ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކ.އަތޮޅުގެ ޗެމްޕިއަންކަން ގާފަރު އަދި އދ.އަތޮޅުގެ ޗެމްޕިއަންކަން މަހިބަދޫން ހޯދައިފިއެވެ.
އަހަރެއްގެ މެދުކެނޑުމަކަށްފަހު ގާފަރުން ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން މާފުށި 2-0 ން ބަލިކޮށްގެންނެވެ. މެޗުގައި ގާފަރުގެ ދެ ލަނޑު ޖެހީ ސާމިން މުޙައްމަދު ނަސީރާއި އަލީ މާއިސް (މައްޓު) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސާމިންއެވެ. އަދި ކ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީވެސް ސާމިންއެވެ. ކ.އަތޮޅުގެ ޓޮޕް ސްކޯރަރގެ މަގާމް ދެ ކުޅުންތެރިއަކު ހޯދިއެވެ. އެއީ ދިއްފުށީގެ އަލީ މާޒިން އާއި މާފުށީގެ ހުސައިން ރިފާން އެވެ.

މަހިބަދޫން އދ.އަތޮޅުގެ ތަށި އުފުލާލީ ފައިނަލްގައި 5-2 ން އޮމަދޫ ބަލިކޮށްގެންނެވެ. މުޙައްމަދު އަފްލާމް އާއި އިބްރާހީމް ޝާތިރުގެ ލަނޑުން މަހިބަދޫ ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް, އޮމަދޫން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެއީ އަބްދުالله ނާހިލްގެ ދެ ލަނޑުންނެވެ. އެކަމަކު އިސްމާއީލް ނަޒީރު އާއި އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އާއި ޝުވެއިދު ސައީދުގެ ލަނޑުން މަހިބަދޫން ވަނީ އަލުން ރަނގަޅު ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ބިޗަޑް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. އދ.އަތޮޅުގެ ޓޮޕް ސްކޯރަރއަކީ ދަނގެތީގެ އަހުމަދު ސުދެއިސް އަލީ އެވެ. އދ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޮމަދޫގެ އަލީ ޝާޒު ހިލްމީ އެވެ.

މުބާރާތުގައި މިހާތަނަށް ވަނީ 7 އަތޮޅެއްގެ ޗެމްޕިއަން ޓީމް ކަށަވަރުވެފައެވެ. މިއަދު 7 އަތޮޅެއްގެ ފައިނަލް ކުޅޭނެއެވެ.
