...

ސެމީގައި އުތީމާއި ދިއްދޫ, އިހަވަންދޫ އާއި މުރައިދޫ

502

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމި, ސެމީފައިނަލްގެ ޖާގަތައް ޔަގީންވެއްޖެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ދިއްދޫ އާއި މުރައިދޫގެ އިތުރުން އިހަވަންދޫ އާއި އުތީމެވެ.

މުބާރާތުގެ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ވާދަކުރާނީ މުރައިދޫ އާއެވެ. މިދިޔަ އަހަރުގެ ރަނަރަޕް އުތީމް ވާދަކުރާނީ ދިއްދޫއާއެވެ. ސެމީފައިނަލްގެ ފަހު ޖާގަ އުތީމް ހޯދީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު 3-2 ން ފިއްލަދޫ ބަލިކޮށްގެންނެވެ. މެޗަށް ނިކުއިންއިރު މިދެޓީމަށްވެސް ސެމީގެ ފުރުޞަތު އޮތީ މޮޅުވެގެންނެވެ. މެޗު އެއްވަރުވެއްޖެ ނަމަ ސެމީއަށް ދާން އޮތީ ވަށަފަރެވެ.

ފިއްލަދޫއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގެ ފުރަތަމަ ލަނޑު ޖަހާ އުތީމަށް ކުރިހޯދައިދިނީ މުޙައްމަދު ރިޝްމީ އެވެ. އެކަމަކު ފިއްލަދޫގެ އަލީ އަފްރާހު ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި އާދަމް އަބްދުއްރަހީމް ލަނޑު ޖަހާ ފިއްލަދޫއަށް ކުރި ހޯދައިދިނެވެ. އެކަމަކު އެލީޑްގައި މިނިޓެއްވެސް ދެމި ނޯވެވުނެވެ. އުތީމުން ނަތީޖާ ހަމަހަމަ ކުރީ މުޙައްމަދު މަޒީންގެ ލަނޑުނެނެވެ. މިނަތީޖާގެ ސަބަބުން ވަށަފަރު އުފާވެރިކަމުގައި މެޗު ބަލަން ތިއްބާ އުތީމް ހެއްވާލީ ލިބުނު ޕެނަލްޓީ އަކުން އަހުމަދު އައިހަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އައިހަމްއެވެ. މިއީ އައިހަމް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ.

ވަށަފަރާއި ހޯރަފުށި ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-އުތީމް ކައުންސިލް

މިމެޗުގެ ކުރިން ވަށަފަރުން ވަނީ 7-5 ން ހޯރަފުށި ބަލިކޮށްފައެވެ. އެކަމަކު އެމީހުންނަށް ފުރުޞަތު ގެއްލުނީ ފަހު މެޗުގައި އުތީމް މޮޅު ވުމުންނެވެ. ހޯރަފުށި ބަލިކުރަން ވަށަފަރަށް ލަނޑުތައް ޖަހައިދިނީ އަބްދުالله ސިނާން އާއި އަހުމަދު ސިނާން އާއި އިބްރާހީމް ޝަނޫން އާއި ހުސައިން ހަމީދު މޫސާއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުالله ސިނާން ތިން ލަނޑު ޖެހިއެވެ. އަހުމަދު ސިނާން ދެ ލަނޑު ޖެހިއެވެ. އެއީ ދެބެންނެވެ.

ހޯރަފުށީގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ އަލީ ޒިޔާދުއެވެ. އެންމެ ފަހުން ދެ މެޗުގައިވެސް އޭނާ ވަނީ ހެޓްރިކް ހަދާފައެވެ. ހޯރަފުށްޓަށް ދެން ލަނޑު ޖަހައިދިނީ ހުސައިން ރަޝީދު އާއި ހުޝާމް ހަސަން އެވެ.

މުބާރާތުން އެންމެ ހިތްދަތިގޮތަކަށް ކެޓީ ވަށަފަރެވެ. އެމީހުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުންވެސް ބައްޔެއް ނުވެއެވެ. އުތީމާއި އިހަވަންދޫގެ އިތުރުން ދިއްދޫ ސެމީއަށް ދަތުރުކުރީވެސް ބަލިނުވެއެވެ. ސެމީފައިނަލް ދެ މެޗު ކުޅޭނީ ހޯމަ ދުވަހުއެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.