ލޯފަން ޒުވާނުންގެ އަޑު އަހާ, އެއަޑު އިއްވާ, އެ އުދާސްތަކަށް ތަސައްލީއެއް ހޯދައިދީ!

1299

“ވީޑިއޯއާއި ފޮޓޯއިން ފެންނަ ރީތި ތަންތަނާއި މަންޒަރުތައް ބަލަން އެތަންތަނަށް ތިޔަބޭފުޅުން ދާން ބޭނުންވަނީ ކީއްވެތޯ. އެތަންތަނަށް ބޮޑު ޚަރަދުކޮށް, ދަތުރު ހަދާފަ ދަނީ ކީއްވެތޯ. ފޮޓޯއާއި ވީޑިއޯއިން އެމަންޒަރުތަކާއި ތަންތަން ފެނޭ ނޫންތޯ. ދެން ކީއްވެތޯ އަޅުގަނޑުމެން ލޮލަށް ނުފެނުނަސް އެތަންތަނަށް ދާން ބޭނުން ނުވާންވީ. އަޅުގަނޑުމެންވެސް އިރުއަރާއިރު މިލިބޭ އަވި ބޭނުންވޭ. ވިއްސާރަވެހޭއިރު އެކަން އިހުސާސްކުރަން ބޭނުންވޭ.”

ލޯފަން ޒުވާނުން ރަތްމަންދޫގައި ކޮފީބޮނީ

މިއީ ލޯފަން ޒުވާނެއްގެ އިތުގެ އުދާސްތަކެވެ. ލޯފަން ކޮންމެ ޒުވާނެއްގެ ހިތްދަތި އިހުސާސްތަކެވެ. ލޯފަން ކުދިންގެ ޖަމްއިއްޔާއިން, އެފަދަ ކުދިންނާމެދު މުޖުތަމައު ހޭލުންތެރިކުރަން މިޑިސެމްބަރު މަހު މ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރި ދަތުރުގައި މިވާހަކަތައް އެޒުވާނުން އަސަރާއެކު ބަންޑުން ކޮށްލިއެވެ.

ހަގީގަތުގައި މިއީ ވަރަށް ގިނަ ވާހަކައެވެ. އެވާހަކަތަކުން ބުނެދޭ މާގިނަ ވާހަކަތައް އަދި ހުރީއެވެ. އެތަކެއް ހައްގުތަކުން އެކުދިން ވަނީ މަހުރޫމް ވެފައެވެ. އެތަކެއް ތަކުލީފާއި ގޮންޖެހުންތައް ތަހައްމަލު ކުރަން ޖެހެނީ މުޖުތަމައު ހޭލުންތެރި ނުވުމުންނެވެ. ސަރުކާރާއި އެނޫންވެސް މުއައްސަސާތަކުން އެކުދިންގެ ހައްގުތައް ހޯދައިދޭން ކުރަންޖެހޭ މަސައްކަތްތަކަށް އިހުމާލުވެފައި ވީތީއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަކީ ދިވެހި ކޮންމެ ރައްޔިތަކު އެމައްޗަށް އަމަލުކުރުން ލާޒިމް އެއްޗެކެވެ. ލޮލަށް ފެނުނަސް ނުފެނުނަސް ކުށެއް ކޮށްފިނަމަ އަދަބު ތަންފީޒުކުރަން ޖެހެއެވެ. އެކަމަކު އެގާނޫނުގައި އޮތް އެއްޗެއް ލޯފަން ޒުވާނުންނަށް އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެގާނޫނުތަކާއި, ގަވާއިދުތައް ކިޔޭނެ މަގެއް, އިވޭނެ ގޮތެއް ހަދައިނުދީ އެމައްޗަށް އަމަލުކުރުން ލާޒިމް ކުރާނީ ކިހިނަކުންތޯއެވެ. ދިވެހިރާއްޖޭގެ ކޮންމެ ޤާނޫނެއް, ކޮންމެ ގަވާއިދެއްގެ އޯޑިއޯ  ފަސޭހައިން އަޑުއެހޭނެ އިންތިޒާމް ހަމަޖެއްސުމަކީ ކޮންމެސް ބައެއްގެ މައްޗަށް ލާޒިމް ކަމެކެވެ.

