ރަށުގެ ބަނދަރަށް ފައިބާއިރު ރަށުގެ ހާލަތު އިހުސާސް ނުކުރެވިދާނެއެވެ. ރަށުގައި ބޮޑު ދެ ބަނދަރު އޮތުމާއި, ބޮޑަތި ބޯޓްފަހަރަށް ކައިރިކުރެވޭ ވަރުގެ ބޮޑު ބަނދަރެއް ނިމުމާ ގާތުގައި ވުމުންނެވެ.

އެކަމަކު ރަށަށް ފައިބައިގެން ކުރިއަށް ހިނގަމުން ދިޔަވަރަކަށް ހާސްކަން އިތުރުވާނެއެވެ. ރަށުގައި ދިއިއުޅޭ ރަށު ރައްޔިތުން އެމާހައުލަށް ހޭނިފައި ތިބުމުން އެމީހުންނަށް އެއިހުސާސް ނުކުރެވިދާނެއެވެ. ނަމަވެސް އަލަށް މިރަށަށް ޒިޔާރަތްކުރާ މީހަކު ރަށުތެރެއަށް ވަދެގެން ދާއިރު ނުތަނަވަސްކަމާއި ހާސްކަން އިހުސާސް ވާނެއެވެ. މިރަށުގެ ރައްޔިތުންގެ ދިރިއުޅުމާމެދު ކަންބޮޑުވާނެއެވެ.
ތަރުތީބެއްނެތި އުކާލެވިފައިވާ ގެތަކެވެ. ކިރިޔާ އެކަކަށް ދެވޭވަރުގެ ހަނި ގޯޅިތަކެވެ. އެއްކޮޅަށް ކިރިޔާ ދުއްވޭ ވަރުގެ މަގުތަކެވެ. އެއްގެއިން ނިކުންނައިރު އަނެއް ގެއެއްގެ ފޫޓްގައެވެ. ކުރިމައްޗަށް ވާގޮތަށް ހުންނަ ދެ ގެއެއްގެ ބޭރުގައި ދެބައި މީހުންނަށް ގޯލިފައްޗެއް ނުބެހެއްޓޭނެއެވެ. ދެގޭގެ ރައްޔިތުންގެ މެދުގައި ވަރަށް އެކުވެރި ބަދަހި ގުޅުމެއް ނެތްނަމަ އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކެއްގެ ތެރޭގައެވެ. މިއީ 5000 އަށްވުރެ ބޮޑު އާބާދިއެއް އޮތް ހިންނަވަރެވެ. މީގެތެރެއިން ރަށުގައި ދިރިއުޅެނީ ދެބައިކޮޅަ އެއްބައެވެ.

މިއީ އެރަށުގެ ރައްޔިތުންގެ މައްސަލައެއް ނޫނެވެ. ރަށަށްވުރެ ރަށުގެ އާބާދީ ބޮޑީއެވެ. 2010 ވަނަ އަހަރާ ހަމައަށް ގޯތިދޭނެ ބިމެއް ނެތީއެވެ. އާބާދީ އިތުރުވަމުން އަޔަސް, އެއާބާދީއަށް ބޯހިޔާވަހިކަން ހޯދައިދެވިފައި ނެތެވެ. އެހެންވީމާ މީހުން ދިރިއުޅޭ ސަރަހައްދުގައި ގޮޅި ގޮޅިއަށް ހުރީ އިމާރާތްތަކެވެ. އެއްގަމު އުޅަނދެއް ދެކޮޅަށް ދުއްވޭވަރުގެ ފުޅާ މަގެއް ވަރަށް މަދެވެ.

