...

ތ.އަތޮޅާއި އދ.އަތޮޅުގެ ސެމީގެ ޖާގަތައް ޔަގީންވެއްޖެ

307

ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތ.އަތޮޅާއި އދ.އަތޮޅުގެ ސެމީފައިނަލް ޖާގަތައް ޔަގީންވެއްޖެއެވެ. ތ.އަތޮޅުން ސެމީފައިނަލަށް ދަތުރުކުރީ ތިމަރަފުށްޓާއި, ހިރިލަންދޫގެ އިތުރުން ކިނބިދޫއާއި ގާދިއްފުށްޓެވެ. އދ.އަތޮޅުން ސެމީގެ ޖާގަތައް ހޯދީ މަންދޫ އާއި އޮމަދޫގެ އިތުރުން ދަނގެއްޗާއި މަހިބަދޫއެވެ.

ތ.އަތޮޅުން ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ތިމަރަފުށްޓެވެ. އެއީ ތިން މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ., ފަހު މެޗުގައި ތިމަރަފުށިން ވަނީ އޮމަދޫއާ ވާދަކޮށް 1-1 ން އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ. މެޗުގައި ތިމަރަފުށީގެ ލަނޑު ޖެހީ އަލީ ޝިފާއު އެވެ. އޮމަދޫގެ ލަނޑުޖެހީ މުޙައްމަދު އަލާއު އެވެ.

ހިރިލަންދޫން ފަހު މެޗުގައި ވަންދޫ ބަލިކުރި: ފޮޓޯ-އިމޭޖަސް.އެމްވީ

ތިމަރަފުށީގެ ފަހަތުން ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ 4 ޕޮއިންޓާއެކު ހިރިލަންދޫ އެވެ. ހިރިލަންދޫ ވަނީ ފަހު މެޗުގައި 3-1 ން ވަންދޫ ބަލިކޮށްފައެވެ. ވަންދޫގެ މުޙައްމަދު އަޒުހީން ލަނޑު ޖަހާ ކުރި ހޯދައިދީފައިވަނިކޮށް, ހިރިލަންދޫން ނަތީޖާ އަނބުރާލީ އަހުމަދު ސާއިން ސިއްދީގުގެ ދެ ލަނޑާއި އިސްމާއީލް އަޒުހާންގެ ލަނޑުންނެވެ.

ހިރިލަންދޫ ސެމީގައި ވާދަކުރާނީ ތ.އަތޮޅުން ގްރޫޕް ބީގެ އެއްވަނަ ހޯދި ކިނބިދޫއެވެ. ކިނބިދޫ އެއްވަނަ ހޯދީ ތިން މެޗުންވެސް މޮޅުވެ, 9 ޕޮއިންޓާއެކުއެވެ. ފަހު މެޗުގައި ކިނބިދޫ ވަނީ 5-1 ން ވިލުފުށި ބަލިކޮށްފައެވެ. ކިނބިދޫގެ މުޙައްމަދު ޝާފިއު 3 ލަނޑު ޖެހިއެވެ. އަދި އަލީ ހަމްދޫން ހުސައިން އެއް ލަނޑު ޖެހިއެވެ.ވިލުފުށީގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް ހާމީ އަހުމަދެވެ.

ގާދިއްފުށިން ސެމީ ޔަގީންކުރީ ބުރުނި ބަލިކޮށްގެން: ފޮޓޯ-އިމޭޖަސް.އެމްވީ

ކިނބިދޫގެ ފަހަތުން މިގްރޫޕުން ސެމީއަށް ދަތުރުކުރީ ގާދިއްފުށްޓެވެ. އެއީ 4 ޕޮއިންޓް ހޯދައިގެންނެވެ. ފަހު މެޗުގައި ގާދިއްފުށި ވަނީ 3-2 ން ބުރުނި ބަލިކޮށްފައެވެ. ބުރުނިން ފުރަތަމަ ލީޑް ނެގި މެޗުގައި ގާދިއްފުށީގެ ލަނޑުތައް ޖެހީ މުޙައްމަސު ސާހިލް, އަދީބު އަބްދުއްރަހުމާނު އަދި ހުސެއިން ޒާހިރު އެވެ. ބުރުނީގެ ދެ ލަނޑު ޖެހީ ހުސެއިން މަމްދޫހު އަހުމަދާއި އުސްމާން ޝާން މުޙައްމަދެވެ. ސެމީގައި ގާދިއްފުށި ވާދަކުރާނީ ތިމަރަފުށްޓާއެވެ.

