ފުރަތަމަ އައީ ކޮމްޕިއުޓަރު ކޯހަށް, މިހާރު ޕެރަ އެތްލީޓެއް!

800

އޭނާ އުފަންވީ 1985 ވަނަ އަހަރުއެވެ. އުފަންވީއިރުވެސް އެއް ލޮލަކަށް ނުފެނެއެވެ. އެއް ލޮލަށް ކުޑަކޮށް ފެނެއެވެ. ކުޑައިރުގެ ދުވަސްތަކާއި، ފުރާވަރުގެ ދުވަސްތައްވެސް ހޭދަކުރަން ޖެހުނީ ލޮލަށް ނުފެންނަ މީހެއްގެ ގޮތުގައި ގޭތެރޭގައެވެ. ގެއިން ބޭރަށް، އަމުދުން ރަށުން ބޭރަށް ދިއުމުގެ ފުރުޞަތެއް އާއިލާއިން އޭނާއަކަށް ނުދެއެވެ. އެއީ ފަހަރެއްގައިވެސް ބަންދުކޮށްގެން ގެންގުޅުމުގެ ބޭނުމުގައެއް ނޫނެވެ. އާއިލާއިން ދުށީ ބޭރަށް ފޮނުވައިގެންވެސް ދެރަގޮތެއް ވެދާނެކަމަށެވެ. ހަޤީޤަތުގައި އާއިލާއިން ކަންކަން ކުރީ އާއިލާގެ ނަޒަރިއްޔާތުން ރަނގަޅަށެވެ. އޭރު މުޖުތަމައުގެ ހާލަތުވެސް އޮތީ އެމަގަށެވެ. މިއީ ށ.ބިލެއްފަހި އަބުދުއްރަޒާޤުގެ ވާހަކައެވެ.

ރައްޒާގު ސްކޮލަރޝިޕް އެއްބަސްވުމުގައި ފިންގަރޕްރިންޓް ޖަހަނީ: ފޮޓޯ-ޔޫތް މިނިސްޓްރީ

އަތޮޅު ފެރީގެ ނިޒާމުން ރަށްތައް ގުޅާލި ހިސާބުން ކައިރި ރަށްތަކަށް ރަށްޓެއްސަކާއެކު އޭނާ ކޮންމެވެސް ވަރަކަށް ދަތުރުކުރިއެވެ. އަދި އާއިލާގެ މެންބަރުންނާއެކުވެސް މަދު މަދުން ދަތުރުކުރިއެވެ. އެކަމަކު އޭނާއަށް އުއްމީދެއް ލިބި ކުރިމަގަށް ވިސްނުންތަކެއް ކުރެވެން ފެށުނީ 2013 ވަނަ އަހަރު މާލެއަށް ކުރި ދަތުރުންނެވެ. އޭނާ މާލެއަށް ކުރި ފުރަތަމަ ދަތުރުންނެވެ. އެއީ ލޯފަން ކުދިންގެ ޖަމްއިއްޔާއިން ހިންގި ކޮމްޕިއުޓަރ ކޯހެއްގައި ބައިވެރިވާން ކުރި ދަތުރެކެވެ. އުމުރުން 28 އަހަރުގައި ފުރަތަމަ މާލެ އައީ އާއިލާގެ މީހަކާއެކުއެވެ. އެކަމަކު އެއީ އާއިލާ މީހަކާއެކު މެނުވީ ދަތުރު ނުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނުވި ދަތުރެވެ.

އެދަތުރުން ވަރަށްގިނަ ކަންކަން ބަދަލުވެގެންދިޔަ. ލޯފަން ގިނަ ކުދިންނާ ދިމާވެ، އެއްކޮށް ކަންތައްތައް ބަދަލުވެގެންދިޔަ. ރަށުގައި އުޅުނުއިރު ބައިވަރު ރަށްޓެހިންނެއްވެސް ނުތިބޭ، ގިނަވަގުތު ހޭދަކުރީ ގޭގައި. މިއަދު އެކަނިމާއެކަނި ގޭމީހުން ނުލާ ދަތުރުކުރެވޭ.

އަބުދުއްރައްޒާގު- ޕެރަ އެތްލީޓެއް

މިހާރު ރައްޒާޤު ހަރަކާތެރިއެވެ. ރަހުމަތްތެރިން ގިނައެވެ. ގިނަ ވަގުތު ހޭދަކުރަނީ ރަހުމަތްތެރިންނާއެކު ކްލަބް ހައުސްގައި ތަފާތު ބިނާކުރަނިވި މައުލޫތަކަށް ވާހަކަދެއްކުމުގައެވެ. އޭގެތެރެއިންވެސް ގިނަ ވަގުތު ހޭދަވަނީ އޭނާއާއި އޭނާފަދަ އެހެން މީހުންގެ ކުރިމަގާ ގުޅުންހުރި މަޝްވަރާތަކުގައެވެ. ނިންމުންތައް ނިންމުމުގައެވެ. މިހާރު ރައްޒާގަކީ ގިނައިން ދަތުރުކުރާ މީހެކެވެ. ރަށްޓެހިންނާއެކު ދަތުރުކުރުމާއި، ކެފޭ ރެސްޓޯރަންޓްތަކަށް ކާން ދިއުމަކީ އޭނާގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭ ކަންކަމެވެ.

