ވަށަފަރު ބަލިވުމުގެ ހިތްހަމަޖެހުން ހޯދައިގެން ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހއ.އަތޮޅުގެ ސެމީފައިނަލްގެ ފަހު ޖާގަ މާރަންދޫ ހޯފައިފިއެވެ.
މާރަންދޫ ސެމީއަށް ދަތުރުކުރީ ފަހު މެޗުގައި 5-1 ން އުތީމް ބަލިކޮށް, އެމެޗުގެ ފަހުން ނިމުނު މެޗުން ވަށަފަރު ބަލިވުމުންނެވެ. މެޗު އެއްވަރުކޮށްގެންވެސް ސެމީގެ ފުރުޞަތު ލިބެން އޮތް ވަށަފަރު މުރައިދޫ އަތުން ބަލިވީ 2-1 ނެވެ.

މާރަންދޫން އުތީމް ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން ސަމްހާން އަބްދުއްރަހުމާނާއި ހަމްދޫން އަހުމަދު ލަތީފް, ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު ހަމްދާން އަހުމަދެވެ. މެޗަށް ނިކުއިންއިރުވެސް ކަޓާފައި އޮތް އުތީމަށް ލަނޑު ޖަހައިދިނީ އަބްދުالله މާއިދު އެވެ.
ގްރޫޕްގެ އެއްވަނަ ހޯދި މުރައިދޫން ވަށަފަރު ކޮޅަށް ދެ ލަނޑުވެސް ޖެހީ އައިރޫން އަހުމަދު ރަޝީދު އެވެ. ވަށަފަރަށް ލަނޑު ޖަހައިދިނީ އަބްދުالله ސިނާން އެވެ. ގްރޫޕްގެ އެއްވަނަ މުރައިދޫ ސެމީގައި ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ކެލައާއެވެ. ގްރޫޕް އޭއިން އެއްވަނަ ހޯދީ ފަހު މެޗުގައި 4-2 ން ހޯރަފުށި ބަލިކުރި ފިއްލަދޫ އެވެ. ފިއްލަދޫ ސެމީގައި ވާދަކުރާނީ ގްރޫޕް ބީގެ ދެވަނަ ހޯދި މާރަންދޫއާއެވެ.

ހދ.އަތޮޅުން ގްރޫޕް އޭގެ އެއްވަނަ ހޯދީ ނޮޅިވަރަންފަރެވެ. އެޓީމުގެ ފަހު މެޗު ނިމުނީ ނޭކުރެންދޫއާ ވާދަކޮށް 1-1 ން އެއްވަރުވެގެންނެވެ. ދެވަނަ ޓީމްގެ ގޮތުގައި ނޭކުރެންދޫ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މިމެޗުގައި ނޮޅިވަރަންފަރަށް ލަނޑު ޖަހައިދިނީ މުޙައްމަދު ސާމިހު ފަތުހުالله އެވެ. ނޭކުރެންދޫގެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ވިލުފްއެވެ.
ސެމީގައި ނޭކުރެންދޫ ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ނައިވާދޫއާއެވެ. ނައިވާދޫ ވަނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ.

ނޮޅީވަރަންފަރު ސެމީގައި ވާދަކުރާނީ ނައިވާދޫގެ ފަހަތުން ދެވަނަ ހޯދި ފިނޭއާއެވެ. ފިނޭ ވަނީ ފަހު މެޗުގައި 3-1 ން ކުމުންދޫ ބަލިކޮށްފައެވެ. ފިނޭގެ ތިން ލަނޑު ޖެހީ އަލީ ނާއިފް އާއި އަހުމަދު ޝާނީޒް އާއި އިބްރާހީމް އާޒިމް އެވެ. ކުމުންދޫގެ ލަނޑު ޖެހީ ފަހުމާން އަބްދުލް ހަމީދެވެ. ހަނިމާދޫ ފަހު މެޗުން މޮޅުވި ނަމަވެސް ގްރޫޕް އޭގެ ތިންވަނައާއެކު އެޓީމް ވަނީ ކަޓާފައެވެ. ހަނިމާދޫ ފަހު މެޗު ކާމިޔާބުކުރީ ނޮޅިވަރަމާ ވާދަކޮށް 4-1 ނެވެ.
