ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 60,000 ރުފިޔާއެވެ. ރަނަރަޕް ޓީމަށް 30,000 ރުފިޔާ އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާއެވެ. ރަނަރަޕް ޓީމަށް 15,000 ރުފިޔާއެވެ. މިއީ ދަރަވަންދޫގައި ފެށި ‘ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާ’ ގެ އިނާމް ފައިސާގެ އަދަދުތަކެވެ. މިއަދަދުތަކާއެކު މިމުބާރާތް ވެފައިވަނީ ރަށު ކައުންސިލަކުން މިއަހަރު ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ.
މިމުބާރާތަކީ ދަރަވަންދޫ ކައުންސިލުން މިއަހަރަށް ކަނޑައެޅި އެންމެ ބޮޑު އެއް އަމާޒު ‘ދަރަވަންދޫއަށް ޒިޔާރަތްކުރާ އަހަރު’ ގެ އަމާޒަށް ވާސިލްވުމުގެ ހަރަކާތްތަކުގެ ތެރެއިން މުހިއްމު ހަރަކާތެކެވެ. މިއަހަރު ދަރަވަންދޫ ކައުންސިލުން ކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ދަރަވަންދޫއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމަށް އެކަމަށް ސަބަބުތަކެއް އުފެއްދުމެވެ. އެމަސައްކަތްތަކުގެ ތެރެއިން ތިން މުބާރާތެއް ބާއްވަން ކަނޑައެޅިއެވެ. އެއީ 16 އަހަރުން ދަށުގެ ފުޓްސަލް މުބާރާތަކާއި, ވަކި އުމުރެއް ނެތް ފިރިހެން އަދި އަންހެން ޑިވިޝަންގެ މުބާރާތެވެ. ސޯޅަ އަހަރުން ދަށުގެ މުބާރާތް ނިމި އެންމެ ފަހުން ފެށީ ފިރިހެން ޑިވިޝަންގެ މުބާރާތާއި އަންހެން ޑިވިޝަންގެ މުބާރާތެވެ.

މުބާރާތުގައި ދަރަވަންދޫގެ އިތުރުން އަވަށްޓެރި މާޅޮސް, ދޮންފަން އަދި ކިހާދޫގެ ޓީމްތައް ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި ވާދަކުރަނީ 8 ޓީމެވެ. މުބާރާތުގެ ފުރަތަމަ ތިން މެޗަށް ބަލާއިރު ޓީމް ކިހާދޫ އާއި މާޅޮސް އެފްސީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
ޓީމް ކިހާދޫ މެޗު ކާމިޔާބުކުރީ ދަރަވަންދޫ ފެލްކޮން ޔުނައިޓެޑާ ވާދަކޮށް 2-1 ނެވެ. ފެލްކޮންގެ ހުސައިން ނާސިފް ލަނޑު ޖަހާ ލީޑް ނަގާދީފައި ވަނިކޮށް, ކިހާދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އާހިލް އާމިރު އެވެ. މެޗުން މޮޅު ކޮށްދިން ލަނޑު ޖެހީ ހުސައިން އައިހަމް އެވެ.

މާޅޮސް މެޗު ކާމިޔާބުކުރީ ދަރަވަންދޫ ވެޓަރެންސް އެފްސީއާ ވާދަކޮށް 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހީމް ވިއާމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅޮހުގެ އިބްރާހީމް ސިމާހު (ތަޑޭ) އެވެ.
ދަރަވަންދޫ ސުޕަރ ކިންގްސް އާއި ޓީމް ދޮންފަން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ
މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ 3 ޓީމެވެ. މުބާރާތް މިމަހުގެ 16 ވަނަ ދުވަހުގެރޭގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
