...

ނަލަނަލަ ހެނބަދޫ, ހިތްފަސޭހަ ހިތްގައިމު ރަށެއް!

611

މިރަށް ފޭބުނީ ހުކުރު ދުވަހެއްގެ ހުކުރު ކުރީގައެވެ. ދަބަސް ބެހެއްޓުމަށްފަހު އަވަސްވެގަތީ ޑްރޯން މައްޗަށް ފޮނުވާލުމަށެވެ. ޑްރޯން މައްޗަށް އެރުމާއެކު ސަމާލުކަން ގޮސް ހުއްޓުނީ ރަށުގައި ހަދާފައިވާ ކޮންކްރީޓް ޖެޓީއަށެވެ. ޖެޓީއަށްވުރެ ބޮޑަށް ޖެޓީ ސަރަހައްދުގައި އެކިއުމުރުގެ ކުޑަކުދިންނާއި ޒުވާނުން މިނިވަންކަމާއެކު މޫދުގައި ވަގުތުތައް ހޭދަކުރަމުން ދިޔަ މަންޒަރުން މީގެ އެތައް އަހަރެއް ކުރިއަށް ހަނދާންތައް ސޮއްސާލިއެވެ.

ހެނބަދޫ ޖެޓީ ސަރަހައްދުގައި އެތައް ބަޔަކު މޫދުގައި: ފޮޓޯ-ޙަފްޞީ

ރަށު މަދަރުސާގައި ތައުލީމް ހާސިލްކުރި ޅަފަތުގެ ދުވަސްވަރު މޫދަށް ދެވެނީ ހަމައެކަނި ހަފްތާ ބަންދުގައެވެ. އެވެސް މެންދުރުކުރި ކަނޑައެޅޭ ވަކި ވަގުތެއްގައެވެ. މިމަންޒަރާއެކު އާވީ އެހަނދާންތަކެވެ. އެއީ ބަނދަރު ނެތް ޒަމާނެވެ. އުފަން ރަށުގައިވެސް އޭރު އޮންނާނީ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދިން ކޮންކްރީޓް ދިގު ޖެޓީއެވެ. މިއަދު މިރަށުންވެސް މިފެނުނީ އެފަދަ ޖެޓީއެކެވެ. ހަގީގަތުގައިވެސް ރަށުވަންތަކަން އިހުސާސްވިއެވެ. މާލެއިން ބޭރުވެވިއްޖެކަމުގެ އިހުސާސް އެންމެ ބޮޑަށް ކުރުވަނީ މިފަދަ އުފާވެރި މަންޒަރުތަކުންނެވެ. މިރަށުގައިވެސް ބޮޑު ބަނދަރެއް އެބައޮތެވެ. ޖެޓީ މިއޮތީ މުޅިން އެހެން ދިމާއެއްގައެވެ.

ރަށުގެ ގޮނޑުދޮށަށް ފޭބިއުރު ތުއްތު ކުދިން މިނިވަންކަމާއެކު ދުވެ ނަގަނީއެވެ. ހިޔާލެއް ފިކުރެއްނެތި ކުޅެނީއެވެ. ރާޅު ޖަހާ ހިސާބާއި އެއްގަމުގައި ހިޔާދޭ ބޮޑަތި ގަސްތައް ދަށުގައެވެ. ގަސްދޮށުގައި ހުރި ހޮޅުއަށްޓާއި އެލުވާފައި ހުރި އުނދޯލިތަކުގައި ބެލެނިވެރިން އެމީހުންގެ އޮލަ ވާހަކައިގައި ތިބީ ދަރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ޔަގީންކަން އޮތީތީއެވެ.

ހެނބަދޫއަށް ކުރި ދަތުރުގައި ޑްރޯން އަރުވައިގެން ރަށުގެ މަންޒަރުތައް ނަގަނީ: ފޮޓޯ-ޙަފްޞީ

ރަށުގެ ބަނދަށަށް ނިކުމެލިއިރު އެސަރަހައްދުގައި ހުރި ގަސްދޮށުގައި ތަފާތު މަޝްވަރާތަކުގައި ތިބީ ހަރުކުލައިގެ ފިރިހެނުންނެވެ. ޒުވާން ފުރައިގެ ބައެއް ޒުވާނުންވެސް ތިއްބެވެ. އެތަނުގައިވެސް ހޮޅުއަށްޓާއި އުނދޯއްޔެވެ. އަދި ބަނދަރު ސަރަހައްދުގައި އިށިއިނދެވޭގޮތަށް އަށިތައް ހުއްޓެވެ.

ހަވީރުގެ ވަގުތުވެސް ހިތަށް ލިބުނީ ފިނިކަމެވެ. ބަފައިން އެމީހުންގެ ދަރިން ގޮވައިގެން ދޮށި އުކަނީއެވެ. ޒުވާނުން ޑިންގީގައި ނިކުމެ ރޯލް އުކައިގެންނެވެ. ފަޅުތެރޭގައިވެސް މަސްވެރިކަމުގައެވެ. ބަނދަރު އަށިތަކުގައި އަންހެންވެރިން ފިނިކޮށްލަނީއެވެ. ރަށުތެރެ ސާފްކުރާ މީހުން އެމަސައްކަތުގައި މަސްއޫލްވެއެވެ. އެހިސާބުން ޒަމީރު ޔަގީންކޮށްދިން އެއްކަމަކީ ޗުއްޓީއަކަށް ޒުވާރަތްކޮށްލަން މިއީ ރަނގަޅު ރަށެއްކަމެވެ.

ހަމަހިމޭން, އަމާން މިމާހައުލުގައި އިހުސާސްވަނީ ހިތްހަމަޖެހުމާއި ރައްކާތެރިކަމެވެ. އަގުބޮޑު ގެސްޓްހައުސްއެއް ނެތެވެ. އާބާދީ މަދެވެ. ދިރިއުޅެނީ 500 އެއްހާ މީހުންނެވެ. ރަށުގެ ޖުމްލަ އާބާދީވެސް އުޅެނީ 800 ގެ އަދަދުތަކުގައެވެ. އެކަމަކު މިއީ ކުޅިވަރުވެސް ރަށެކެވެ. މިއާދެވުނީވެސް ކުޅިވަރު މުބާރާތަކަށެވެ. މިއީ ނަލަނަލަ ރަށެކެވެ. ނަލަނަލަ ހެނބަދޫ އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.