މިރަށަށް ފައިބާއިރު ރަށުގެ ތާރީޚު ފަސޭހައިން އިނގެން އޮންނާނެއެވެ. ރަށުގެ ނަމާ ދިމާއިން ފެންނަން ހުންނާނީ ރަށުގެ ތާރީޚީ މުހިއްމު ވާހަކަތަކެވެ. މިރަށަކީ ހަޤީޤަތުގައިވެސް ތާރީޚީ ރަށެކެވެ. އޭގެ ހެއްކަކީ ދިޔަމިގިލި ގަނޑުވަރެވެ. އެތަން މިއަދުވެސް ފެންނަން އެބަހުއްޓެވެ.

ތާރީޚީ ގޮތުން ޚާއްޞަވުމުގެ އިތުރުން މިރަށް ފާހަގަކުރެވުނީ ގުދުރަތީ ގޮތުންވެސް ފުރިހަމަކަމެއް ލިބިފައިވާ ރަށެއްގެ ގޮތުގައެވެ. އެކަމަކު އެއީ ދިޔަމިއްޔާއި ތިންކޮޅުފުށި އެއްކޮށްލުމުން ލިބުނު ލިބުނު ހިތްގައިމުކަމެކެވެ. އަދި ޖެހިގެން އޮތް މެދުފުށްޓާވެސް އެކުއެވެ. ތިންކޮޅުފުށްޓަކީ މިހާރު ދިޔަމިގިލީގެ ބައެކެވެ. ޖެހިގެން މެދުފުށި އޮތީ ހިނގާލާފައި ދެވޭ ހިސާބު ކައިރީގައެވެ. އެރަށް މިވަގުތު އޮތީ ވަރުވާއަށް ދޫކޮށްފައެވެ. މެދުފުށްޓާއި, ތިންކޮޅުފުށްޓާ ދެމެދު އޮތް މޫދަކީ ރަށުގެ ގުދުރަތީ ރީތިކަމެވެ. ދިޔަމިގިލީގެ ހިތްގައިމުކަމެވެ. މުޅި ސަރަހައްދު ކްލަބް ޖަމްއިއްޔާތަކުގެ ބައިވެރިވުމާއެކު ވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށްފައެވެ. މިއީ ދިޔަމިގިއްޔަށް ޒިޔާރަތްކޮށްލަން އޮތް މުހިއްމު އެއް ސަބަބެވެ. އެކަން ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވިއެވެ.
މިތުނޑީގެ ޚާއްޞަކަމަކީ މިތަނަކީ ހަމަ މޫދަށްއެރިލާ އާއިލާއާއެކީގަ އައިސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ތަނެއް. މިތުނޑި އަޅުގަނޑުމެން ތަރައްޤީކުރި ފަހުން މިކައިރި ރަށްރަށުންވެސް އަޅުގަނޑުމެން ކައުންސިލަށް ގުޅާފަ އެބަހުރި މިތުނޑި ބޭނުންވެގެން. މިތަނުގެ ހިތްގައިމު މާހައުލު ދެކިލާ ހިތްހަމަޖައްސާލަން ބޭނުންވެގެން, އަޅުގަނޑުމެން ކައިރިން ހުއްދައަށް އެދިފަ.
އަހުމަދު މޫސާ/ ދިޔަމިގިލީ ކައުންސިލްގެ ރައީސް
ޗުއްޓީއެއް ހޭދަކޮށްލަން އެންމެ ރަނގަޅު މަންޒިލްތަކުގެ ތެރޭގައި މިތަން ފާހަގަކުރެވެއެވެ. މީގެއިތުރުން މިރަށަކީ މަސައްކަތްތެރި ރަށެކެވެ. ބޯޓްބަނުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރެއެވެ. އޭގެތެރޭގައި ތެޔޮ ބޯޓްވެސް ހިމެނެއެވެ. ބޯޓްޔާޑެއް ރަށުގައި އެބައޮތެވެ. އެހެން އަތޮޅުތަކާއި ރަށްތަކުން މިރަށަށް ބޯޓްފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތަށް އާދެއެވެ.

ބޯޓްޔާޑްގައި މަސައްކަތްކުރާ ސަތޭކައެއްހާ ބިދޭސީންނާއެކު ރަށުގައި ދިރިއުޅެނީ 800 އެއްހާ މީހުންނެވެ. އެކަމަކު ރަށުގެ ރަޖިސްޓްރީގައި އޮތް އަދަދު ހާހެއް ފަހަނަ އަޅައިފިއެވެ. ދިޔަމިގިއްޔަށް މާލެއިން ދަތުރުކުރާނަމަ ސްޕީޑް ލޯންޗްގައި ކޮޅަކަށް 900 ރުފިޔާ ނަގާނެއެވެ. ތިމަރަފުށި މަގުން މަތިން ދަތުރުކުރާނަމަ އަގު އިތުރަށް ބޮޑުވާނެއެވެ. ރަށުގައި ގެސްޓްހައުސް ނެތަސް ފަސޭހައިން ކޮޓަރި ލިބެއެވެ. ގޭގެއިން ކޮޓަރި ކުއްޔަށް ދޫކުރާ އާއްމު އަގަކީ 350-450 ދެމެދެވެ.

ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 ން 1757 ހަމަޔަށް ރަސްކަން ކުރި ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެ ތެރެއިން މިހާރު ފެންނާންހުރި، އެ ރަސްކަމުގެ އެންމެ މުހިންމު ރަމްޒެވެ.
ދިޔަމިގިއްޔަކީ ހިތްހެޔޮ، އޯގާތެރި ރައްޔިތަކު ދިރިއުޅޭ ރަށެއް. ޗުއްޓީއަށް އާޢިލާއެކު ޖައްސާލަން ހަމަ ސަޅި ރަށެއް. ރާއްޖޭގެ ތާރީހާ ގުޅިފައިވާ މުހިންމު ރަށެއް.