...

އޭދަފުށި, ކުޑަހުވަދޫ, ތިމަރަފުށި އަދި ވިލިމާލެއިން ޒޯން ޗެމްޕިއަންކަން ހޯދައިފި

344

އޭދަފުށި, ކުޑަހުވަދޫ, ތިމަރަފުށި އަދި ވިލިމާލެއިން ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި ގާފަރު ބަލިކޮށްގެންނެވެ. ކ.އަތޮޅުގެ ޗެމްޕިއަން ގާފަރުގެ މައްޗަށް އޭދަފުށިން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު 2-2 ން ދެޓީމް އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-4 ން ކުރި ހޯދައިގެންނެވެ.

ޗެމްޕިއަން އޭދަފުށްޓަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ޓްރޮފީ ހަވާލުކޮށްދެއްވަނީ; ފޮޓޯ-އިމޭޖަސްއެމްވީ

މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖަހާ ކުރިހޯދީ ގާފަރުންނެވެ. ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޝަނާން ރަޝީދު އެވެ. ދެވަނަ ހާފްގައި އޭދަފުށިން ނަތީޖާ ހަމަހަމަކުރީ މުއާޒު އަލީ އާއި އިމްތިޝާލް އަބްދުއްރަހީމްގެ ލަނޑުންނެވެ. ޕެނަލްޓީގައި ގާފަރުގެ އަލީ މާއިޝް (މައްޓު) ޖެހި ޕެނަލްޓީ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު, އަޒްޔާން އިބްރާހީމްގެ ޕެނަލްޓީވެސް ކާމިޔާބެއް ނުވިއެވެ.

ޒޯން 3 ގެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާ އޭދަފުށީގެ ހުސައިން ޝަރީފް (މުޑާ) އެވެ. ޓޮޕް ސްކޯރަރ އަކީ ގާފަރުގެ ޝަނާންއެވެ.

ޒޯން 5 ގެ ޗެމްޕިއަން ކުޑަހުވަދޫން ތަށި އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ކުޑަހުވަދޫން ޒޯން 5 ގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 6-2 ން މ.އަތޮޅުގެ ޗެމްޕިއަން ދިއްގަރު ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ 6 ލަނޑުވެސް ޖެހީ ކުޑަހުވަދޫންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ކުޑަހުވަދޫ ކެޕްޓަން ހާރޫން އިބްރާހީމް (ހާންޑޯ) ދެ ލަނޑު ޖެހިއެވެ. އަދި މުޙައްމަދު އަޔާޒު ވެސް ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ޖުމެއިލް ޖަމީލް އާއި މުޙައްމަދު އަރީޝް އެވެ.

ޒޯން 5 ގެ މޮޅު ކުޅުންތެރިއަކީވެސް އަދި ޓޮޕް ސްކޯރަރ އަކީވެސް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ހާންޑޯއެވެ. މެޗަށްފަހު އޭނާ ބުނީ އަމާޒަކީ މުބާރާތުގެ ގްރޭންޑް ޗެމްޕިއަންކަން ހޯދުން ކަމަށެވެ.

ޒޯން 3 އަދި 5 އާ ގުޅޭ ވީޑިއޯ ރިޕޯރޓް

ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދީ ފައިނަލްގައި 2-1 ން އިސްދޫ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ އިސްދޫންނެވެ. އެއީ އަލީ ހުމޭޒުގެ ލަނޑުންނެވެ. ތިމަރަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދިނީ މުޙައްމަދު ތޯހިރުއެވެ. މެޗުން މޮޅު ކޮށްދިނީ ފަހު މިނިޓްގައި އަބްދުالله ޒިޔާން އެވެ. މިޒޯންގެ މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އަދި ޒޯނުގެ މޮޅު ކުޅުންތެރިއަކީވެސް ޒިޔާންއެވެ. ޓޮޕް ސްކޯރަރ އަކީ އިސްދޫއަށް ލަނޑު ޖަހައިދިން ހުމޭޒު އެވެ.

ޒޯން 6 ގެ ތަށި ތިމަރަފުށިން އުފުލާލަނީ:ފޮޓޯ-އިމޭޖަސްއެމްވީ

ޒޯން 8 ގެ ޗެމްޕިއަންކަން ވިލިމާލެއިން ހޯދީ ފައިނަލްގައި މައްޗަންގޮޅި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަވަގުތު އެއްވަރުވީ 2-2 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖެހީ މައްޗަންގޮޅިންނެވެ. އެޓީމްގެ ދެ ލަނޑު ޖެހީ އަހުމަދު ހުސެއިން (އައްމަޑޭ) އާއި ޔޫސުފް އަޔާން އާމިރު އެވެ. ވިލިމާލެއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސައިފުالله އިބްރާހީމްއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝިޔާހު (ސިޔަޅޭ) އެވެ. ޕެނަލްޓީގައި ވިލިމާލެއިން ކުރި ހޯދީ 6-5 ނެވެ.

ޒޯން 8 ގެ ތަށި ވިލިމާލެއިން އުފުލާލަނީ: ފޮޓޯ-އިމޭޖަސްއެމްވީ

ޒޯން 8 ގެ މޮޅު ކުޅުންތެރިއަކީވެސް ސިޔަޅޭއެވެ. ޓޮޕް ސްކޯރަރއަކީ މައްޗަންގޮޅިގެ އައްމަޑޭއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.