މުޅިން އެކަހެރިކޮށް އޮތް ކާށިދޫ, ރަށަށް ފޭބުމުން އެކަހެރިއެއްނޫން!

1464

މާލެއިން ފުރައިގެން ކ.އަތޮޅު ކާށިދޫއަށް ސްޕީޑް ލޯންޗެއްގައި ދެވޭނީ 1 ގަޑިއިރާއި ފަނަރަ ނުވަތަ ތިރީހަކަށް މިނިޓުންނެވެ. އެއީ ކޮޅަކަށް 300 ރުފިޔާއެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ދެ ލޯންޗް މާލެއާ ކާށިދުއާ ދެމެދު ދަތުރުކުރެއެވެ. އެއަށްވުރެ އަގުހެޔޮކޮށް ދަތުރުކުރަން ބޭނުންނަމަ އެމްޓީސީސީ ފެރީ އެބައޮތެވެ. ދެކޮޅަށް 100 ރުފިޔާއިން ވާނެއެވެ. އެކަމަކު އެއީ ހަތަރޔ ފަސް ގަޑިއިރުގެ ދަތުރެކެވެ. އޭގެއިތުރުން ކާށިދުއާއި މާލެއާދެމެދު ދަދުތުކުރާ މުދާ އުފުލާ އުޅަނދު ފަހަރުގައި ދަތުރުކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެއީ ކޮޅަކަށް 150 ރުފިޔާއެވެ. އެކި އަގުތަކުގައި ދަތުރުކުރުމުގެ ފުރުޞަތު އެބައޮތެވެ. މޫސުމަށް ބެލުން ބުއްދިވެރިއެވެ.މޫސުން ގޯސްނަމަ ކާށިދޫ ކަނޑަކީ ވަރަށް ގަދަ ކަނޑެކެވެ.

ކ.ކާށިދޫ

މިރަށުގައި ހަ ގެސްޓް ހައުސް އެބަހުއްޓެވެ. އަގުތައް ހުރީ ދިވެހިންނަށް ދުވާލަކަށް 550 ރުފިޔާއަށެވެ. ދެމީހަކު އެކުގައި ދަތުރެއްކޮށްލާނަމަ ރާއްޖޭގެ ދަތުރުފަތުރުގެ އަގުތަކާއި, ގެސްޓް ހައުސްތަކުގެ އަގުތަކަށް ބަލާއިރު ކުޑަ ޚަރަދަކުން ކާށިދޫއަށް ޖައްސާލެވިދާނެއެވެ. އެކަމަކު ސުވާލަކީ ކާށިދޫއަށް ދާންވީ ކީއްވެތޯއެވެ. އެރަށުގެ ޚާއްޞަކަމަކީ ކޮބައިތޯއެވެ.

މިއީ 242 ހެކްޓަރު ބޮޑު ރަށެކެވެ. ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ހިތްގައުމު ރަށެކެވެ. ތަފާތު ބާވަތްތަކުގެ ގަސްތަކުން ހިތްތަކަށް ފިނިކަން ލިއްބައިދެއެވެ. މާމެލާ މެލީގެ ތަފާތު ބާވަތްތަކެވެ. ވިޔަފާރި އުޅޫން ވިއްކަންވެސް ތަފާތު ބާވްތަތަކުގެ ގަސްތައް ގޭގޭގައިވެސް ހައްދާފައި އެބަހުއްޓެވެ. ޕޮޓްތަކުގައި ހުރި އެގަސްތައް ހުރީ ފަސޭހައިން ގެންދެވޭނެ ގޮތަށެވެ. ހިޔާދޭ ބޮޑަތި ގަސްތަކުން ރަށުގެ ނަލަކަން ބޮޑުވެ, ފިނިކަން ލިބެއެވެ. އެކަމަކު އެންމެ ޚާއްޞައީ ދަނޑުވެރިކަމުގެ ތަފާތު ބާވަތްތަކެވެ. މިއީ ދަނޑުވެރިކަން އެންމެ ފުޅާދާއިރާއެއްގައި ކުރާ އެއް ރަށެވެ. ދަނޑުވެރިކަމުގެ ހަމަ ހުރިހާ ބާވަތެއް ލިބެންހުރި ރަށެކެވެ. ކުރުނބަލާއި, ދޮންކޭލާއި, ފަޅޯ ރާއްޖޭގައި ކޮންޓްރޯލް ކުރާ ރަށެވެ. މިބާވަތްތައް ކާށިދޫއިން މާލެއަށް ގެންދެވޭގޮތް ނުވެއްޖެނަމަ ނުވަތަ ދަތުރެއް ލަސްވެއްޖެ ނަމަ އެތަކެތީގެ އަގުތައް މާލޭގެ މާރުކޭޓްގައި އުފުލޭލެއެވެ. މިވަގުތުވެސް 10 އަކަފޫޓްގެ 900 ދަނޑުބިން އޮތީ ދޫކޮށްފައެވެ. އެދަނޑުތަކުގައި ތަފާތު ބާވަތްތައް ވަނީ ހައްދާފައެވެ.

