ޅ.ނައިފަރު ކައުންސިލުން ބާއްވާ ނައިބޮލި ވޮލީބޯޅަ ޗެލެންޖްގައި ޕާކިސްތާނު ގައުމީ ޓީމްގެ ކުރީގެ ކެޕްޓަނުގެ މައްޗަށް މިހާރުގެ ކެޕްޓަން ކުރި ހޯދައިފިއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި ޕާކިސްތާނުގެ ކެޕްޓަން މުރާދު ޖީހާނު ކުޅޭ ހިންނަވަރު ސްޕޯރޓްސް ކްލަބުން ކުރި ހޯދީ ކުރީގެ ކެޕްޓަން މުބައްޝަރު ރަޒާ ކުޅޭ ނައިފަރު ޗެލްސީގެ މައްޗަށެވެ.
ވަރަށް ވާދަވެރިވި މެޗު ހިންނަވަރު ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އިޝާން މުޙައްމަދު (ބަޓިސް) ހިއްލާލި ބޯޅަތަކާއެކު މުރާދު ޖެހި ބާރު ޝޮޓްތަކުން ފުރަތަމަ ދެ ސެޓު ހިންނަވަރުން ގެންދިޔައީ 25-22 ނެވެ. ތިންވަނަ ސެޓް ނައިފަރު ޗެލްސީން ގެންދިއުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ޕާކިސްތާނުގެ ކުރީގެ ކެޕްޓަން މުބައްޝަރު ރަޒާ އެވެ. މެޗުގެ ތިންވަނަ ސެޓް ނައިފަރު ޗެލްސީން ގެންދިޔައީ 25-17 ނެވެ. އެއާއެކު މެޗުގެ ފޯރި ގަދަވެ ހަތަރުވަނަ ސެޓްގެ ވާދަވެރިކަން ބޮޑުވިއެވެ. ވާދަވެރި އެސެޓް ހިންނަވަރުން ގެންދިޔައީ 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕާކިސްތާނުގެ ކެޕްޓަން މުރާދު ޖީހާން އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީން ވަނީ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. މިއީ ތިންވަނަ މެޗެވެ. ނައިފަރު ޗެލްސީން މިދިޔަ އަހަރު މުބާރާތް ކާމިޔާބުކުރީވެސް މުބައްޝަރާއެކުއެވެ.
ހިންނަވަރު މިހާތަނަށް ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ހިންނަވަރު މުބާރާތުގައި ކުޅެނީ އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުންނެވެ. މެޗަށްފަހު މުރާދު ބުނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް އަތުން ލިބުނީ ވަރަށް ރަނގަޅު މޮޅެއް ކަމަށެވެ. މެޗުގައި ބައެއް މިސްޓޭކްތައް ހެދުނު ނަމަވެސް މެޗުން މޮޅުވުމުން ހިތްހަމަޖެހިއްޖެ ކަމަށް މުރާދު މެޗަށްފަހު ބުންޏެވެ.
މުބައްޝަރު ރިޒާ މެޗަށްފަހު ވަނީ އޭނާގެ ގައުމުގެ ކެޕްޓަން މުރާދަށް ތައުރީފް ކޮށްފައެވެ. މުބައްޝަރު ބުނީ މެޗުން ބަލިވިޔަސް އޭނާގެ ޓީމުންވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މިއީ ރަނގަޅު ވޮލީބޯޅަ މެޗެއް ކަމަށާއި, ދެޓީމްވެސް ރަނގަޅަށް ކުޅުނު ކަމަށް އޭނާ ބުންޏެވެ. ފައިނަލްގައި ހިންނަވަރާ ވާދަކުރަން ޖެހޭނެ ކަމަށް އުއްމީދު ކުރާކަމަށް މިދިޔަ އަހަރު ތަށި ހޯދި ކުޅުންތެރިޔާ ބުންޏެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި މިދެޓީމް ވާދަކުރިއިރު ދެޓީމްގައިވެސް ލީޑްކުރަން ތިބީ ނޭޕާލް ގައުމީ ޓީމްގެ ދެ ކުޅުންތެރިންނެވެ. ހިންނަވަރުގައި އުޝާ ބަންޑާރީއެވެ. އަދި ނައިފަރު ޗެލްސީގައި ކަމަނަ ބިސްޓާއެވެ. ކަމަނަގެ ރަނގަޅު އެޓޭކްތަކާއެކު ފަސް ސެޓަށް ގޮސްގެން މެޗު ކާމިޔާބުކުރީ ޗެލްސީއެވެ.
މެޗުގެ ފުރަތަމަ ސެޓް 25-21 ން ހިންނަވަރު ގެންގޮސްފައި ވަނިކޮށް ހަމަ އެނަތީޖާއިން ދެވަނަ ސެޓް ޗެލްސީން ގެންދިޔައެވެ. އެކަމަކު ތިންވަނަ ސެޓްވީ ގަބޫލުކުރަން ދަތި ނަތީޖާއެއް ފެނުނު ސެޓަކަށެވެ. ހިންނަވަރު އެސެޓް ގެންދިޔައީ 25-7 ނެވެ. މެޗުގެ ފޯރި އިންތިހާއަށް ގަދަވީ ޖެހިގެން އައި ސެޓް 25-13 ން ޗެލްސީ ގެންދިއުމުންނެވެ. ފަސްވަނަ ސެޓްގައި ޗެލްސީން ބޮޑު ލީޑެއް ނަގާފައިވަނިކޮށް, ހިންނަވަރު ފަރަގު ޕޮއިންޓަކަށް ކުޑަކުރި ނަމަވެސް 15-13 ން ސެޓް ހޯދާ ޗެލްސީން މެޗު ކާމިޔާބުކުރިއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ ކަމަނަ ބިސްޓާއެވެ. ކަމަނައާއެކު އެޓީމްގައި ހުރި މުހިއްމު ކުޅުންތެރިއަކީ ގައުމީ ޓީމްގެ އައިޝަތު މާޖިދާއެވެ. އުޝާއާއެކު ހިންނަވަރު ޓީމްގައި ހުރީ ގައުމީ ޓީމްގެ ސެޓަރު ޖޫޒާން ޒަރީރެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ހިންނަވަރާއި ޗެލްސީވެސް ފުރަތަމަ ދެ މެޗު ކާމިޔާބުކުރިއެވެ. މިދެޓީމް އެއް ޓީމް އަނެއް ޓީމާ ވާދަކުރި މެޗަކީ ތިންވަނަ މެޗެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ސްޕޯރޓްސް ކްލަބް ޝެޑޯސް އިން ވަނީ ސީދާ ތިން ސެޓުން އެޕެކްސް ސްޕޯރޓްސް ކްލަބް ބަލިކޮށް ފުރަތަމަ މޮޅު ހޯދާފައެވެ. މެޗުގެ ސެޓްތައް ޝެޑޯސްއިން ގެންދިޔައީ 25-14, 25-14 އަދި 25-18 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޝެޑޯސް އަށް ކުޅޭ ގައުމީ ޓީމްގެ މާޔާ ހުސައިންއެވެ.
ޝެޑޯސް ތިން މެޗުގެ ތެރެއިން މިއީ މޮޅުވި ފުރަތަމަ މެޗެވެ. އެޕެކްސް މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.