ފަޔާޒު ޑިގްރީއެއް ހޯދަން ކުރި ހިތްދަތި ތަޖުރިބާ ހިއްސާކުރަނީ

ތައުލީމް ދިނުމާއި, ތައުލީމް ހޯދުމަކީވެސް އަސާސީ ހައްގެކެވެ. އިލްމާ ނުލާ ދިރިއުޅުން އާރާސްތުކުރެވޭކަށް ނެތެވެ. އެކަމަކު މިއަދުގެ ހާލަތަކީ ޢާއްމު މީހަކު ތިން އަހަރުން ނަގާ ޑިގްރީ ނަގަން ލޯފަން މީހަކު 10 އަހަރު ހޭދަކުރަން ޖެހުމެވެ. އެގޮންޖެހުންތަކާއި, ތަކްލީފާއި, އުނދަގޫ މަރުހަލާތައް އެތައް އަހަރަކު ކަޑައްތުކޮށް ޑިގްރީއާ ހަމައަށް ލޮލަށް ނުފެންނަ ޒުވާނުން އެދަނީ ވާސިލްވަމުންނެވެ. އެމަގު ކުރުކޮށް, އެތަކްލީފް ކުޑަކޮށް, އެގޮންޖެހުންތައް މަދުކުރެވޭނެ ކިތަންމެ ގޮތެއް މިއަދު އެބައޮތެވެ. އެކަމަކު އެކަމާ އަޅާލަނީ, ވިސްނަނީ ކޮން މުއައްސަސާއަކުންތޯއެވެ. ލޯފަން ޒުވާނުން މ.އަތޮޅުގެ ކޮންމެ ރަށެއްގައި އަސަރާއެކު ދެއްކީ އެވާހަކަތަކެވެ.

ގިނަބަޔަކަށް ގަބޫލުކުރެވިފަ އޮންނަނީ ލޯ ނެތިއްޔާ ހޯދޭނެ އިލްމެއް ނޯންނާނޭ. އެހެނެއްނޫން ލޮބުވެތި އަޚުންނާއި އުޚުތުންނޭ. އެއީ ކުށްހީއެއް, އެއީ އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ ހިޔާލުތަކެއް, ފިކުރުތަކެއް. އެހެނީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ތިބި ބޮޑަތި ބޮޑަތި ފިރިހެނުން ނުވަތަ ބޮޑަތި ބޮޑަތި އަންހެނުން އެބަތިބި ހިނާތާހިރު ވާނެގޮތް ނޭންގިފަ. ނޫނިއްޔާމް ނަމާދުކުރާނެ ގޮތް ނޭންގިފަ. އަތުންފައިން ކުރާނެ ހަމައެއްވެސް ކަމެއް ނޭންގިފަ.