މަންދޫ ވަނީ ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ހޯދާފަ: ފޮޓޯ-އިމޭޖަސް.އެމްވީ

އދ.އަތޮޅުގެ ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުންވެސް މޮޅުވެ މަންދޫ އެވެ. މަންދޫ ވަނީ ފަހު މެޗުގައި 5-3 ން ހަންޏާމީދޫ ބަލިކޮށްފައެވެ. މަންދޫގެ ފަސް ލަނޑުގެ އާދަމް ޝިޔާން މުޙައްމަދާއި, އިބްރާހީމް އިމްރާން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ އަހުމަދު ހަމްދާން އެވެ. ހަންޏާމީދޫގެ ތިން ލަނޑު ޖެހީ ހަސަން ޖިނާން އިބްރާހީމް އާއި މިފްޒާލް އަބްދުލް ހަސީބާއި މުޙައްމަދު ޖައިލަމް އެވެ.

އޮމަދޫ ސެމީއަށް ދަތުރުކުރީ ކުނބުރުދޫ ބަލިކޮށްގެން: ފޮޓޯ-އިމޭޖަސް.އެމްވީ

މަންދޫގެ ފަހަތުން ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ 4 ޕޮއިންޓާއެކު އޮމަދޫއެވެ. ފަހު މެޗުގައި އޮމަދޫ ވަނީ 4-1 ން ކުނބުރުދޫ ބަލިކޮށްފައެވެ. އޮމަދޫގެ ލަނޑުތައް ޖެހީ އަލީ ޝާޒު ހިލްމީ އާއި އާދަމް މާއިން ނަސީރު އާއި އަބްދުالله ނިހާން އާއި ޔޫސުފް ނަވާލް އެވެ. ކުނބުރުދޫގެ ލަނޑ ޖެހީ މުޙައްމަދު ސިރުހާން އެވެ.

އޮމަދޫ ސެމީގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ދަނގެއްޗާއެވެ. ދަނގެތި ގްރޫޕްގެ އެއްވަނަ ހޯދީ 9 ޕޮއިންޓާއެކުއެވެ. މިގްރޫޕުން ދެވަނަ ހޯދީ މަހިބަދޫއެވެ. ފަހު މެޗުގައި 3-1 ން ފެންފުށި ބަލިކޮށް, މަހިބަދޫ ވަނީ 6 ޕޮއިންޓް ހޯދާފައެވެ. ފަހު މެޗުގައި މަހިބަދޫގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އަނެއް ލަނޑު ޖެހީ އާދަމް ފަހުމާން އެވެ. ފެންފުށީގެ ލަނޑު ޖެހީ އަބޫބަކުރު މުޙައްމަދެވެ.

ދަރަވަންދޫ މެޗު ކާމިޔާބުކުރީ ފަހަތުންއަރާ: ފޮޓޯ-އިމޭޖަސް.އެމްވީ

މުބާރާތުގައި ބ.އަތޮޅުގެ ފުރަތަމަ މެޗު ފެންފުށްޓާ ވާދަކޮށް 2-1 ން ކާމިޔާބުކުރީ ދަރަވަންދޫ އެވެ. ފެންފުށީގެ ހަސަން ޝާއިން އަހުމަދު ޝަބީރުގެ ލަނޑުން ލީޑް ނަގާފައިވަނިކޮށް, ދަރަވަންދޫން ނަތީޖާ އަނބުރާލީ ޝާފިއު ސުޢޫދު (ބޮއްބެ) އާއި ހުސެއިން ނަސީމްގެ ލަނޑުންނެވެ. ބ.އަތޮޅުން ދެން ވާދަކުރަނީ އޭދަފުށްޓެވެ.

މާއެނބޫދޫ ފެށީ ބޮޑު މޮޅަކުން: ފޮޓޯ-އިމޭޖަސް.އެމްވީ

ދ.އަތޮޅުގައި މާއެނބޫދޫން ވަނީ 6-0 ން ބަނޑިދޫ ބަލިކޮށްފައެވެ. މެޗުގައި އަބްދުالله ޒާން ޒަހީން ދެ ލަނޑު ޖެހިއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އަހުމަދު ޝައިހާން އާއި އަކްރަމް އަހުމަދާއި, މައިޝާން މުޙައްމަދާއި އަލީ ޝާމިއު އެވެ. ދ.އަތޮޅުން ދެން ވާދަކުރަނީ ކުޑަހުވަދޫ އެވެ.

މުބާރާތުގައި ޅ.އަތޮޅުގައި އިއްޔެ ކުޅުނު ދެ މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެއީ ނައިފަރާއި އޮޅުވެލިފުށި ވާދަކުރި މެޗާއި ހިންނަވަރާއި ކުރެންދޫ ވާދަކުރި މެޗެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.