އެހެންނަމަވެސް 2009, 2010 ހިސާބުގައި ހިންނަވަރުގައި ހިއްކި ބިމާއެކު މިރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަށް ވަނި ހައްލު ލިބިފައެވެ. ހިނގަމުންދާ ކައުންސިލްގެ ދައުރުގައި 200 ގޯތި ދޫކޮށްފިއެވެ. އެގޯތިތައް އިމާރާތްކުރުމުގެ މަސައްކަތް އެބަކުރެއެވެ. އިތުރު 100 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ރޯހައުސްއާއި ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމަސައްކަތުގެ %70 ނިމިއްޖެއެވެ.
މިއާއެކު ގާތްގަނޑަކަށް ގޯތީގެ ކަންތައް ހައްލުވެގެން ދިޔައީއޭވެސް ބުނެވިދާނެ. ފެނާއި ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތެއް ނުކުރެވޭ, އެއުނދަގޫ އެބައޮތް. މިދައުރުގެ ތެރޭގައި އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު.
އައްފާން/ ހިންނަވަރު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް
ހިންނަވަރުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު ފާހަގަކުރެވުނީ ގިނަ މަޝްރޫޢުތަކެއް ފެށިނަމަވެސް އެމަޝްރޫޢުތައް ނިންމާނުލެވި އޮތްކަމެވެ. މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ރަށުގައި ހިނގަމުން ދެއެވެ.
ހިންނަވަރުގައި ހިނގަމުންދާ މަޝްރޫޢުތައް:
ބަނދަރު އަޕްގްރޭޑް ކުރުމާއި, ބޮޑަތި ބޯޓް ފަހަރަށް ކައިރުކުރެވޭ ވަރުގެ ބަނދަރުގެ މަސައްކަތް, މަސައްކަތް ކުރަނީ އެމްޓީސީސީން (ނިމުމާ ގާތުގައި)
ބޮޑަތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް, މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން
އާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް (އަލަށް މީހުން އާބާދުވާ ސަރަހައްދުގައި)
ފެނަކަ އޮފީހުގެ އާއިމާރާތުގެ މަސައްކަތް
ރަށުގެ ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގައި ކެފޭ ރެސްޓޯރަންޓާއި އެހެން ވިޔަފާރިތައް ދަނީ ކުރަމުންނެވެ. މިއީ ދައުލަތުގެ ބަޖެޓް ފިޔަވާ ކައުންސިލަށް އާމްދަނީ ވަންނަ މައި ދޮރެވެ. ބޯޓް ޔާޑަށްވެސް ކައުންސިލުން ވަނީ ކުއްޔަށް ބިން ދޫކޮށްފައެވެ.
ހިންނަވަރުގެ ޒުވާނުންނާއި އެނޫންވެސް ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވަނީ ކައިރީގައި ރިސޯރޓްތައް ހުރުމެވެ. މިރަށުގެ ގިނަ ޒުވާނުންނާއި, މެދުއުމުރުގެ މީހުންވެސް ފަތުރުވެރިކަމުގެ ދާއިރާގައި ރަށާ ކައިރި ރިސޯރޓްތަކުގައި މަސައްކަތް ކުރެއެވެ. އަދި އެރިސޯރޓްތަކުން ކޮންމެސް ވަރަކަށް ފަތުރުވެރިން ހިންނަވަރަށް ޒިޔާރަތްކުރެއެވެ. އާރުޓީއެލް ފެރީގެ ނިޒާމުން އަތޮޅުގެ ރަށްތައް ވަނީ ގުޅާލާފައެވެ.

މާލެއިން ހިންނަވަރަށް ދަތުރުކުރަން ބަލާއިރު މަޑިވަރު އެއަޕޯރޓް އޮތުމުން ވައިގެ މަގުން ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. އަދި ލޯންޗް ފެރީގައި ކޮންމެ ދުވަހަކުވެސް މާލެ ގޮސް އެނބުރި އައުމުގެ ފުރުޞަތު އެބައޮތެވެ.
ރަށުގައި އޮތް މަސްތުވާތަކެތީގެ ވަބާގެ ވާހަކަ ލިޔެލާފަ ނެތްކަން ވަރަށް ދެރަ
ހިންނަވަރުގެ މެޕް ރަނގަޅުކޮށްލާނެ މީހަކު ނެތީ ކަމަށް ދެެކެނީ. އަލަށް ހިއްކި ބިމާއި، ހިންނަވަރުގެ އަސްލު ބިން ގުޅިގެން ދާގޮތަށް މަގުތައް ނަހަދަނީ ކީއްވެތޯ؟ އަދިވެސް އެ ފުރުސަތު އެބައޮތް. ރ.މައުމޫނުގެ ފަހު ދައުރުގައި ދޫކުރި ބިމާއި ގުޅިފައިވާ މަގުތައް ހުރީ މިހާރެކޭ އެއްގޮތަށް. މިސާލަކަށް:
1. ރަށުގެ ހުރަސްމަގު ބަނދަރުން ފެށިގެން ސީދާ ހިއްކި ސަރަހައްދާއި ނުގުޅި، ޕާކެއް ހަދާފައި ވަނީ. ޕާކުގެ ދެ ފަރާތުން ދެކޮޅަށް ނުދުއްވޭ ހަނި މަގެއް އޮތީ.
2. ސުކޫލު ކުރިމަތިން ދާ މައި މަގު، ކީއްވެތޯ ފެންތާންގީ ޖަހާ ބަންދުކޮށްލީ؟
3. ހުޅަނގު ފަރާތުމަގު ބެދޭގޮތަށް ދަނޑު އެޅީ ކީއްވެތޯ؟
4. އޭޓީއެމް ބަހައްޓާފައި އެވަނީ ކޮންކަހަލަ އެލައިންމަންޓަކަށްތޯ؟
އަދިވެސް ރަނގަޅުކުރެވޭނެ. ނުކުރަނީ. އިބޫ ގޭ ދޮރުމަތީގަ ފެންޕްލާންޓް އެޅީމަ އެ ނެގިގޮތަށް….ރަނގަޅުކޮށްލާ