އަހުމަދު ފަޔާޒު/ ލޯފަން ޑިގްރީ ހޯލްޑަރެއް

ތައުލީމާ ނުލާ ވަޒީފާއެއް އަދާކުރެވޭނެ ގޮތެއް ނެތެވެ. ހަމައެކަނި ސޮއިކޮށްލާ, ނުވަތަ ފިންގަރ ޖަހާލުމުން އެކައުންޓަށް ފައިސާ ޖަމާވުމަކީ ހަގީގަތުގައި ވަޒީފާއެއް ނޫނެވެ. ވަޒީފާއަކަށް ވަނީ މީހެއްގެ ނަން ކުންފުނީގެ މުވައްޒަފުންގެ ދަފްތަރުގައި އޮތުމަކުންވެސް ނޫނެވެ. މިހަގީގަތް ލޯފަން ޒުވާނުން ގަބޫލުކުރެއެވެ. އެފަދަ ގޮތަކަށް ލިބޭ އެލަވަންސެއް ހަގީގަތުގައި އެޒުވާނުން ބޭނުމެއްވެސް ނޫނެވެ. ބެނުންވަނީ ހައްގު ގޮތުގައި ކުރެވޭވަރު މަސައްކަތްކޮށް, އެހެން މީހުންނަށްވެސް ލިބިދޭފަދައިން މަސައްކަތުގެ އުޖޫރަ ނުވަތަ މުސާރަ ލިބުމެވެ. ލޯފަން ޒުވާނުންނަށް ހަމައެކަނި ކުރެވޭނީ އިމާމްކަމެއް ނޫނެވެ. ނުވަތަ ހަމައެކަނި ވެވޭނީ ހާފިޒަކަށްވެސް ނޫނެވެ. ތައުލީމާއި, ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުން އެހެންމީހުން އަދާކުރާފަދައިން އިދާރީ މަސައްކަތްތައްވެސް އަދާކުރެވޭނެއެވެ. ތަފާތު ފަންނު ތަކުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރިކަން އެދަނީ ދައްކައިދެމުންނެވެ.

އެތަމްރީނު ކުޅެދޭ މީހުންނަށް އެބަދޭ, ނުކުޅެދޭ މީހުންނަށް އެތަމްރީނު ނުދޭތީ މިއަދު މިހާލަތުގައި މިއޮތީ. ވަޒީފާދެނީއޭ ކިޔާފަ ހަމައެކަނި ކުންފުނީގަ ނަން ޖައްސާލާފަ މަހުން މަހަށް މުސާރަ ދިނީމަ އެކަމެއް ނުނިމޭ އިނގޭތޯ. އެކުދިންނަށް ހަވާލުކުރަންޖެހޭ މަސައްކަތްވެސް. ކޮންމެސް މަސައްކަތެއްކުރީމަ އުޖޫރަ ލިބުނީމަ އެލިބޭ ހިތްހަމަ ޖެހުން ހަމަގައިމުވެސް ތިޔަބޭފުޅުން އިހުސާސްކުރާނެ.

މުހައްމަދު ސައްދާމް/ ލޯފަން މުދިމެއް

ލޯފަން ޒުވާނުން ބޭންކް އެޕްލިކޭޝަންތައް މެދުވެރިކޮށް ފައިސާގެ ހުރިހާ މުއާމަލާތްތައް އަމިއްލަ އަށް ކުރެއެވެ. މޮބައިލް ގޭމްތަކާއި, އެނޫންވެސް އިންޓަރނެޓްގެ ޒަރީޔާއިން ކުޅޭ އޮންލައިން ގޭމްތައް ކުޅެއެވެ. ކޮމްޕިއުޓަރަށް އަހުލުވެރިއެވެ. އިނގިރޭސިއާއި ދިވެހިންވެސް އަވަހަށް ޓައިޕްކޮށްލައެވެ. އެކަން މ.އަތޮޅުގެ ކޮންމެ ރަށެއްގައި އަމަލުން އެމީހުން ދައްކައިދިނެވެ. މ.އަތޮޅުގެ ރައްޔިތުންނާއި މުއައްސަސާތަކުގައި ޚިދުމަތްދެއްވާ ފަރާތްތައް ކޮސްކޮށްލިއެވެ. މިކަންކަން އެޒުވާނުންނަށް ކުރެވޭނަމަ ވަޒީފާގެ މާހައުލަށް އެކުދިން ފައްކާ ނުކުރެވެންވީ ކީއްވެތޯއެވެ.

