ވިޒިޓް ދަރަވަންދޫ 16 އަހަރުން ދަށުގެ ފުޓްސަލް ފިއެސްޓާގައި ފުރަތަމަ މެޗުން ބަލިވި ދޮންފަނާއި ކަމަދޫ ދެވަނަ މެޗު ކާމިޔާބުކުރުމުން މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ.
ދެޓީމްވެސް ދެވަނަ މެޗުން މޮޅުވުމުން ސެމީފައިނަލްގެ ޖާގަތައް ޔަގީންވާނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުންނެވެ. ފުރަތަމަ މެޗުގައި ބަލިވި އެންމެ ފަހުގެ ޗެމްޕިއަން ދޮންފަން ވަނީ ދެވަނަ މެޗުގައި 4-3 ން މާޅޮސް ބަލިކޮށްފައެވެ. މެޗުގައި ދޮންފަންގެ ލަނޑުތައް ޖެހީ މުޙައްމަދު އަލްޝަން އަލީމް އާއި ހުސެއިން ޒިޔާން އާއި ޔުއާން ޔޫސުފް ހަލީލް އެވެ. މެޗުގައި ޒިޔާން ދެ ގޯލް ޖެހިއެވެ. މާޅޮސް ޓީމްގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ޖެހީ އަހުމަދު ޝާން ޝިހާބު އެވެ. އަނެއް ގޯލް ޖެހީ އަލީ މުޚީލް މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލްޝަން އެވެ. މެޗުން ބަލިވިޔަސް މާޅޮސް ޓީމަށް އަދި ސެމީގެ ފުރުޞަތެއް ނުގެއްލެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދަރަވަންދޫ ބަލިކޮށްގެން މާޅޮހަށްވެސް ސެމީއަށް ދެވޭނެއެވެ. އެކަމަކު އެހާލަތުގައި ތިން ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުގެ ގޯލްގެ ތަފާތަށް ބަލަން ޖެހޭނެއެވެ.

ކަމަދޫ ސެމީގެ އުއްމީދު ދެމެހެއްޓީ ފަހު ވަގުތު ކިހާދޫ ބަލިކޮށްގެންނެވެ. ކަމަދޫ މެޗު ކާމިޔާބުކުރީ ފުރަތަމަ މެޗުގައި ހިތާދޫ އަތުން ބަލިވި ނަތީޖާ ކަމަށްވާ 3-2 ނެވެ. މެޗުގައި ތިން ފަހަރުވެސް ކުރި ހޯދީ ކަމަދޫންނެވެ. ކަމަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ލޫޠު އަބްދުالله އެވެ. އަނެއް ލަނޑު ޖެހީ އަހުމަދު އައިކް އެވެ. ކަމަދޫން މެޗުން މޮޅުވި ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވެ, އިތުރު ވަގުތުގެ ގޮތުގައި ރެފްރީން ކުޅުވި ވަގުތުގެވެސް އެންމެ ފަހު ވަގުތުއެވެ. މެޗުގައި ކިހާދޫގެ ދެ ލަނޑު ޖެހީ ޔުއާން ބިން މައުރޫފް އާދަމް އެވެ.
ކިހާދޫއަށް ސެމީގެ ފުރުޞަތު ދެން އޮންނާނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ހިތާދޫ ބަލިކޮށްގެންނެވެ. އެހާލަތުގައި މިގްރޫޕްގެވެސް ތިން ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުގެ ގޯލްގެ ފަރަގަށް ބަލަން ޖެހޭނެއެވެ.
