ދަރަވަންދޫ ކައުންސިލުން ބާއްވާ ‘ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ- 16 އަހަރުން ދަށް’ ފައިނަލުން ދަރަވަންދޫ އާއި ހިތާދޫ ޖާގަ ހޯދައިފިއެވެ.
ދެޓީމް ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ދަތުރުކުރި ދެޓީމް ވަނީ ސެމީފައިނަލް މެޗުވެސް ކާމިޔާބުކޮށް, ސައްތައިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދަތުރުކޮށްފައެވެ.
ހިތާދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 3-1 ން ދޮންފަން ބަލިކޮށްގެންނެވެ. މެޗުގައި ހިތާދޫން ކުރި ހޯދީ ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތު ރަޒާން އަބްދުއް ރައުފްގެ ލަނޑުންނެވެ. ދެވަނަ ހާފްގައި ދެވަނަ ލަނޑު ޖެހީ އަހުމަދު މަނާލް އެވެ. އެކަމަކު މިދިޔަ އަހަރުގެ ޗެމްޕިއަން ދޮންފަންގެ މުޙައްމަދު ޒިހާން ހާލިދު ލަނޑު ޖަހާ ފަރަގު ކުޑަކޮށްދިނުމުން ފޯރި ގަދަވިއެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ދޮންފަން މުޅި ޓީމް, ކީޕަރާ އެކު ކުރިއަށްއެރި ވަގުތެއްގައި ގެއްލުނު ބޯޅައެއް ހޯދައިގެން ހުސް ގޯލަށް ފޮނުވާލީ މެޗުގެ މޮޅު ކުޅުންތެރިޔާ ރަޒާން އެވެ.
ދަރަވަންދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 1-0 ން ކަމަދޫ ބަލިކޮށްގެންނެވެ. ހަމައެކަނި ލަނޑު ޖެހީ ބަދަލަކަށް ނިކުމެ ޔޫސުފް ލޫކް ބިން އަލީ އެވެ. މިމެޗުގައި ކަމަދޫންވެސް ވަރަށް ރަނގަޅަށް ކުޅުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ދަރަވަންދޫ ކީޕަރު ސުރެއިހު އިބްރާހީމް އަށެވެ.
މުބާރާތުގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