ސައްދާމް އޭނާފަދަ އެހެން ބައިވެރިންގެ ތަޖުރިބާ ހިއްސާކުރަމުންދިޔައިރު އަސަރުކޮށްފަ

ޚިދުމަތް ދިނުމުގައިވެސް އޮތީ ތަފާތުކުރުމެވެ. އެނގިގެން ނުވަތަ ނޭންގި ނަމަވެސް ލޮލަށް ނުފެންނަ ފަރާތްތަކާއި އެނޫންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަތީން ވަނީ ހަނދާން ނައްތާލާފައެވެ. އެރަށެއްގައި ލޯފަން ޒުވާނަކު ނެތްނަމަ ނުވަތަ ހުރިނަމަވެސް ހަރަކާތްރިކޮށް ގެންގުޅެވިފައި ނެތްނަމަ ޚިދުމަތް ދިނުމާއި, ރަށުގައި ރާވާ ހިންގާ ކަންކަންވެސް ތަރުތީބުކޮށް ބައްޓަން ކުރެވެނީ އެފަދަ ފަރާތްތައް އެކަހެރިކޮށް ބާކީ ކުރެވިގެންނެވެ. މައިސަރުކާރާ ހަމައިންވެސް މިކަން އޮތީ މިމަގުންނެވެ. ގާނޫނެއް ގަވާއިދެއް ނެތިވެސް ކުރެވޭނެ އެތައް ކަމެއް, ހޯދައިދެވޭނެ އެތައް ފަސޭހައެއް ހޯދައިދިނުމުގެ ބަދަލުގައި ހުރީ ތަކްލީފާއި އުނދަގޫވާނެ މަގަށެވެ.

މިސްކިތުގެ ސަފު ވަކިކުރަން, ވުޟޫކުރާ ތަނުން މިސްކިތަށް ދާން އޮންނަ ވޯކްވޭގައި ދެގާ ދޭތެރޭ ހުސްޖާގަ ނުބާއްވާ, ލޮލަށް ނުފެންނަ މީހާއަށްވެސް ރައްކާތެރިކޮން އެތަން ބާއްވަން އުޞޫލެއް ގަވާއިދެއް ހަދާކަށް ނުޖެހޭ. ފެރީ ނިޒާމްގައި ފެރީގެ ދަތުރުގެ މައުލޫމާތު އިއްވަން އުޞޫލެއް, ގަވާއިދެއް, ޤާނޫނެއް ހަދާކަށް ނުޖެހޭ. އިތުރު ޚަރަދެއް, އިތުރު ނިޒާމެއް ގާއިމްކުރާކަށް ނުޖެހޭ. ހޮސްޕިޓަލްތަކުގައި އޯޑިއޯ ކިޔު ސިސްޓަމް ގާއިމް ކުރެވޭނެ. ހަމައެކަނި ކޮށްލަން ޖެހޭކަމަކީ ލޯފަން ބަޔަކުވެސް މުޖުތަމައުގައި އުޅޭކަން ގަބޫލުކުރުން.

އަބުދުالله ޒިޔާއު/ ލޯފަން ހުނަރުވެރިއެއް
ޒިޔާއު ޚިދުމަތް ހޯދުމުގައި ހުރި ގޮންޖެހުންތައް ހިއްސާކުރަނީ

ދެން އޮތީ ދިރިއުޅުމެއްގެ ވާހަކައެވެ. ލޯފަން ވުމަކީ ދިރިއުޅުމެއް ފެށުމަށް މިއަދުވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މަންމައިންނާއި ބައްޕައިން, ދޮންބެއިންނާއި ދޮންތައިން އަދި ބޮޑުދާތައިންނާއި, ބޮޑުބެއިންވެސް އެމީހުންގެ ދަރީން ލޯފަން ޒުވާނަކާ ކައިވެރިކުރަން ނޭދެއެވެ. ލޯފަން ޒުވާނަކަށް އެމީހުންގެ ދަރީން ބެލޭނެކަން, ނުވަތަ ލޯފަން އަންބަކަށް އެމީހުންގެ ފިރިހެން ދަރީންނަށް ޚިދުމަތްކުރެވޭނެކަމަށް ގަބޫލުނުކުރެވެނީއެވެ. ގަބޫލުނުކުރެވެންވީ ކީއްވެތޯއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލޯފަން މަންމައިންނާއި, ބައްޕައިން, އަނބީންނާއި ފިރީން އުފާވެރި ހަމަޖެހޭ ދިރިއުޅުމުގައި އަހަރުތައް އެހޭދަކުރަނީއެވެ. ތިން ހަތަރު ދަރީންނާއެކު އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިން ދިރިއުޅެ, ދަރީން ތަރުބިއްޔަތު ކުރަނީއެވެ. މިއުޅެނީ އަދިވެސް ގަބޫލުކުރުމާއި ވިސްނުމުގެ މައްސަލައެކެވެ.

