ދެޓީމްގެ ކީޕަރުންވެސް ޕެނަލްޓީ ޖަހައިގެން ގާފަރު ކަޓުވާލާ, ވިލިމާލެ ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވިލިމާލެ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ޓީމް ވާދަކުރި ބުރުގައި ގާފަރާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 9-8 ން ކުރި ހޯދައިގެންނެވެ. ފުރަތަމަ ފަސް ޕެނަލްޓީގައި ކޮންމެ ޓީމަކަށްވެސް އެއް ޕެނަލްޓީ ނާކާމިޔާބުވިއެވެ. ވިލިމާލެއިން ކެޕްޓަން އަލީ ޝިޔާހު (ސިޔަޅޭ) ޖެހި ފުރަތަމަ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. އަދި ގާފަރުގެ އެއް ޕެނަލްޓީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) މަތަކުރިއެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީއަކުން, ޕެނަލްޓީއަކުން ޖަހަމުންގޮސް ނަތީޖާ ކަނޑައެޅުނީ ކީޕަރުންގެ ޕެނަލްޓީއެވެ. ޓޮޕްލަކް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް, ގާފަރު ކީޕަރު ޖެހި ޕެނަލްޓީ މަތަކޮށްފައެވެ.

ކްއާޓާ ފައިނަލްގައި ވިލިމާލެ ވާދަކުރަން ޖެހޭނީ ކުޑަހުވަދޫއާއެވެ. ކުޑަހުވަދޫ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ ސޯޅަ ބުރުގައި 3-1 ން ކަނޑިތީމް ބަލިކޮށްގެންނެވެ. މެޗުގައި ކުޑަހުވަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޙައްމަދު އަޔާޒު އެވެ. އަނެއް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖުމެއިލް ޖަމީލް އެވެ.

ކްއާޓާ ފައިނަލްގައި ތިމަރަފުށި ވާދަކުރާނީ ދެއްވަދޫއާއެވެ. ތިމަރަފުށި ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ ސޯޅަ ބުރުގައި 3-0 ން މާރަންދޫ ބަލިކޮށްގެންނެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުالله ޒިޔާން އެވެ. އަނެއް ލަނޑަކީ ބައިކޮޅަށް ވަން ލަނޑެކެވެ.

ދެއްވަދޫ ކްއާޓާ ފައިނަލަށް ދަތުރުކުރީ 4-2 ން ކެޔޮދޫ ބަލިކޮށްގެންނެވެ. މެޗުގައި ދެއްވަދޫގެ އަހުނަފް ރަޝީދު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އަހުމަދު ރާހިލް ރަޝީދު އާއި އަލީ ހައިސަމް (ޗުމްޕު) އެވެ. މޮޅު ކުޅުންތެރިއަކީ ހައިސަމްއެވެ.

ކްއާޓާ ގައި އޭދަފުށްޓަށް އޮތީ ދުވާފަރެވެ. އޭދަފުށި ކްއާޓާ ޔަގީން ކުރީ ގަދަ 16 ބުރުގައި 1-0 ން މައްޗަންގޮޅި ބަލިކޮށްގެންނެވެ. ހަމައެކަނި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ދުވާފަރުން ކްއާޓާ ޔަގީންކުރީ 5-3 ން ހިތަދޫ ބަލިކޮށްގެންނެވެ. ހިތަދޫ ލީޑްވެސް ނެގި މެޗުގައި ދުވާފަރުގެ ލަނޑުތައް ޖެހީ މުޙައްމަދު ނޫހު އިބްރާހީމް, މުޙައްމަދު ޖުމާން އަހުމަދު, އިބްރާހީމް އަނާން އަލީ, އަދި އަބްދުالله ލޫތު އިބްރާހީމް އެވެ. ހިތަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޝާސް ޝަރީފް އެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު ސޮބާހު މަންސޫރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓޭ) އެވެ.

ގަދަ ސޯޅަ ބުރުގައި މަތިވެރިއާ އިސްދޫ ވާދަކުރަން އޮތް މެޗާއި ނައިވާދޫ އާއި ދިއްގަރު ވާދަކުރަން އޮތް މެޗު ވިއްސާރައިގެ ސަބަބުން ވަނީ މިރެއަށް ފަސްކޮށްފައެވެ. އެދެމެޗު ފަށާނީ މިރޭ 8:00 ގައެވެ.
