ރަށު ޖަރޒީގައި, އުފަން ރަށް ތަމްސީލްކުރަން މިދިޔަ 10 އަހަރު ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ރަށު ޓީމަށް ފޯރީގައި ސަޕޯޓްދޭން ލިބުނު އެންމެ ވާދަވެރި މުބާރާތަކީވެސް އެއީއެވެ. އެމުބާރާތުގެ ތަށްޓަކީ ރާއްޖޭގައި މިވަގުތު އެންމެ ފޯރިގަދަ ފުޓްސަލްގެ ކޮންމެ ފަންތިއެއްގެ ކުޅުންތެރިއެއްގެ އެންމެ ބޮޑު އުއްމީދެވެ. އެކަމަށް ރަށު ކައުންސިލްތަކުން ކުރާ ހޭދައިން ބުނެދެނީ ރަށަށް އެފަޚުރާއި ޝަރަފްގެ މުހިއްމުމަކެވެ.

މިރެއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތާރީޚީ ރެއެކެވެ. ބޮޑު ރެއެކެވެ. ކުރިއަށް އޮތީ ގޯލްޑަން ފުޓްސަލް ސިލްސިލާގެ 10 ވަނަ މުބާރާތުގެ ފައިނަލް މެޗެވެ. ފައިނަލު މެޗުން ކަނޑައެޅެނީ އާ ޗެމްޕިއަނެކެވެ. މީގެކުރިން ތަށި އުފުލާލެވިފައި ނެތް ގއ.ދެއްވަދޫ އާއި ހދ.ނައިވާދޫގެ ވާދަވެރި ފައިނަލް މެޗެވެ. ތަށި އުފުލާލާނީ އުތުރުން ނުވަތަ ދެކުނުންނެވެ. ދެކުނުން ދެއްވަދޫއެވެ. އުތުރުން ނައިވާދޫއެވެ.
ނައިވާދޫ ވަނީ މިދިޔަ އަހަރުވެސް ފައިނަލްގައި ވާދަކޮށްފައެވެ. ކާށިދޫ އަތުން ބަލިވެ, ތަށީގައި އަތްލުމުގެ ފުރުޞަތު ނުލިބުނަދް ވިދިވިދިގެން ދެވަނަ ފައިނަލްގައި ކުޅޭ ތިންވަނަ ރަށަކަށް ނައިވާދޫ ވެއްޖެއެވެ. މިދިޔަ އަހަރުގެ ތަޖުރިބާއިން ހިތްވަރު ހޯދައިގެން ނައިވާދޫ ނިކުންނަނީ ލިބުނު ދެވަނަ ފުރުޞަތުގެ ބޭނުން ހިފާށެވެ. ކެޕްޓަން ޔާމީން މުޙައްމަދު ބުނީ ތަށި އުފުލާލަން ދެވަނަ ފުރުޞަތެއް ލިބި, އެފުރުޞަތު ބޭކާރުކޮށްލަން ބޭނުންނުވާ ކަމަށެވެ.
އަނެއްކާވެސް އިތުރު ފުރުޞަތެއް މިލިބުނީދޯ ރަށަށް މިތަށި ގެންދަން. މަސައްކަތް މިކުރީވެސް މިދިޔަ އަހަރު ފައިނަލުން ބަލިވީތީ އެހިސާބަށް އަންނަން. އަލްހަމްދުالله އެކަން ކާމިޔާބުވެސް ވެއްޖެ. ދެން އޮތީ ތަށި.
އަނެއްކޮޅުން ދެއްވަދޫއަކީ ގައުމީ ޓީމްގެ ކުޅުންތެރިން އެންމެ ގިނަ ޓީމެވެ. އެމީހުން މުބާރާތުގެ ސެމީފައިނަލްގައިވެސް ކުޅުނީ އަލަށެވެ. އޭގެފަހުން ފައިނަލަށް ނިކުންނަނީވެސް އަލަށެވެ. އެމީހުންގެ ތަށި ނޫން ވިސްނުމެއް ނެތެވެ. މުބާރާތް ދެއްވަދޫން ފެށީވެސް ތަށްޓަށެވެ. ކެޕްޓަން އަހުނަފް ރަޝީދު ބުނީ ނައިވާދޫއަކީ މިމުބާރާތުގެ އެންމެ ރަނގަޅު އިދިކޮޅު ޓީމް ކަމަށެވެ. މިދިޔަ އަހަރުވެސް ފައިނަލް ކުޅުނު ނައިވާދޫ މެޗު ވަރަށް އުނދަގޫވާނެ ކަމަށާއި, އެކަމަކު ތަށި ނޫން އުއްމީދެއް ނެތް ކަމަށެވެ.
ދެއްވަދޫ ރެޑީވާނީ މިހުރިހާ މެޗަކަށްވުރެ މާބޮޑަށް. މާބޮޑަށް ރެޑީވެގެން އަންނާނ ފައިނަލަށް. އެއީ އަލަށް ޓީމް މިދިޔައީ ފައިނަލަށް, އެހެންވީމަ ސީދާ ތަށްޓަށް ނިކުންނާނީ އިންޝާالله
މުބާރާތުގެ ފައިނަލަށް ދެއްވަދޫ ދަތުރުކުރީ ސެމީފައިނަލްގައި 4-3 ން ވިލިމާލެ ބަލިކޮށްގެންނެވެ. އަދި ނައިވާދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި އޭދަފުށި ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ފުރިހަމަ ވަގުތު 1-1 ން އެއްވަރުވެ, ޕެނަލްޓީގައި ކުރި ހޯދީ 5-4 ނެވެ.
ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގައެވެ. މެޗު ކުޅޭނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