ލައްޗޭ ހިއްސާކުރީ ދިރިއުޅުމެއް ހޯދަން ކުރި ހިތްދަތި ތަޖުރިބާ

އަޅުގަނޑުމެން އެބަޖެހޭ ޒަވާޖީ ހަޔާތަކާ ކުރިމަތިލާން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަށް ޚިދުމަތްކުރާނެ އިތުރު އިންސާނުން އުފައްދަން. މިއީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެއް. ލޮލުގެ ފެނުމުގައި ނުކުޅެދުންތެރިކަން ހުރުމަކީ އިޝްގީ ވިންދު ހިތުގައި ނުޖަހާނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެއީ އެހެންބަޔަކު އަޅުގަނޑުމެން ދެކެ ލޯބިވާން ނުޖެހޭ ސަބަބެއްކަމަށްވެސް ގަބޫލެއް ނުކުރަން. މީހަކާ އިންނަނީ ލޮލުންތޯ. ނޫން ލޮލަކުން ނޫން މީހުނާ އިންނަނީ. ލޮލަށް ނުފެނުނަސް އަޅުގަނޑުމެންނަށްވެސް ދިރިއުޅުން ބިނާކުރެވޭނެ.

އަބުދުއްލަތީފް އިބްރާހީމް/ ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ޒިންމާދާރު ބައްޕައެއް

ލޮލަށް ނުފެނުމަކީ ކުޅިވަރުންވެސް މަހުރޫމްވާނެ ސަބަބެއް ނޫނެވެ. ކުޅިވަރުން ރަން ވަނަތައް ނުހޯދޭނެ ސަބަބެއްވެސް ނޫނެވެ. ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދޭން އޮތް ހުރަހެއްވެސް ނޫނެވެ. އެންމެ ފަހުން އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ލޯފަން ދެ ޒުވާނުން ރާއްޖެއަށް މެޑަލް ހޯދައިދިނެވެ. އެކަމަކު ހުރަހަކީ, ގޮންޖެހުމަކީ މުޖުތަމައުގެ ބައެއް މީހުންގެ ފަރާތުން ބުނެލާ ވިހަގަދަ ބަސްތަކެވެ. އަދިވެސް އެފަދަ ފަރާތްތަކަށް ކުޅިވަރުގެ އެންމެ އެކަށީގެންވާ ވަޞީލަތްތައް ގާއިމްކޮށްދެވިފައި ނެތުމެވެ.

އަޅުގަނޑު މަގުމަތީގައި ދުވަމުން ދަނިކޮށް މީހުން ބުނެފަ އެބަހުރި ކޮންދުވަހަކުން ބާއޭ މިލޯފަން މީހުން ނިމިގެންދާނީ މީން ދުއްވާ އެއްޗެއްގަ ޖެހިފަ, ހިތަށް ހާދަހާ އަސަރެއް ކުރިއޭ. އެކަމަކު އަޅުގަނޑު ހިތަށްއެރީ މިކަމާ ކުރިމަތިލާނަމޭ, މުސްތަގްބަލްގައި މިކަހަލަ ބަސްތަކާ އެހެން ކުދިން ކުރިމަތިލާން ޖެހުނަ ނުދިނުމަށް ގުރުބާން ވާނަމޭ.

