އަމާން, ރައްކާތެރި, ހިތްފަސޭހަ ‘ށ.ގޮއިދޫ’

1078

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިވަގުތު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އަމާންކަމާއި ރައްކާތެރިކަން ދެއްތޯ. އަޅުގަނޑުމެން ތަނަކަށް ދަތުރުކުރަން ބަލާއިރު އެތަނަކީ ކިހާވަރެއްގެ އަމާންކަމާއި ރައްކާތެރިކަމެއް އޮތްތަނެއްތޯ ކަށަވަރުކުރަން އަޅުގަނޑަށް ހީވަނީ ކޮންމެ ބޭފުޅަކުވެސް ބޭނުންވާނެ

އިބްރާހީމް ޝާހިދު/ ށ.ގޮއިދޫ ކައުންސިލްގެ ރައީސް

ށ.ގޮއިދޫގެ ޚާއްޞަ ކަމަކީ ނުވަތަ ގޮއިދޫއަށް ޗުއްޓީއަށް އަންނަންވީ ކީއްވެތޯ ސުވާލުކޮށްލުމުން ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ދެއްވީ އެއީ އަމާން ރައްކާތެރި މާހައުލެއް ކަމުގެ ޔަގީންކަމެވެ. ގޮއިދޫ އަކީ މަސްތުވާތަކެއްޗާއި, ވައްކަމާއި އެނޫންވެސް ކުށިގެ ވެށިން ސަލާމަތްވެފައިވާ މާހައުކެއް ކަމަށް ވިދާޅުވީ ޔަގީންކަމާއެކުއެވެ.

ގޮއިދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ދިއްލާލާފައި

އެވާހަކައިގަ ކުރިއަށް ދަމުން ދެން ދެއްކީ ޕާރކްކޮށްފައި ހުރި ސައިކަލްތަކެވެ. ކޮންމެ ސައިކަލެއްގައިވެސް ތަޅުދަނޑި އިނެވެ. ވިދާޅުވީ ކިތަންމެ ދުވަހެއް ވިޔަސް އެސައިކަލް އެތަނުގައި ހުންނާނެ ކަމަށެވެ. ގެދޮރު ތަޅުލައިގެން އުޅެން ނުޖެހޭ ކަމަށެވެ. ށ.ގޮއިދޫ އެންމެ ޚާއްސަވަނީ އަމާން މާހައުލެއް އޮތުމުންނެވެ. އެއާއެކު މެހުމާން ދާރީއެވެ. ކޮނެމް މީހަކު މެހުމާނަކު ފެނިއްޖެނަމަ ހިނިތުންވުމާއެކި ވާހަކަދައްކާނެ މީހެއްކަމުގެ ޔަގީންކަން ދިނެވެ. އެކަން އަޅުގަނޑު ތަޖުރިބާވެސް ކުރީމެވެ.

ށ.ގޮއިދޫގައި ފޮޓީ ނަގަން ޚާއްޞަ ތަނެއް

އެކުވެރި ރައްޔިތެއް ދިރިއުޅޭ ގޮއިދޫއަކީ ގުދުރަތީ ގޮތުންވެސް ރީތި, ދަނޑުވެރި ބޮޑު ރަށެކެވެ. 98 ހެކްޓަރުގެ މިރަށުގައި މީހުން ދިރިއުޅެނީ އޭގެތެރެއިން ގާތްގަނޑަކަށް %35 ގައެވެ. މީހުން ދިރިނޫޅޭ ސަރަހައްދުގެ ގާތްގަނޑަކަށް %15 އަކީ ކަނޑޫފާ ހިމެނޭ ޗަކަ ބިމެވެ. ގުދުރަތީ މާހައުލެއް އެބައޮތެވެ. ރަށުގެ ވަށައިގެންވާ ރިންގް ރޯޑް ނުވަތަ ވަށާ މަގު ވަނީ ރީތިކޮށް ހަދާފައެވެ. ސާފްތާހިރުކޮށް ބަލަހައްޓައެވެ. އެމަގުން ދަތުރުކުރާއިރު ރަށުގެ ހިތްގައިމުކަމާއި, ގުދުރަތީ ވެށި ތަޖުރިބާ ކުރެވެއެވެ. އެއީވެސް ހަތަރު ކިލޯ މީޓަރަށްވުރެ ދިގު މަގެކެވެ.

ވަށާމަގުން ދަތުރުކުރާއިރު އެކި ދިމަދިމާއިން ތުނޑިއަށް, ބީޗަށް ފޭބެން ހުރެއެވެ. އެއިން ކޮންމެ ދިމާއަކުން ފައިބާއިރު މަޑުކޮށްލައިގެން ތިބެވޭނެ މައިދާންތައް ހުރެއެވެ. ޖޯލިފަތިތަކާއި, އުނދޯއްޏެވެ. ބާބަކިއު ހެދޭނެ އިންތިޒާމްވެސް ބައެއް ސަރަހައްދުތަކުގައި އެބަހުއްޓެވެ. މިއިން ކޮންމެ ތަނަކީ ރަށުގެ ކޮންމެސް ޒުވާން ގްރޫޕެއްގެ އިސްނެގުމެވެ. ކައުންސިލްގެ މަޝްވަރާ ހޯދައިގެން ތަރައްޤީކޮށްފައިވާ ތަންތަނެވެ.

