މިއީ 2667 މީހުންގެ އާބާދީއެކެވެ. މިއާބާދީ ދިރިއުޅެން އޮތީ އެންމެ 21 ހެކްޓަރެވެ. ހިއްކައިގެން އިތުރު ކުރެވެން އޮތީވެސް 8 ހެކްޓަރެވެ. ރަށް މިއޮތީ ފުރިފައެވެ. ތޮއް ޖެހިފައެވެ. ބޯހިޔާވަހިކަމަށް ހަލެއް ނެތެވެ. ރ.މަޑުއްވަރީގެ ހާލަތު ކުރުކޮށް ސިފަކޮށްދެވޭނީ މިވަރަށެވެ. ގޮންޖެހުންތަކުގެ ހުލާސާ އެވަނީ ތިރީގައެވެ.
ބޯހިޔާވަހިކަމަށް ހައްލެތް ނެތުމާއެކު އެވަރުގެ އެހެން ބޮޑު ގޮންޖެހުމެއްވެސް އެބައޮތެވެ. މިއީ މަސްވެރި ރަށެކެވެ. އާމަދަނީގެ ބޮޑުބައެއް ބިނާވަނީ މަސްވެރިކަމާއި, އެމަސައްކަތާ ގުޅުންހުރި އެހެން މަސައްކަތްތަކަށެވެ. މަސްކައްކާ ހިއްކުމެވެ. ރިހާކުރު އޮލަކޮށް އޭގެ ވިޔަފާރި ކުރުމެވެ.
ގޮންޖެހުމަކީ އެމަސައްކަތް ކުރާނެ ބިން ނެތުމެވެ. މުޅި ރަށުގައި މަސްކައްކާ ހިއްކަން ޖެހުމެވެ. އަވީލާން ޖެހުމެވެ.

އެކަމަށް ދޫކޮށްފައި އޮތީ, މަދުބިމެކެވެ. ހަގީގަތުގައިވެސް ބިން ދޫކުރެވޭކަށް ނެތެވެ. ބިން ނެތީއެވެ. އެހެންކަމުން މަސް ކައްކައްކާ, ރިހާކުރު އޮލަކުރަނީ ގޭގޭގައެވެ. ގޯތި ތެރޭގައެވެ. ގޭގެ ބަދިގެތަކުގައެވެ. އެފަދަ 36 ގެއެއް ހުރި ކަމަށް ހިސާބުތަކުން ދައްކައެވެ. އޭގެސަބަބުން އެކަން ނުކުރާ އެތައް ބަޔަކަށް ތަކްލީފާއި އުނދަގުލެވެ. ސިއްހީ މައްސަލަތައްވެސް ކުރިމަތިވާކަމަށް އެތައް ބަޔަކު ބުނެއެވެ.
ރަށުތެރޭގައި މަސްކައްކާ ހިއްކާތީ ފެތުރޭ ދުމުގެ ސަބަބުން ކުރިމަތިވާ ތުރާތަކާއި, ސިއްހީ މައްސަލަތަކެވެ. އެމަސައްކަތް ކުރާ މީހުންވެސް ކުރަނީ ސުވާލެކެވެ. އެމަސައްކަތް ހުއްޓާނީ ކިހިނެއްތް ހެއްޔެވެ. އެތައް ބައެއްގެ އާމްދަނީ އެވެ. 36 ގެއެއްގައި މަސް ކެއްކިޔަސް ހަގީގަތުގައިވެސް އެއީވެސް އެތައް ބައެކެވެ. ގްރޫޕްތަކެކެވެ. ހުއްޓާލަން ޖެހެނީ އެތައް ބައެއްގެ އާމްދަނީއެވެ. އެހެންވީމާ ނުކޮށްވެސް ވާކަށް ނެތެވެ.
މިސަރަހައްދުންވެސް ގިނަ މަސްދޯނި ފަހަރު ފެލިވަރާއި, ބޯޓްތަކަށް ނުކިރޭ މަސްތައް ކިރާލަނީ މިރަށަށެވެ. އެމަސްތައް ކައްކާ ރިހާކުރާއި ވަޅޯމަހަށް ބަދަލުކުރަނީ ފެކްޓަރީއޭ ނުކިޔަކަސް މިރަށުގެ ފެކްޓަރީ ތަކުންނެވެ. އެފެކްޓަރީ ތަކުގެ ހާލަތު ރަނގަޅު ކުރަން ޖެހެއެވެ. މީހުންނަށް އުނދަގޫ ނުވާ ހިސާބު ދުރަށް ގެންދަން ޖެހެއެވެ.
މިރަށުގެ އިހުތިސާސްގައި, ސިނާއީ މަސައްކަތްތަކަށް ފަޅުރަށެއް އެބައޮތެވެ. އެހެންވީމާ ހައްލު އޮތީ ކައިރީގައެވެ. އަވަސް ކުރަން ޖެހެނީ އެހައްލު ހޯދުމެވެ. މިރަށު މީހުން ބުނަނީ ހައްލަކީ އުފުލަންދޫ ކަމަށެވެ.