ފާތިމަތު އިބްރާހީމް/ ލޯފަން އެތްލީޓެއް

މިއީ ލޯފަން އެތައް ޒުވާނުންގެ ހިތުގެ އުދާސްތަކުން މިންވަރެކެވެ. މިއުދާސްތަކަށް ތަސައްލީ ހޯދައިދިނުމަކީ ފަރުދީ ގޮތުން އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެކެވެ. ވަކީން ޚާއްޞަކޮށް މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމެކެވެ. މިއަދު މިއަޑު އުފުލަމުންދާ ގިނަ ޒުވާނުންނަކީ އަމިއްލައަށް ދިއުޅުއުޅޭވަރަށް ކަންކަން ތަޖުރިބާކޮށް, ފުރައްސާރައާ ކުރިމަތިލާ ހިތްވަރު ހޯދައިގެން ތިބި ޒުވާނުންނެވެ. މިއަދު އެޒުވާނުން އެކުރާ މަސައްކަތަކީ ދެން އަންނަން އޮތް ޖީލުގައި ތިބި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެފަދަ ތަޖުރިބާތައް ކުރަން ނުޖެހުމެވެ. ދުނިޔެ އޮތްހާ ހިނދަކު ލޯފަން ޒުވާނުންވެސް އުފަންވާނެތީއެވެ. ކުޑައިރުން ފެށިގެން އެފަދަ ފަރާތްތަކަށް ދޭންވާ ލޯތްބާއި އަޅާލުމާއި ދޭން އެބަޖެހެއެވެ. ތައުލީމާއި ސިއްހަތާއި އެނޫންވެސް އަސާސީ ހައްގުތައް ފޯރުކޮށްދޭން ޖެހެނީ އަމިއްލައަށް އެހައްގުތައް ލިބިގަނެވޭނެ ގޮތަށެވެ.

ފާތުން އެތްލީޓެއްގެ ގޮތުގައި ކާމިޔާބު ހޯދަން ކުރި ދަތުރުގައި ކުރިމަތިވި ގޮންޖެހުންތައް ހިއްސާކުރުމަށްފަހު

“އެންމެ ކުޑަކުޑައިރުގަ ޅަފަތުގެ ތައުލީމަކީ ޅަފަތުގާ އުގެނެމާ, އުފަލުގާ ކިޔަވަމާ, އެތައުލީމަކީ ވަރަށް އެހެންކަހަލަ އެއްޗެއް. އަޅުގަނޑު ބޭނުންވި އެތައުލީމް އުގެނެން, ވަރަށް އުގެނޭހިތްވި. ސްކޫލް ކުދިން ޔުނިފޯމްގައި ފެނުނީމަ މިހާރުވެސް ވަރަށް އަސަރުކޮށްލާ. މިހާރުވެސް ވަރަށް ދެރަވޭ. ސްކޫލަށް ނުދެވުނީމަ ވަރަށް ދެރަވި, ޔުނިފޯމް އަޅައިގެން ސްކޫލަށް ދާން ބޭނުންވި, ބޭނުންވެގެން ދިޔައީމަ ފޮނުވާލީ އެތަނުން, ލޯ ނެތީމަ, ލޮލުގެ ފެނުން ނެތީމަ.” މިތަޖުރިބާ އަޅުގަނޑުމެންގެ ދެމިގެންދާ ޖީލުތައް ކުރަން ނުޖެހޭނެ މަގަށް ކަންކަން ބައްޓަން ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ކަމެކެވެ.

ނޯޓް: ލޯފަން ޒުވާނުން މ.އަތޮޅަށް ކުރި ދަތުރުގައި ކުރިއަށް ގެންދިޔަ ސެޝަންތަކާއި, އެޒުވާނުން ދެއްކި ވާހަކަތަކުގެ ރެކޯޑިންގ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ފޭސްބުކް ޕޭޖްގައި ހުންނާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ލޯފަން ޒުވާނުންގެ އަޑު އަހާ, އެއަޑު އިއްވާ, އެ އުދާސްތަކަށް ތަސައްލީއެއް ހޯދައިދީ!

  1. Varah furihama article eh. Varah asaru kuruvi video eh. Thikuraa masakkathugai barakaii lavvaashi.

Comments are closed.