ފޮޓޯއިން އެފެންނަ ޑިންގީ މ.ދިއްގަރު ފަޅަށް ވަނީ ޖެހިގެން އޮތް މަޑުއްވަރިން ތިން މީހުން ގޮވައިގެންނެވެ. އެ ތިން މީހުން ޑިންގީން ފޭބުމުން އެޑިންގީއަށް އަހަރެން އެރީ މަޑުއްވަރިއަށް ދިއުމަށެވެ. އަހަރެން މަޑުއްވަރިއަށް ފޭބުމާއެކު ދިއްގަރަށް ދާން ބޭނުންވި ދެމަފިރިން ޑިންގީއަށް އެރިއެވެ.

އެ ޑިންގީ މަޑުއްވަރިއާ ދިއްގަރާ ދެމެދު ދުވާލަކު އެވްރެޖްކޮށް ހަ ދަތުރުކުރެއެވެ. އެއީ ކޮޅަކަށް 25 ރުފިޔާގެ މަގުންނެވެ. ދަތުރެއްގެ އަގަކީ 50 ރުފިޔާ އެވެ. ދުވާލެއްގެ އެވްރެޖަކީ 300 ރުފިޔާއެވެ. މަހަކު ޢާއްމުކޮށް ނުވަ ހާސް ރުފިޔާ ލިބެއެވެ. މިއީ މަޑުއްވަރީ އަލީ ފަރުހާދުގެ ދިރިއުޅުމެވެ. އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ކޮންމެ ވަގުތަކު ގޮވާލިޔަސް އޭނާ ހުންނަނީ ތައްޔާރަށެވެ. އޭނާގެ މަހެއްގެ އެވްރެޖަކީ ނުވަ ހާސް ރުފިޔާ ނަމަވެސް ބަންދު ތެރޭގައި އޭނާ މުޅިން އުޅެނީ ދަތުރުތަކުގެވެ.
ދަތުރަކަށް ފަންސާސް ރުފިޔާ މިއިންނަނީ ދެކޮޅަށް. ދަތުރެއް މިކިޔަނީ ދޮޅު ގަޑިއިރު ނޫނީ ދެ ގަޑިއިރު މަޑުކުރަން. އެއަށްވުރެ އިތުރުވާނަމަ ދެ ދަތުރު ކަމަށް ބަލަނީ. މިހާރު ހަމަ މިމަސައްކަތުގައި މިއުޅެނީ. ނުވަވަރަކަށް ހާސް ރުފިޔާ ބައެއް މަސްމަހު ލިބޭ ހަމަ.
އަލީ ފަރުހާދު/ ޑިންގީ ދަތުރުކުރާ ފަރާތެއް
އަހަރެން މަޑުއްވަރީގައި ހޭދަކުރި ދޮޅު ގަޑިއިރަށްފަހު އެނބުރި ދިއްގަރަށް ދިޔައީވެސް ފަރުހާދާއެކު އޭނާގެ ޑިންގީގައެވެ. މުޅި ދަތުރަށް އަހަރެން ހޭދަކުރީ ބަރާބަރު ހަތަރު މިނިޓެވެ. އެއީ ކޮޅަކަށް ދެ މިނިޓެވެ. އަހަރެން އެނބުރި ދިއްގަރަށް ފޭބުމާއެކު ޑިންގީއަށް އެރީ އަހަރެން މަޑުއްވަރިއަށް ފޭބުމުން ޑިންގީއަށް އެރި ދެމަފިރިންނެވެ.

ފަރުހާދުގެ ޑިންގީ މުޅިންވެސް ދަތުރުކުރީ ދަތުރުވެރިންނާއެކުއެވެ. ޑިންގީގައި މި ދެރަށުގެ ދެމެދުގައި ދަތުރުކުރާ އިތުރު މީހަކުވެސް މަޑުއްވަރީގައި އުޅެއެވެ. އީދު ޗުއްޓީގައި ފަރުހާދާއެކު ކުރި ހަތަރު މިނިޓްގެ ދަތުރަކީވެސް ސަޅި ތަޖުރިބާއެކެވެ. ފަރުހާދަކީ ރަހުމަތްތެރި މިޒާޖެއްގެ ހީވާގި ރައްޔިތެކެވެ.
މީ ވަރައް ހިންހެޔޮމީހެއް