މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 150,000 ރުފިޔާއެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށްވެސް 150,000 ރުފިޔާ އެވެ. ދެ ޑިވިޝަންގައިވެސް ރަނަރަޕް ޓީމަށް 75,000 ރުފިޔާއެވެ. މިއީ ކިހާވަރެއްގެ މުބާރާތެއްކަން މިވަރުން ސާފް ވާނެއެވެ.
މިއީ ބެޓަރ އިން ބާ އެވެ. ބ.އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބާއްވާ އަތޮޅު ފުޓްސަލް މުބާރާތެވެ. ކުރިއަށް އޮތީ ދެ ޑިވިޝަންގެ ފައިނަލް އެވެ. ތިން ވަނަ މުބާރާތުގެ ފައިނަލްގައި ދެ ޑިވިޝަންގައިވެސް އެއްކޮޅުން ވާދަކުރަނީ ފުރަތަމަ ދެ އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. ދެ ޑިވިޝަންގައިވެސް ތަށި މިލްކް ކުރަން ދެ ރަށަކުން ވަނީ ފައި ނަގާ, ފަހު ފިޔަވަޅަށް ޖެހިލާފައެވެ.

ފިރިހެން ޑިވިޝަންގެ ތަށި މިލްކް ކުރަން ނިކުންނަނީ މުބާރާތް ބާއްވާ ރަށް އޭދަފުށްޓެވެ. އެކަން ހުއްޓުވަން ނިކުންނަނީ ހިތާދޫ އެވެ. ދެރަށުގެ ރައްޔިތުންނަށްވެސް ތަށި ޔަގީނެވެ. ދެ ޓީމްގެ ކޯޗުންވެސް ބުނީ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. ތަފާތު މޮޅު, ވާދަވެރި ފައިނަލެއް ފެންނާނެކަން ޔަގީނެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ގޮއިދޫ އާއި ދޮންފަން އެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަނަކީވެސް ގޮއިދޫއެވެ. ގޮއިދޫއާ ދެކޮޅަށް ނިކުންނަ ދޮންފަންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ވަރުބަލިވުމެއް ނެތް ސަޕޯޓަރުންނެވެ.

މުބާރާތުގެ ސެމީފައިނަލް ދެމެޗު ބެލުމަށް ތިން ރަށުން ހާހަކަށްވުރެ ގިނަ ސަޕޯޓަރުން އޭދަފުށްޓަށް ޖަމާވިއެވެ. ފައިނަލް މެޗަށްވެސް އެއަދަދަށް މީހުން އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ސަޕޯޓަރުންގެ ފޯރި އެހާމެ ގަދަ މުބާރާތުގެ ހުރިހާ މަރުހަލާއެއްގައިވެސް ފެންނަނީ ކޮލިޓީއާއި ވާދަވެރިކަމެވެ. ހުނަރަށް ބަލާއިރުވެސް ތަފާތެވެ.
މުބާރާތަށް ޚާއްޞަކޮށް ސްކްރީނުން މެޗު ބަލަން ޚާއްޞަ ސަރަހައްދެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ޓީމްތަކާއި އޮފިޝަލުން ދަނޑަށް ގެންދިއުމުގައިވެސް ‘ފުރިހަމަ’ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ފައިނަލަކީ ބަލައި ނުލާ ދޫކޮށްލެވޭ ވަރުގެ ދެ މެޗެއް ނޫނެވެ. ފައިނަލް މެޗު ނިމިގެންދާނީ ހަވައާވެސް އެކުގައެވެ.