ރައްޒާގު އޭނާގެ ރަހުމަތްރެރިންނާއެކު


މިއަދު ރައްޒާގަކީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ މުވައްޒަފެކެވެ. 2017 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ އެކުންފުނީގައި ވަޒީފާ އަދާކުރަމުންނެވެ. އިމާމް އެޑްވާންސް ޑިޕްލޮމާ ކޯސް ފުރިހަމަކޮށްފިއެވެ. ޤާރީކޯސް ލެވެލް އެކެއް ދޭކަށްފަހު މިހާރު ތިނެއް ފުރިހަމަކުރަނީއެވެ.

މުޖުމަތައުއަށް ނިކުމެ، ކަންކަމުގައި ބައިވެރިވެ ކުރިއަށްދާހިތްވީ ލޯފަން އެހެން ކުދިންނާ ދިމާވި ހިސާބުން. ކުރިން ރަށުގައި އެކަނި އުޅުނުއިރު ހިތަށް ނާރާ އެއްކަމެއް ކުރާކަށްވެސް، ކަމެއް ކުރާކަށް ނުވެސް އުޅެން. ކަންކަން ބަދަލުވެގެން ދިޔައީ ލޯފަން އެހެން ކުދިންނާ ދިމާވެ، އެކުދިން ދޭ ހިތްވަރުން.

އަބުދުއްރައްޒާގު- ޕެރަ އެތްލީޓެއް

ނިސްބަތުން ވަޒީފާގެ ފުރުޞަތު ލިބޭ ލޯފަން ޒުވާނުންގެ އަދަދުވެސް އިތުރުވެއްޖެއެވެ. އަދި ތަފާތު އެހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ސަރުކާރުގެ ތެރެއިން ވަޒީފާގެ ފުރުޞަތުތައް ފަހިވާން ފަށައިފިއެވެ. އެކަމަކު އެފަހިކޮށްދޭ ފުރުޞަތާއެކު ބަދަލުވާން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ވަޒީފާއެއް ދިނުމަށްފަހު ކަމެއް ހަވާލުނުކޮށް ބޭންދުމުގެ ބަދަލުގައި އެމީހުންނަށް ކުރެވޭނެ ކަމެއް ހަވާލުކުރުމެވެ. ހުނަރު ހުރި ދާއިރާތަކުން ހުނަރު ތަރައްޤީކޮށްދީގެން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ކަމެއް ހަވާލުނުކޮށް ބައިންދައިގެން އެމީހުންގެ ނުކުޅެދުންތެރިކަން އިތުރަށް އިހުސާސްކޮށްދިނުމުގެ ބަދަލުގައި އެމީހުންގެ ހުރި ހުނަރެއް ތަރައްޤީކޮށްދީގެން އެމީހުންގެ ކުޅެދުންތެރިކަން މުޖުތަމައުއަށް ދައްކައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ޚާއްޞަކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭ ފަރާތްތަކުގެ ޒިންމާއެކެވެ.

“އަސްލު ކަމެއް ހަވާލު ނުކުރަނީ އަހަރެމެންނަށް ރަނގަޅަކަށް. އެކަމަކު ކުރެވޭ ވަރު ކަންކަން ހަވާލުކުރީމަ ހިތްހަމަ ޖެހެނީ. މަސައްކަތް ކުރަން ބޭނުންވަނީ. މަސައްކަތްކޮށްގެން އާމްދަނީ ހޯދަން އެދެނީ.” މިއީ ރައްޒާގުއާއި އޭނާފަދަ އެހެން މީހުންވެސް ބުނާ ވާހަކައެވެ.

