116 ރަށުން މުބާރާތުގައި ވާދަކުރާނެއެވެ. 41 ދުވަހުން 288 މެޗު ކުޅޭނެއެވެ. މިއީ މީގެ މަހެއްހާ ދުވަސް ފަހުން, ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ފަށާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ހައިބަތާއި ބޮޑުމިން ތަސައްވަރު ކޮށްދޭ ނަމްބަރު ތަކެކެވެ.
މިނަމްބަރުތަކުން ޔަގީންކޮށްދެނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމެވެ. އަދި އެންމެ ގިނަ ބައެއްގެ ބައިވެރިވުން އޮތް މުބާރާތަކީވެސް އެއީކަމެވެ. އެންމެ ވާދަވެރި, އެންމެ ފޯރިގަދަ މުބާރަތަކީވެސް އެއީކަމެވެ. އެގޮތުގައި ކުރިއަށް އޮތީ 10 ވަނަ އަހެރެވެ. 10 ވަނަ މުބާރާތެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ވިސްނުމަކީ ކޮންމެ އަހަރަކަށް ފަހުވެސް އާ އަހަރުގެ މުބާރާތާ ކުރިމަތިލާއިރު ކުޑަ ނަމަވެސް ބަދަލެއް, ކުރިއެރުމެއް މުބާރާތަށް ގެނައުމެވެ. އެގޮތުން ކުރިއަށް އޮތް 10 ވަނަ މުބާރާތަށް ގެންނަ ބަދަލަކީ ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރަން ފެށުމެވެ. މުބާރާތް ފަށާނީ ވީޑިއޯ ސަޕޯޓާއެކުއެވެ. މުބާރާތް ފަށަން މިދިޔަ ދެ އަހަރުގެ ޗެމްޕިއަނުން ކަމަށްވާ އޭދަފުށްޓާއި ކާށިދޫ ވާދަކުރާ މެޗުގައި ވީޑިއޯ ސަޕޯޓް ބޭނުން ކުރަން ފަށަން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. ހަގީގަތުގައި އެއީ ކުޑަ ބަދަލެއް ނޫނެވެ. ބޮޑު ބަދަލެކެވެ. އެތައް ބަޔަކު އުއްމީދު ކުރަމުން އައި ބަދަލެކެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ ވީޑިއޯ ސަޕޯޓާއެކު މުބާރާތް ފަށަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ވަރަށް ގިނަ ބައެއްގެ އެދުމެއް އަދި އުއްމީދުކުރަމުން އައި ކަމެއް ވީޑިއޯ ސަޕޯރޓް ހިމެނިގެން ދިއުން. އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ މެޗެއްވެސް (އަންނަ އަހަރުގެ) ވީޑިއޯ ސަޕޯޓާއެކީ ފުރިހަމަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުން.
މީގެއިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ޚާއްޞަ ކަމަކީ ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއެއްގެ އަމިއްލަ ރަށް ތަމްސީލް ކުރުމެވެ. ރަށު ޖަރޒީގައި ރަށަށް ތަށި ހޯދައިދޭން މަސައްކަތް ކުރުމެވެ. އެކަން ކަށަވަރު ކުރުމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަރަށްބޮޑު އިސްކަމެއް ދެއެވެ. ރަށްވެހިކަން ބަދަލުކޮށްގެން އެހެން ރަށްރަށަށް ކުޅުމަށް ހުރި ދޮރުތައް ބަންދުކުރަން ކުރެވެން ހުރި މަސައްކަތްތައް ކުރެއެވެ. އެފަދަ ބަދަލެއް ކުރިއަށް އޮތް މުބާރާތަށްވެސް ވަނީ ގެނެސްފައެވެ.

ކުޅުންތެރިން ޓްރާންސްފަރވާ މައްސަލައިގެ ހައްލެއްގެ ގޮތުން އަޅުގަނޑުމެން މިހާރު ގެނެސްފައިވާ ބަދަލަކީ ފާއިތުވި ތިން އަހަރުގެ މުއްދަތުގައި މިމުބާރާތުގައި ކުޅެފައިވާ ކުޅުންތެރިންނަށް ރަށް ބަދަލުކޮށްގެން އެހެން ޓީމަކަށް ނުކުޅެވޭ ގޮތަށް އަޅުގަނޑުމެން ގެނައި ބަދަލު. މިއާއެކީ ކުރިއަށް އޮތްތަނުގައި ރަށް ބަދަލުކުރުމުގެ ކަންތަކަށް ރަނގަޅު ހައްލެއް އަންނާނެކަމަށް އުއްމީދު ކުރަން.
2026 ވަނަ އަހަރުގެ މުބާރާތް ފަށަން މަހަކަށްވުރެ ކުރިން މިހާރު ވަނީ ގުރު ނަގާފައެވެ. އަތޮޅު މުބާރާތުގައި ޓީމްތައް ވާދަކުރަން ހުރި މެޗުތަކާއޮ ތާރީޚާއި ގަޑި މިހާރު އިނގޭނެއެވެ. އަދި ޒޯނަށް ހޮވޭ ޓީމްތައް ކުޅެން ޖެހޭނެ ގޮތުގެ ގުރުވެސް މިހާރު ވަނީ ނަގާފައެވެ. ގަދަ 16 ބުރުގެ ގުރު ނަގާނީ ޒޯން ބުރަށް ފަހުއެވެ. ގަދަ 16 އަށް ކޮލިފައިވާނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނާއި ރަނަރަޕެވެ. ކުރިއަށް އޮތް މުބާރާތުގައި އެންމެ ގިނަ ޓީމް ނުވަތަށް ރަށް ބައިވެރިވީ ހއ އަތޮޅާއި ހދ.އަތޮޅުންނެވެ. އެދެ އަތޮޅުންވެސް 10 ރަށް ވާދަކުރާނެއެވެ. ފުވައްމުލަކުން ވާދަކުރާނީ އެއް ޓީމެވެ. އެހެންކަމުން އެޓީމް ވާދަކުރާނޯ ޒޯން ބުރުގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ޗެމްޕިއަނެއް ކަނޑައެޅޭ މުބާރާތެއް ނޫނެވެ. ޗެމްޕިއަނުން ތަކެއް ކަނޑައެޅޭ މުބާރާތެކެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނެވެ. ކޮންމެ ޒޯނެއްގެ ޗެމްޕިއަނެވެ. އަދި މުޅި ރާއްޖޭގެ ޗެމްޕިއަނެވެ. މިއީ މުބާރާތުގެ ފޯރި ގަދަވާ މައިގަނޑު އެއް ސަބަބެވެ. މިފޯރިގަދަ މުބާރާތުގެ 10 ވަނަ އެޑިޝަން ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޖެނުއަރީ 3 ން ފެބްރުއަރީ 14 އަށެވެ.