ކާށިދޫ ދަނޑެއްގައި ބަރަބޯ ހައްދާފައި

ތާރީޚީ ގޮތުންވެސް ކާށިދުއަކީ މުއްސަނދި ރަށެކެވެ. ޤަދީމީ ރަށެކެވެ. އޭގެ ހެއްކަކީ ތަރާގަނޑެވެ. ކާށިދޫގެ ފަތުރުވެރިކަން ފުޅާކުރަން އެންމެ މުހިއްމު ތަނަކީވެސް އެއީއެވެ. އެކަން ކައުންސިލުންވެސް ޤަބޫލުކުރެއެވެ. އެކަމަކު މިވަގުތު އެތަން އޮތީ ޒިޔާތަތްކޮށްލަން ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ބަލަހައްޓަމުން ނުދެއެވެ. ނުވަތަ ވަކިކަހަލަ ގޮތަކަށް ބަލަހައްޓަން ޖެހޭތީ އެކަން އޮތީ ނުކުރެވިއެވެ. ނަމަވެސް ތާރީޚާއި ޘަޤާފަތާއި ބެހޭ ވުޒާރާއާއި ކައުންސިލް ގުޅިގެން އެތަން ކުރިން އޮތް ގޮތަށް ނުވަތަ އެއާ އެއްފަދަ ގޮތަކަށް އަލުން ތަރައްޤީކުރުމުގެ ޕްލޭނެ އެބައޮތެވެ. އެކަމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޭރުން ކާށިދޫ ވާނީ ފަތުރުވެރިކަމުގައިވެސް މުހިއްމު ރަށަކަށެވެ. މީގެއިތުރުން ކާށިދޫގައި ހުރި ތާރީޚީ މިސްކިތްވެސް ވެގެންދާނީ ފަތުރުވެރިންނަށް ވިއްކޭނެ އަގުބޮޑު އާސާރަކަށެވެ.

ކާށިދޫ ތާރީޚީ މިސްކިތް

މިރަށަކީ އާބީދީގެ ބޮޑުބައެއް ރަށުގައި ދިރިއުޅޭ ރަށެކެވެ. 2800 އެއްހާ މީހުންގެ އާބާދީގެ ތެރެއިން 2000 އެއްހާ މީހުން ދިރިއުޅެނީ ރަށުގައެވެ. އޭގެއިތުރުން ތަފާތު މަސައްކަތްތަކުގައި 600 އެއްހާ ބިދޭސީން ދިރިއުޅެއެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމާއި, ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި އުޅޭ ބިދޭސީން ގިނައެވެ. ބޮދޭސީންގެ އަދަދާއެކު ރަށުގެ ޖުމްލަ އާބާދީއާ އެއްވަރުގެ އަދަދެއް އަބަދުވެސް ރަށުގައި ދިރިއުޅެއެވެ.

ކާށިދޫއަށް ޖައްސާލާނަންތޯ ނޫންތޯ ވިސްނަން ނުވަތަ ނިންމަން ދޫކޮށްލާނަމެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “މުޅިން އެކަހެރިކޮށް އޮތް ކާށިދޫ, ރަށަށް ފޭބުމުން އެކަހެރިއެއްނޫން!

  1. · މޭ 16, 2023 at 9:24 ޕމ

    ހަފްސީ އަކީ ސްކޫލު ދައުރުން ފެށިގެން ނޫސްވެރިކަމާއި އަދަބިއްޔާތުގެ އެކި ފަންނު ތަކުގައި ހަރަކާތްތެރިވި ހުނަރުވެރި އެއް.
    ވަރަށް ފުރިހަމަ ކާށިދުއަށް ދާކަހަލަ ހަމަ.

Comments are closed.