންގެ އިލްތިމާސެވެ.
Beys chemicals jahaigen hadhdhaa tharukaaree meyvaa ke eema hashigandah gelling libeyt
Fiyaathoshi, dhonkeyothoshi ,bisthoshi , karugohoru , alamaashaafa hunna thoshi ,raajjeygah libenhunna thakethin gaskaanaa hadhaigen beynun kuran goidhoo meehun nuvisnaabaa!!!