ފެހިކަން ގަދަ ލ.ހިތަދޫ, ކޮންމެ ގެއެއްގައި އަނބުގަހެއް!

1430

ކޮންމެ ރަށަކީވެސް ތަފާތު ސިފަތަކެއް ލިބިގެންވާ ޚާއްޞަ ރަށެކެވެ. ލ.ހިތަދޫ ޚާއްޞަވަނީ ކޮންމެ ގެއެއްގައި ހުރި އަނބުގަހުންނެވެ. ރަށުގެ ފެހިކަން ގަދަ ކަމުންނެވެ. އަނބުގެ އިތުރުން ބަނބުކޭލާއި, ރުކާއި, މާމެލާމެލީގެ ގަސްތަކުން ރަށުގެ ފެހިކަން ގަދައެވެ. ރާއްޖެތެރެ ރަށެއްގެ އިހުސާސް ކޮށްދެއެވެ. މާލެއިން ބޭރުވެވިއްޖެ ކަމުގެ އިހުސާސްވެއެވެ.

ލ.ހިތަދޫ ގަސްގިނަ ރަށެއް

މިއީ ބިންބޮޑު ރަށެކެވެ. ރަށުގެ ބޮޑުމިނުން މީހުން ދިރިއުޅެނީ އަދި ހަމަ ކުޑަ ތަންކޮޅެއްގައެވެ. 1300 އެއްހާ މީހުންގެ މިއާބާދީ އަކީ ފުދުންތެރި އާބާދީ އެކެވެ. ކައިރީގައި އޮތް ރިސޯރޓްތަކުން ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބެއެވެ. ރަށުގެ އަންހެނުން ވިންނަ ފަނަށް މާކެޓް ލިބެއެވެ. އެމަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދައެވެ. ރުށްގަސްގިނަ, ބޮޑު ރަށަކަށްވުމުން ފަން ހޯދުމުގައި ދަތިކަމެއް ނެތެވެ. މަސްވެރިވެސް ރަށެކެވެ.

ހިތަދޫ ބަނދަރު ސަރަހައްދު

ހަގީގަތުގައި ރަށުގެ އެންމެ ޚާއްޞަކަމަކީ ފެހިކަން ގަދަވުމެވެ. އަދި ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަމާއި މެހުމާން ދާރީއެވެ. ކައުންސިލް ރައީސް އިބްރާހީމް ޝައްމޫން ފާހަގަކުރެއްވީ އެކަމެވެ.

ރާއްޖެތެރޭ ރަށަކަށް އައުމުގެ ހިތްހަމަ ޖެހުން ލިބޭނެ. އެއިހުސާސް ކުރެވޭނެ. އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެންމެ ޔުނީކް ކަމަކީ. ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ސަގާފަތެއް އޮތް ރަށަކަށް ވާނެ ހަމަ ޔަގީނުންވެސް.

އިބްރާހީމް ޝައްމޫން / ހިތަދޫ ކައުންސިލްގެ ރައީސް

ރަށުގައި ގަސްގިނަ އެއް ސަބަބަކީ ބިންގަނޑު ރަނގަޅުވުމެވެ. ފަސޭހައިން ގަސް ހެއްދެއެވެ.  އެކަމަކު އޭގެ ސަބަބުން ބިންގަނޑު ޗަކަވުމުގެ މައްސަލަ ވެސް ބޮޑެވެ. ދުއްވާއެއްޗިހި ގިނަވުމާއި, ބިންގަނޑު ރަނގަޅު ވުމުގެ ނަތީޖާއަކީ ވާރޭވެހޭ ކޮންމެ ފަހަރަކު ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ރަށުގެ މަގުތައް ޗަކަވުމެވެ.

ލ.ހިތަދޫ

ޞިއްޙީ މަރުކަޒެއް ހުއްޓަސްނ މިރަށަކީ ޞިއްހީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. ކައުންސިލްގެ އެހީގައި އަންހެނުންނަށް ޚާއްޞަ ޑޮކްޓަރެއް ގެނެސް މިހާރު ސަރުކާރުން ވަނީ ހަވާލުވެފައެވެ. މާބަނޑު މީހުން ސްކޭން ކުރެވޭނެ އިންތިޒާމްވެސް ކައުންސިލުން ވަނީ ހަމަޖައްސައިދީފައެވެ. ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 10 އަށެވެ. ކައުންސިލް ރައީސް ވިދާޅުވީ ގްރޭޑް 11 އަދި 12 އުފައްދަން އުއްމީދުކުރާ ކަމަށެވެ. އަސާސީ ޚިދުމަތްތަކުގެ ތެރެއިން ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް އަދި ނުނިމޭތީ އެކަންބޮޑުވުން އެބައޮތެވެ. މަސައްކަތް ކުރިއަށް ދިއުމަކީ ހިތްހަމަ ޖެހުމެކެވެ.

ލ.ހިތަދޫ, ދުރުން ފެންނަނީ ހިމާޔަތްކޮށްފައިވާ ނިކަގަސް

ލ.ހިތަދޫ ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު އެންމެ ހިތްގައުމު އެއް ކުޅިއެވެ. އެވާހަކަ ވާނީ ކުރިން ގެނެސްދެވިފައެވެ. ހިތަދޫ ކިތަންމެ ރީއްޗަސް, ގުދުރަތީ ގޮތުން މުއްސަނދި ވިޔަސް މޮރަށަށް އައިސް ގޮސް އުޅުމަކީ ޚަރަދު ބޮޑު ކަމެކެވެ. އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ ވައިގެ މަގުން ކައްދޫ އެއަޕޯޓަށް ދަތުރުކޮށް, ރަށާ ކައްދުއާ ދެމެދު ލޯންޗްގައި އިތުރު ދަތުރެއް ކުރުމެވެ. އެމްޓީސީސީގެ ފެރީގެ ނިޒާމްވެސް މިދެމެދުގައި އެބައޮތެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ފެހިކަން ގަދަ ލ.ހިތަދޫ, ކޮންމެ ގެއެއްގައި އަނބުގަހެއް!

  1. Hallaky Hithadhoo kairi Mendhoo gai Airport eh elhun. Eyrun dhathuru fathuru kurumuge agu kudave varah bodah dhathuru kuran faseyha vegen dhaane

Comments are closed.