...

‘އަނދިރި މުޙައްމަދު ނުކިޔާށޭ”

972

ސުރުޚީގައި އެވަނީ އެންމެ ކުރު ހުލާސާއެވެ. އެއީ ލޯފަން ކުދިންގެ ޖަމްއިއްޔާއިން އެފަދަ ފަރާތްތަކާމެދު މުޖުތަމައު ހޭލުންތެރި ކުރުމަށް ބ.އަތޮޅުގެ ފަސް ރަށަކަށް ކުރި ދަތުރުގައި ރަށެއްގައި ބޭއްވި ބައްދަލުވުމުގައި ލޮލުގެ ނުކުޅެދުންތެރިކަން އިހުސާސްކުރަމުންދާ މީހަކު ވަރަށް އަސަރާއެކު ކުރި އިލްތިމާސްއެކެވެ. އެދުނު ވަރަށް ބޮޑު އެދުމެކެވެ.

އަޅުގަނޑު ވަރަށް ދެރަވާކަމެއް އެއީ, އެކަން ވެއްޖެ ހުއްޓާލަން އިނގޭތޯ! އަޅުގަނޑާ ދިމާއަށް ވަރަށްގިނަ މީހުން އެބަކިޔާ އަނދިރި މުޙައްމަދު. އެހެން ނުކިޔާށޭ, އެއީ ވަރަށް ދެރަކަމެއް އިނގޭތޯ!

އޭގެފަހުން އޭނާ ވިސްނައިދިނީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނެތް މީހަކާ ދިމާއަށްވެސް އެންމެ ކުޑަމިނުން އެމީހަކު ނުރުހޭފަދަ ނަމަކުން ގޮވިނަމަވެސް ކުރާނެ އަސަރެވެ. ވާނެ ދެރައެވެ. “ތީގެތެރެއިން ބޭފުޅަކާ ދިމާއަށް މިހިރަ ފަލަ ކުއްޖާއޭ ބުނީމަ ދެރައެއް ނުވާނެތޯ! އެހެންވީމަ އަޅުގަނޑުވެސް ދެރަވޭ. އަނދިރި އެތަން ކޮޅު ނުލާ މުޙައްމަދު ކިއްޔާ ވަރަށް ރަނގަޅު. އަނދިރި އެތަންކޮޅު ނުލާށޭ, އެއީ ވަރަށް ދެރަވަރުގެ ކަމެއް.” ތަކުރާރުކޮށް އޭނާ އެދުނެވެ.

ބ.އަތޮޅަށް ދަތުރު ފެށުމާއި ފުރަތަމަ ރަށުގެ ތަޖުރިބާ

މިއީ އަޅުގަނޑުމެންގެ މުޖުތަމައުން މިއަދުވެސް ފެންނަންމުންދާ ހިތާމަހުރި ކަންކަމެވެ. ހަމައެކަނި ލޮލުގެ ނުކުޅެދުންތެރިކަން އިހުސާސްކުރާ ފަރާތްތަކުން އެކަނި ތަޖުރިބާކުރަން ޖެހިފައިވާ ކަމެއްވެސް ނޫނެވެ. އެކިކަހަލަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުހާތަބުކޮށް, އެފަދަ ފަރާތްތަކުގެ ހުރި ނުކުޅެދުންތެރިކަމަށް ނިސްބަތްވާ ގޮތަށް ނަންނަމުން ގޮވުމަކީ ހިތާމައިގެ ކޮޅެއްވެސް ނެތް ކަމެކެވެ. ލައިގެން ހުންނަ ހެދުން ހަޑިއޭ ބުނެލުމުންވެސް އަސަރުކުރާ ‘އަހަރެމެން’ އެހެން މީހުން, ޚާއްޞަކޮށް ނުކުޅެދުންތެރިކަން އިހުސާސް ކުރާ ފަރާތްތަކަށް އެފަދަ ނަންނަމުން މުހާތަބުކުރުމުން ކުރާނެ އަސަރާމެދު ކުޑަކޮށް ވިސްނާލިޔަސް އެފަދަ ކަންކަން ހުއްޓާލަން ޖެހޭކަން ގަބޫލުކުރެވޭނެއެވެ.

ދަތުރުގެ ދެވަނަ ރަށަކީ ހިތާދޫ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިފަދަ އެތައް ކަމެއް ހަގީގަތުގައި އަދިވެސް ތަހައްމަލު ކުރެއެވެ. ލޮލުގެ ނުކުޅެދުންތެރިކަން އިހުސާސް ކުރާ ފަރާތްތަކުން ޖަމްއިއްޔާއެއް ރަޖިސްޓްރީކޮށްގެން ކުރާ މަސައްކަތަކީ އެމީހުންނަށް ކުރިމަތިވާ އެފަދަ އެތައްކަމަކަށް މުޖުތަމައު ހޭލުންތެރިކޮށް, ހޭލައްވާލުމެވެ. އެމީހުންނަށް ހުރި ގޮންޖެހުންތަކާއި ތަފާތުކުރުންތަކުގެ އަޑު އިއްވާ އެކަންކަން އިސްލާހުކުރަން ބާރު އެޅުމެވެ. ތައުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި, އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް މިހިނދުން މިހިނދަށްވެސް ކުރެވޭނެ ކަންކަން ހުރިކަން ބުނެދިނުމެވެ. ތައުލީމްގެ ފުރުޞަތު ހޯދައިދޭން އެމީހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދޭން އަޑު އުފުލުމެވެ. ކުޑަކުޑަކޮށް ފެންނަ ދަރިވަރަކަށް ފޮންޓް ބޮޑުކޮށް, ލިޔެ މެޓީރިއަލްސް ފޯރުކޮށްދޭން ބާރުއެޅުމެވެ. އިމާމުކަން ނޫނަސް އެތައް ވަޒީފާއެއް އަދާކުރެވޭނެކަން ސާބިތުކޮށްދެނީ އެތައް ބައެއްގެ ކުރިމަތީގައި އަމަލުން ދައްކައިގެންނެވެ.

