...

ފައިނަލަށް ހިންނަވަރު, ސެމީގައި ބަޒޫކާ އާއި ޗެލްސީ

442

ނައިބޮލި ވޮލީބޯޅަ ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ސީދާ ފައިނަލުން ހިންނަވަރު ޖާގަ ހޯދާ, ސެމީފައިނަލްގައި ބަޒޫކާ ސްޕޯރޓްސް ކްލަބާއި ނައިފަރު ޗެލްސީ ވާދަކުރަން ޖެހިއްޖެއެވެ.

ހިންނަވަރު ސްޕޯރޓްސް ކްލަބް ސީދާ ފައިނަލްގެ ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ޓީމްގެ ގޮތުގައެވެ. ލީގު ބުރުގައި ހިންނަވަރު ކުޅުނު ފަހު މެޗު ކާމިޔާބުކުރީ އެޕެކްސް ސްޕޯރޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ހިންނަވަރުން ގެންދިޔައީ 25-16, 25-16 އަދި 25-13 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހިންނަވަރުގެ ކެޕްޓަން އަބްދުالله ހަސަން އެވެ.

ޖީޖީގެ އެޓޭކެއް ބަޒޫކާއިން ބްލޮކް ކުރަނީ, ފައިނަލްގައި ވާދަކުރާނީ ހިންނަވަރާ

މެޗަށްފަހު ހިންނަވަރު ކެޕްޓަން އަބްދުالله ހަސަން ބުނީ ފައިނަލް މެޗު ޓަފްވާނެ ކަމަށާއި, ކުރިން ހުރިހާ މެޗަކުން މޮޅުވިޔަސް ފައިނަލް މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.

ފައިނަލް މެޗުގައިވެސް އަޅުގަނޑުމެން ނިކުންނާނީ ސީދާ މޮޅަކަށް, އިންޝާالله. ހިންނަވަރު ސަޕޯޓަރުންނަށް ބުނެލަން އޮތީ ވީހާވެސް ގިނަ ސަޕޯޓަރުން އަޅުގަނޑުމެން ޓީމަށް ސަޕޯރޓްކޮށްދެއްވުމަށް ނައިފަރަށް އަންނާށޭ.

ސެމީފައިނަލްގެ ދެވަނަ ޖާގަ ހޯދީ ވަރަށް ވާދަވެރި މެޗަކަށްފަހު ބަޒޫކާ ސްޕޯރޓްސް ކްލަބެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖީޖީ ސްޕޯރޓްސް އެކަޑަމީ 3-2 ބަލިކޮށް, ބަޒޫކާއިން ސެމީގައި ވާދަކުރާނީ ނައިފަރު ޗެލްސީއާއެވެ. ފަސް ސެޓަށް ނުގޮސް މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބެން އޮތް މެޗުގެ ފުރަތަމަ ސެޓް 25-22 ން ބަޒޫކާ ގެންދިޔައީ 20 އާ ހަމައަށް ދިޔައިރުވެސް ޖީޖީން ލީޑްގައި އޮއްވާ ސެޓްގެ ނަތީޖާ އަނބުރާލައިގެންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓް 25-19, 25-22 ން ޖީޖީން ގެންދިއުމުން ބަޒޫކާއަށް ފުރުޞަތު ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު ހަތަރު ވަނަ ސެޓް 25-23 ން ހޯދާ މެޗު ފަސްވަނަ ސެޓަށް ގެންދިޔައެވެ. ވަރަށް ވާދަވެރި ފަސްވަނަ ސެޓް ބަޒޫކާއިން ގެންދިޔައީ 18-16 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަޒޫކާގެ މުހައްމަދު ރިމާޒު (ރިމޭ) އެވެ.

ބަޒޫކާގެ އެޓޭކެއް ޖީޖީން ބްލޮކް ކުރަނީ: ފޮޓޯ-ނައިފަރު ކައުންސިލް

މެޗަށްފަހު ބަޒޫކާގެ ނޫރުالله ބުނީ ފިރިހެން ޑިވިޝަންގެ ފަސް ޓީމްގެ ތެރެއިން ހަތަރު ޓީމަކީވެސް ވަރަށް އެއްވަރު ހަތަރު ޓީމް ކަމަށާއި, ނަތީޖާ ނެރެވުނީ ފަހުވަގުތުލީ ހިތްވަރުގެ ސަބަބުން ކަމަށެވެ.

ސެމީފައިނަލް މެޗަކީވެސް ހަމަ ވަރަށް ވަރުގަދަ މެޗެއް. އަޅުގަނޑުމެން ޗެލްސީއާ އެއްކޮށް މޮޅުވެފަ އޮތެއް ކަމަކު ޗެލްސީއަކީ ބަލި ޓީމެއް ނޫން, އިންޝާالله އަޅުގަނޑުމެން ހަމަ ވަރަށް މަސައްކަތްކުރާނަން ރަނގަޅު ނަތީޖާއެއް ޗެލްސީ މެޗުގައި ނެރެ އިރާދަކުރެއްވިއްޔާ ފައިނަލަށް ދިއުމުގެ ވަރަށް އުއްމީދުގައި އަޅުގަނޑުމެން މަސައްކަތް ކުރާނަން.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ސީދާ ޖާގަ ހޯދީ ޖީޖީ ސްޕޯރޓްސް އެކަޑަމީންނެވެ. ސެމީގައި ވާދަކުރާނީ ނައިފަރު ޗެލްސީ އާއި  ހިންނަވަރު ޗެލްސީ އެވެ. ސެމީގައި ވާދަކުރާ ޗެލްސީ ޓީމަކީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކުރި ޓީމެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ލީގު ބުރުގެ ފަހު މެޗުގައި ސްޕޯރޓްސް ކްލަބް ޝެޑޯސް އިން ވަނީ ސީދާ ތިން ސެޓުން ޓީމް ކުރެންދޫ ބަލިކޮށްފައެވެ. އެކަމަކު އެދެޓީމްވެސް ވަނީ މެޗުގެ ކުރިން ކަޓާފައެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.