ގޮއިދޫ ވަށާ މަގު

މިތަންތަނާއި, ވަށައިގެންވާ މަގުވެސް ކައުންސިލުން ސާފްތާހިރުކޮށް ބަލަހައްޓައެވެ. އެކަމަށް ކައުންސިލުން މުސާރަދީގެން މުވައްޒަފުން ވަނީ ނަގާފައެވެ. ރަށުގެ އެކިސަރަހައްދުތަކަށް ޒިޔާރަތްކުރިއިރު ފާހަގަކުރެވުނު އެއްކަމަކީ ބޮޑަތި ބިޔަ ނިކަގަސްތައް ގިނަކަމެވެ. ބަނދަރު ސަރަހައްދާ ހިސާބުން އެހެން ބައެއް ސަރަހައްދުތަކުގައިވެސް ރީތިކޮސް ހެދިފައިވާ ހިޔާލިބޭ ބޮޑަތި ގަސްތައް ހުއްޓެވެ. ކައުންސިލުން އަންދާޒާ ކުރައްވާ ގޮތުގައި އެފަދަ އެންމެބޮޑު ތިރީހަކަށް ނިކަގަސް ގޮއިދޫގައި ހުންނާނެއެވެ. މީގެއިތުރުން އަލަށް އާބާދުވާ ސަރަހައްދުގައި އިމާރާތްކުރާ ގެތަކުގެ ފުރާޅު އެއްގޮތަކަށް ހުރިކަން ފާހަގަކުރެވުނެވެ. ހަތަރު ފުރާޅަށް ގެ ހިޔާކުރުމަކީ ރަށުގައި މިހާރު ‘ޓްރެންޑް’ އެވެ.

ބީޗް ސަރަހައްދުގައި އާއިލާއެއް އެކުގައި ވަގުތު ހޭދަކުރަނީ

މިއީ 770 އެއްހާ މީހުންގެ އާބާދީ އެކެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 500 އެއްހާ މީހުންނެވެ. މާލެއާ ދުރެވެ. މިރަށަށް ދަތުރުކުރަން އެންމެ ފަސޭހަ މަގަކީ ސްޕީޑް ލޯންޗް ‘ފްލައިންގ ފިޝް’ އެވެ. 55 މީހުންގެ ޖާގައިގެ ބޮޑަތި ލޯންޗް ތަކުގައި އިތުބާރާއެކު ދަތުރުކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގެސްޓްހައުސް އަކީ ‘ޓަރޓަލް ރިޓްރީޓް’ އެވެ. ރީތިކޮށް ހަދާފައިވާ ގޯތި ތެރެވެސް ހިތްގައިމު ގެސްޓްހައުސް އެކެވެ. އިތުރު ގެސްޓްހައުސްތައް އެޅުމުގެ މަސައްކަތް ކުރިއަށް ދެއެވެ. އަދި ގޭގެއިންވެސް ކޮޓަރި ކުއްޔަށް ލިބެއެވެ. ޢާއްމު އަގަކީ 500 ރުފިޔާއެވެ. ކެފޭ ރެސްޓޯރަންޓްވެސް ރަށުގައި އެބަހުއްޓެވެ. އެކަމަކު މިރަށުގައި ހުރި އެންމެ ސަޅި ރެސްޓޯރަންޓަކީ ‘ދަ ޝައިން ގާޑަން’ އެވެ. ރަހަ ރަނގަޅު ވެފައި ޚިދުމަތް އަވަހެވެ. އަދި ތަނުގެ މާހައުލުވެސް ސަޅިއެވެ.

ށ.ގޮއިދޫ ތުނޑި

މިރަށުގެ ދަނޑުވެރި ރަށެކެވެ. ތާޒާ މޭވާ ކާން ލިބޭނެއެވެ. ނަމަވެސް އެވާހަކަ ވަކީން ގެނެސްދޭނަމެވެ. އަދި މިރަށުގެ އެންމެ ހިތްގައިމު ސަރަހައްދު ‘ފުއްޓަރު އަށި’ ގެ ވާހަކަ ކުރިން ވާނީ ގެނެސްދީފައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “އަމާން, ރައްކާތެރި, ހިތްފަސޭހަ ‘ށ.ގޮއިދޫ’

  1. ހަފުސީ ތިކުރައްވަނީ ނުހަނު ބުރަ އެހާމެ މުހިންުމު މަސައްކަތެއް

Comments are closed.