ދަތުރުގެ ތެރެއިން ދަރަވަންދޫ ތަޖުރިބާ

އަދިވެސް ވަރަށްގިނަ މިސްކިތްތަކަށް އަރާ ޤިބްލަ ވަކިކޮށްލައިގެން ނަމާދުކޮށްލެވޭނެ ގޮތަށް ކަންކަން ތަރުތީބުކޮށްފައި ނެތްކަމަށް އެމީހުން ބުނަމުން ދަނީ ލޮލުން ކަރުނަ ފާއްދާލާ ހާލުގައެވެ. އެކަން ކުރެވޭނެ ވަރަށް ފަސޭހަ ގޮތް އެމީހުން ބުނެދެއެވެ. ރައްކާތެރިކަމާއެކު ވުޟޫކޮށްލައިގެން މިސްކިތަށް ވަދެވޭނެ ގޮތް ހަމަޖެހިފައި ނެތް އެތައް ރަށެކެވެ. އެކަންކަން ފާހަގަކޮށް އިސްލާހުކޮށްލަދޭން އެދެއެވެ.

ދަތުރު ނިންމާލީ ކެންދޫން

ވަޒީފާގެ ނަމުގައި އެލަވަންސާއި އިނާޔަތްދިނުމަކީ އެއީ ‘މުސާރަ’ އެއް ކަމަށް ބުންޏަށް އެއިހުސާސް ނުކުރެވޭކަން އެމީހުން ކަންބޮޑުވުމާއެކު ހިއްސާކުރެއެވެ. އެމީހުންވެސް ބޭނުންވަނީ ވަޒީފާ އަދާކުރާށެވެ. މަސައްކަތް ކުރާށެވެ. އެކައުންޓަށް ޖަމާވާން ބޭނުންވަނީ އެމަސައްކަތުގެ ހައްގު އުޖޫރައެވެ. އެމީހުންނަށް ކުރެވޭނެ އެތައް މަސައްކަތެކެވެ. އަދާކުރެވޭނެ އެތައް ވަޒީފާއެކެވެ. އަމުދުން ދަސްކޮށްދީފިނަމަ ނުކުރެވޭނެ އޮތީ ވަރަށް މަދުކަމެކެވެ. ކުޅެދޭ ޢާއްމު މީހަކަށްވެސް ކޮންމެ ވަޒީފާއެއް އަދާ ނުކުރެވެއެވެ.

ހަގީގަތުގައި އަދިވެސް ސަރުކާރުތަކުން, މުއައްސަސާތަކުން އެފަދަ ފަރާތްތަކުގެ އަޑު އަހަންވީވަރާ ގާތަށްވެސް ނާހައެވެ. އަޑު އަހާނަމަ އިސްލާހުވެފައި ހުންނަން ޖެހޭނެ އެތައްކަމެއް އެމީހުން އެބުނެދެނީއެވެ. ޚިދުމަތެއް ތަޢާރަފްކުރާއިރު އެމަރުހަލާގައިވެސް އެފަދަ ފަރާތްތައް ތިބިކަންވެސް ވިސްނާލާނަމަ އެމީހުންވެސް ބާކީނުކޮށް, އެޚިދުމަތެއް ހަމަ އުނިއުތުރެއް ނެތި ލިބިދެއެވެ. އެކަމަކު ގިނަފަހަރަށް އެކަން ވަނީ ޚިދުމަތް ތަޢާރަފްކުރުމުން, ނުވަތަ އަޕްގްރޭޑް ކުރުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އަޑު އުފުލުމުންނެވެ. ހުރިހާ މަރުހަލާއެއްގައިވެސް އެފަދަ ފަރާތްތަކުގެ މަތީން ހަނދާންކޮށް, އެފަދަ ފަރާތްތައްވެސް ދިރިއުޅޭކަން ދަންނަ ނަމަ މިމުޖުތަމައު މިއަށްވުރެ އޯގާތެރި, ކުލުނުވެރި މުޖުތަމައުކަށް ވާނެއެވެ.

ދަތުރުގެ ބައިވެރިން ދަރަވަންދޫގައި އެރަށު ޑަބްލިޔުޑީސީ މެމްބަރުންނާއެކު

ލޯފަން ކުދިންގެ ޖަމްއިއްޔާ ‘ބްލައިންޑް އެންޑް ވިޜުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް’ އިން އެންމެ ފަހުން ދަތުރުކުރީ ބ.އަތޮޅުގެ ތުޅާދޫ, ހިތާދޫ, އޭދަފުށި, ދަރަވަންދޫ އަދި ކެންދޫ އަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “‘އަނދިރި މުޙައްމަދު ނުކިޔާށޭ”

  1. · ޑިސެންބަރު 25, 2025 at 9:13 އމ

    ތިންވަނަ މަންޒިލުގެ ވީޑިޔޯ ކޮޅު ނެތީ ކީއްވެތޯ..؟

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.