ރައްޒާގު ޔޫތް މިނިސްޓްރީގެ ބޭފުޅުންނާއެކު: ފޮޓޯ-ޔޫތް މިނިސްޓްރީ

މަތީގައި އެވަނީ 7 ޑިސެމްބަރު 2021 ވަނަ ދުވަހާ ހަމައަށް އަބުދުއްރަޒާގުގެ ވާހަކައެވެ. އެތާރީޚުގައި އޭނާ ކިޔައިދިން އޭނާގެ ވާހަކައެވެ. 2023 ވަނަ އަހަރުން ދެވަނަ މަހުގެ މެދަށްދާއިރު އޭނާއަށް ލިބިފައިވަނީ ހިޔާލަށްވެސް ނުގެނެވޭ ބޮޑު ފުރުޞަތެކެވެ. އެއީ މިހާރު ޕެރަ އެތްލީޓެކެވެ. ރައްޖެ ތަމްސީލްކުރަން ތައްޔާރުވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ދުވުންތެރިއަކަށް ވުމަށް ކޯޗެއްގެ އިރުޝާދުގެ ދަށުން ޤަވާއިދުން ދުވާތާ އަހަރެއްވީއެވެ. ހިތްވަރާއެކު އެކުރި މަސައްކަތުގެ ނަތީޖާއަކީ މެޑަލް ހޯދާނެ އެތްލީޓެއްގެ ގޮތުގައި އޭނާގެ ކޯޗު ބަލައިގަތުމެވެ. އިތުރު ފުރުޞަތު ހޯދައިދޭން މަސައްކަތްކުރުމެވެ. ކޯޗު އަބުދުالله މަސްއޫދު އިސްވެ, ސަރުކާރަށް, މިނސިްޓްރީއަށް, ޔޫތް މިނިސްޓަރަށް ޔަޤީންކޮށްދިނީ އަބުދުއްރައްޒާގަކީ ޕެރަ އޮލިމްޕިކްސްއިން ރާއްޖެއަށް މެޑަލް ހޯދައިދޭނެ އެތްލީޓެއްކަމެވެ. އެހިތްވަރު ރައްޒާގުގެ ހުރިކަމެވެ. ނަތީޖާއަކީ މިނިސްޓަރ އަހުމަދު މަހުފޫލް އެކަން ޤަބޫލުކުރައްވާ އަރުތަ ޕްރޮގްރާމުން އަބުދުއްރައްޒާގަށް ފުރުޞަތު ދިނުމެވެ.

އަރުތަ ޕްރޮގްރާމްގެ ފުރަތަމަ ޕެރަ އެތުލީޓު އަބްދުލް ރައްޒާގަށް މަރުހަބާ. މިޕްރޮގްރާމްގެ ދަށުން ހާއްސަ ކޯޗެއްގެ އެހީގައި ރާއްޖޭއާއި ރާއްޖޭން ބޭރުގައި ތަމްރީންހަދާ އަދި މުބާރާތްތަކުން ފުރުސަތު ލިބޭނެ. އަމާޒަކީ ‪#IOIG2023‬ ގައި ރަންވަނައެއް ހޯދުން.🇲🇻

إن شاء الله

އަހުމަދު މަހުލޫފް- ޔޫތް މިނިސްޓަރ

ލިބުނު ފުރުޞަތާއެކު ރައްޒާގު ހުރީ ވަރުގަދަ އަޒުމެއްގައެވެ. މެޑަލް ހޯދުމުގެ އުއްމީދު ކުރުއަށްވުރެ ބޮޑުވެއްޖެއެވެ. ކޯޗުގެ އިސްނެގުމާއެކު މިނިސްޓްރީން ތަނަވަސްކޮށްދެއްވި ފުރުޞަތުގެ ބޭނުންހިފާ މެޑަލް ހޯދައިދޭން މާވަރުގަދަ އަޒުމެއް ކަނޑައަޅައިފިއެވެ.

މިއީ ހިޔާލަށްވެސް ގެނެވުނު ކަމެއްނޫން. މިކަހަލަފުރުޞަތު ލިބޭނެކަމަށް. މިފުރުޞަތު މިދެނީ މެޑަލް ހޯދާނެކަމަށް ކޯޗުން ބުނާ ބަޔަކަށް. އެއުއްމީދު އޮތް ބަޔަކަށް. އެހެންވީމާ ވަރަށްބޮޑު އަޒުމެއް އޮގަސްޓްމަހު އައިއޯއައިޖީން މެޑަލް ހޯދުމަކީ.

އަބުދުއްރަޒާގު- ޕެރަ އެތްލީޓެއް

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއިން މެޑަލް ހޯދުމަށްވުރެ ބޮޑު އެހެން އަަޒުމެއްވެސް ރައްޒާގުގެ އެބައޮތެވެ. އެއީ ކީރިތު ޤުރުއާން ހިތުދަސްކުރުމެވެ. އެމަސައްކަތް އަމަލީ ގޮތުން ފަށައިގެން މިހާރުވެސް ނަތީޖާތަކެއް ހާސިލްކޮށްފިއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ކުރިއަށްގެންދާ ކޯހެއްގައި ބައިވެރިވެ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ހިތްވަރުގަދަ ޒުވާނާ ކުރަމުން އެގެންދަނީ ވަރުގަދަ އަޒުމެއް އޮވެގެންނެވެ. ރައްޒާގުއަށް އަހަރެމެން އެދެނީ ކާމިޔާބީއެވެ. އޭނާގެ ހިތްވަރަށް ސެލިއުޓެވެ. އޭނާގެ ކޯޗަށް ސާބަހެވެ. ސަރުކާރުން ފަހިކޮށްދިން ފުރުޞަތަށްވެސް އޮތީ ހައްޤު ޝުކުރެވެ. އޮގަސްޓްމަހު ރައްޒާގު މެޑަލް އެޅުމަކީ ހުރިހާ ދިވެހިންގެވެސް އުއްމީދެވެ. ކީރިތު ޤުރުއާން ހިތުދަސް ހާފިޒެއްގެ ގޮތުގައި ރައްޒާގު އިރާދަކުރެއްވިޔާ ފެންނާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ފުރަތަމަ އައީ ކޮމްޕިއުޓަރު ކޯހަށް, މިހާރު ޕެރަ އެތްލީޓެއް!

  1. Mifaharu mee razzaaq ge faharu. In sha allah

Comments are closed.