...

ކެންދޫ ފްރޮންޓް އޮފީސް, ބޮޑު ބަދަލެއްގެ ފެށުން!

827
0

އެންމެ ކުރުކޮށް ބުނާނަމަ އެއީ 24 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދޭ އޮފީހެކެވެ. ރަށަށް އަރާ ފައިބާ ކޮންމެ މީހަކަށްމެ އެހީތެރިވެދީ މަގުދައްކައިދޭ އޮފީހެވެ. ރަށުގެ ކޮންމެ ރައްޔިތަކު ކަމެއް ދަމެއް ބޮޑުވެ, ހާސްކަމަށް ދާހިނދު އެހީތެރިވެދޭ އޮފީހެވެ. އެއީ ކެންދޫ ފޮރޮންޓް އޮފީހެވެ.

ކެންދޫ ކައުންސިލްގެ ހިނގަމުންދާ ދައުރުގައި އެރަށު ބަނދަރު ސަރަހައްދުގައި ޤާއިމްކުރި ފްރޮންޓް އޮފީހުގެ އިމާރާތް ކުޑައެވެ. އެކަމަކު އެތަނުން ދޭ ޚިދުމަތާއި މުހިއްމުކަން ބޮޑެވެ. އެންމެ މުހިއްމު ކަމަކީ އެއީ 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ވުމެވެ. ރައްޔިތަކަށް ކަމެއް ބޮޑުވެ, ކައުންސިލް މެމްބަރަކާ ނުގުޅުނަސް, ކައުންސިލް އިދާރާ ބަންދު ވަގުތެއް ނަމަވެސް ފްރޮންޓް އޮފީހުން އެމީހަކަށް އެހީތެރިވުމުގެ ފުރަތަމަ މަރުހަލާ ފަށާނެއެވެ. ރަށުގެ ސަލާމަތާއި ރައްކާތެރިކަމާވެސް ފްރޮންޓް އޮފީސް ގުޅި ލާމެހިގެން ދެއެވެ.

ކެންދޫ ފްރޮންޓް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުން ބައިވެރިވަނީ: ފޮޓޯ-ޙަފްޞީ

ރަށަށް އަރާ ކޮންމެ މެހުމާނަކަށް މަރުހަބާ ކިޔާ މަގު ދައްކާ އެހީތެރިވެދޭނީ މިއޮފީހުންނެވެ. ރަށުން ފުރައިގެންދާ ކޮންމެ މީހަކަށްވެސް ބޭނުންވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ކެންދޫއަށް އަރާ މެހުމާނަކު ދާންވީ މަންޒިލެއް ނޭންގި, ޚިދުމަތަށް އެދި ދާންވީ ތަނެއް ނޭންގި ހުންނާކަށް ނުޖެހޭނެއެވެ. އެހީގެ ފުރަތަމަ އަތް ފްރޮންޓް އޮފީހުން ދިއްކޮށްލާނެއެވެ. ކައުންސިލް ރައީސް އިބްރާހީމް އަބްދުއްރަހުމާނު ވިދާޅުވީ ކައުންސިލަށް ނުގުޅިގެން, މެމްބަރަކު ފޯނު ނުނަގައިގެން އުޅެންޖެހޭ ޖެހުން ނިމުމަކަށް އައީ ކަމަށެވެ.

ޚިދުމަތުގެ ފުރަތަމަ ފިޔަވަޅު އަޅައިދޭނެ މިތަނުން. ޚިދުމަތް ހޯދަން އަންނަ މީހާ ނުޖެހޭނެ ކަންބޮޑުވެގެން އުޅޭކަށް, ޚިދުމަތް ފޮރުކޮށްދޭނެ މިތަނުން.

ބ.އަތޮޅު ކައުންސިލް ރައީސް އަހުމަދު އަފްރާހު ވިދާޅުވީ ކެންދޫ ފްރޮންޓް އޮފީހަކީ މުޅި ރާއްޖެއަށް ނަމޫނާއެއް ކަމަށެވެ. ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމަކަށް މިއީ ވަރަށް މުހިއްމު ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.

ކެންދޫއިން މުޅި ރާއްޖެއަށް މިދައްކައިދިނީ މިސާލެއް. ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އޮތް އެންމެ ފަހިގޮތް ކެންދޫ ކައުންސިލުން މިހުޅުވައިދިނީ. ރަށުގެ ރައްޔިތުން, އަތޮޅުގެ ރައްޔިތުން އަދި އަތޮޅުން ބޭރުގެ ރައްޔިތުންވެސް ކެންދޫއަށް އައިސްފަ އެކަނިވާކަށް ނުޖެހޭނެ. މުޅި ރަށުން ލިބޭނެ ހުރިހާ ޚިދުމަތްތަކެއް މިކުޑަ އިމާރާތުގެ ތެރެއިން ސައުވީސް ގަޑިއިރު ލިބޭނެ.

އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ ކައުންސިލްތަކުންވެސް ވަނީ ކެންދޫގެ މިއިސްނެގުން ފާހަގަކޮށްފައެވެ. އެގޮތުން މިއީ އެހެން ރަށްތަކުންވެސް ނަމޫނާއަކަށް ބަލައިގެން ޚިދުމަތުގައި އަޅަންޖެހޭ ފިޔަވަޅެއްކަން ފާހަގަކުރިއެވެ. ކެންދޫ ފްރޮންޓް އޮފީސް ވެގެންދާނީ ކެންދޫއާމެދު ޝުކުރުގެ ނަޒަރަކުން ބަލާލަން ފަހިވެގެންދާ ބޮޑު ބަދަލަކަށެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.