މަތީގައިވާ ސުރުޚީގައި އެވަނީ މާލޭގެ ވާހަކައެއް ނޫނެވެ. މާލޭގައި މާލޭގެ އެތައް އާއިލާއެއް ކުއްޔަށް އުޅޭކަން އެންމެން ދަނެއެވެ. އެއީ އާ ވާހަކައެއް ނޫނެވެ. އެކަމަކު މާލެ ފިޔަވާ ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށެއްގައި އެރަށެއްގެ ރައްޔިތުންގެ ތެރެއިން އެތައް އާއިލާއެއް ގެދޮރުނެތި ކުއްޔަށް އުޅެން ޖެހުމަކީ ސަމާލުކަން މާބޮޑަށް ހުއްޓިފައިވާ ވާހަކައެއް ނޫނެވެ.
އެކަމަކު ހަގީގަތުގައިވެސް މިއީ މިރަށު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު އޮތް މިންވަރެވެ. ޅ.ނައިފަރުގެ ބޯހިޔާވަހިކަމުގެ ހާލަތެވެ. ބިން ފުރި, ތޮއްޖެހިފައިވާ މިރަށުގެ 150 އެއްހާ އާއިލާ މިރަށުގައި ކުއްޔަށް އުޅޭނެކަމަށް މިރަށުގެ އެކި މީހުންނާ ވާހަކަ ދައްކައިގެން ހޯދި މައުލޫމާތުން އަންދާޒާ ކުރެވެއެވެ. ބޯހިޔާވަހިކަން ހައްލުކުރަން މިރަށުގައި އެންމެ ފަހުން ހިންގި މަޝްރޫޢުގެ ތެރެއިން 100 ފްލެޓަށް ހުޅުވާލުމުން 800 އެއްހާ މީހުން ކުރިމަތިލުމަކީވެސް މިރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތްކަން ހާމަކޮށްދޭ ކަމެކެވެ. އެފްލެޓްތަކުގައިވެސް އެތައް އާއިލާއެއް ކުއްޔަށް ދިރިއުޅެއެވެ. އޭގެތެރޭގައި ފްލެޓް ލިބުނު މީހުންގެ އިތުރުން އެހެން ބައެއް އާއިލާތައްވެސް ހިމެނެއެވެ.
އެއް ކޮޓަރިއެއްގައި މިރަށުގެ އެތައް ބަޔަކު ނިދާ ވާހަކައަކީ އާވާހަކައެއް ނޫނެވެ. މިވާހަކައިގެ ވީޑިއޯ ރިޕޯރޓެއް ހަދަން ހަނި ގޯޅިއެއްގައި އޮންކެމެރާއެއް ހަދާ ނިންމާލި ވަގުތު އުމުރުން ދުވަސްވީ މީހަކު ނިކުމެ ބުނީ އެއް ކޮޓަރީގައި ހަ މީހުން ނިދާ ގޭގެ މަދު ނުވާނެ ކަމަށެވެ. ހަމަ އެވަގުތު އެގޯޅީގެ ގެޔަކުން ނިކުއިން ޒުވާން ދެ އަންހެނުންގެ ތެރެއިން އެއް ޒުވާނަކު އަޅުގަނޑަށް އިޝާރާތްކޮށް ބުނީ “ޝުކުރިޔާ” އެވެ. އޭނާ ހުރީ އަޅުގަނޑު ދެއްކި ވާހަކަތައް އަޑުއަހަން ގޭތެރޭގައެވެ. އޭނާ ޝުކުރު އަދާކުރީ ބޯހިޔާވަހިކަމުގެ މައްސަލަ ސަމާލުކަމަށް ގެނައުމަށް ބަހެއް ބުނީތީއެވެ.

މިރަށަކީ 55 ހެކްޓަރުގެ ރަށެކެވެ. 1300 އެއްހާ ގޭގައި މީހުން ދިރިއުޅެއެވެ. 2500 އެއްހާ ގޭބީސީ އެވެ. މިވަގުތަށް މިރަށުގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމެވުމެވެ. އަދި ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައި އޮތުމެވެ. އެކަމަކު އެވަރަކުން ހަގީގަތުގައި ނުނިމެއެވެ. ބާރު ސްޕީޑްގައި އެމަޝްރޫއުތައް ކުރިއަށް ގޮސްގެން ނޫނީ މިއަދުގެ ޒުވާން ޖީލަށްވެސް މިރަށުގައި ދިރިއުޅެވޭކަށް ނެތެވެ. އެހެން ނޫނީ މިރަށުގެ ގަދަރުވެރި ރައްޔިތަކުން އިއްޔެ ފޭސްބުކްގައި ލިޔެފައިވާ ފަދައިން ‘މިރަށުގައި މާގިނަ ދުވަހު ދިރިއުޅޭކަށް ގަސްތެއް ނުކުރަމެވެ.” ބުނާ މީހުންގެ އަދަދު އިތުރުވެދާނެއެވެ. މަޖުބޫރީ ހާލަތުގައި ރަށް ދޫކޮށް ދާން ޖެހޭ ހާލަތަށް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑެވެ.
މިރަށުގެ ރައްޔިތުންނާ ރެންޑަމްކޮށް އަޅުގަނޑު ކުރި ސުވާލަކީ މިރަށަށް އެންމެ މުހިއްމީ ކޮންކަމެއްތޯއެވެ. އެސުވާލަށް ޖަވާބުދިން މީހުންގެ %95 މީހުން ބުނީ މަގުތައް ހެދުން ކަމަށެވެ. ވާރޭ ވެހިލައިފިނަމަ މަގުތަކުގައި ފެންބޮޑުވެ, މަގުރައް ޗަކަވެ, އޮއްވަޅުގޮނޑިއެއް ފަދައިން އޮތް މަގުތައް ޒަމާނީ ފެންވަރަކަށް ހަދާފައި އޮންނަތަން ދެކެން ކުރާ އުއްމީދެވެ.
މިރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާއަކީ އަތޮޅު ވެރިކަން ކުރާ ރަށެއްގެ ހާލަތު މިހާ ދަށްކޮށް އޮތް ދެވަނަ ރަށެއް ނޯންނާނެ ކަމުގެ ޝަކުވާއެވެ. އާބާދީ މިހާބޮޑު ރަށެއްގެ ހާލަތު މިފެންވަރުގައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ކުރި ޝަކުވާތައްވެސް އަޑު އެހީމެވެ.
މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްވެސް ފަށަނީއެވެ. އެކަމަކު ހަގީގަތުގައި ފެށުމަކުން މިރަށު ރައްޔިތުންނަށް މާބޮޑު އުފަލެއް ނުލިބެއެވެ. އެމީހުން ބޭނުންވަނީ ނިމިފައި އޮންނަތަން ދެކޭށެވެ. މަސައްކަތްކުރާ ސައިޓް އަޅާ, އެސައިޓްގައި މުވައްޒަފުން ތިބޭތާ ހަތަރު ފަސްމަސްވެ, މަސައްކަތުގެ ސްޕީޑް ނުފެންނަނަމަ ރައްޔިތުން އުފަލެއް ނުވާނެއެވެ. އެކަމަކު އަދިވެސް މިރަށު ރައްޔިތުން އެތިބީ އުއްމީދެއްގައެވެ. އުއްމީދު ތަކެއްގައެވެ.
