ނައިފަރު ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ނައިބޮލި ވޮލީބޯޅަ ޗެލެންޖްގެ މިއަހަރުގެ މުބާރާތް ވެފައިވަނީ އަތޮޅުގެ ކުރެންދޫގެ އަންހެން ވޮލީބޯޅައިގެ ފެށުމަށެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި ވަދަކުރާ ހަ ޓީމްގެ ތެރެއިން އެއް ޓީމަކީ ޓީމް ކުރެންދޫ އެވެ.
ކުރެންދޫގެ ފެށުން އައީ ނައިފަރުގެ އެންމެ ވަރުގަދަ އެޓީމް ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބާ ދެކޮޅަށެވެ. ސައްތައިން ސައްތަ ރަށު ކުޅުންތެރިންނާއެކު ނިކުމެ ކުރެންދޫން މެޗު ރަނގަޅަށް ފެށި ނަމަވެސް ތަޖުރިބާ ބޮޑު ކުޅުންތެރިން ހިމެނޭ ޗެލްސީ ކައިރީގައި ހިފަހައްޓާލެވޭގޮތެއް ނުވިއެވެ. ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އައިޝަތު މާޖިދާ އާއި ނޭޕާލްގެ ކަމަނަ ބިސްޓާގެ އެޓޭކްތައް ނުހުއްޓުވި ޓީމް ކުރެންދޫ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ނައިފަރު ޗެލްސީން ގެންދިޔައީ 25-12, 25-02 އަދި 25-21 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކަމަނަ އެވެ.
މުބާރާތުގެ ގަވާއިދު އޮތްގޮތުން އަތޮޅުން ބޭރުގެ ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ހިމެނެއެވެ. އޭގެތެރެއިން އެއް ޖާގައަށް ގައުމުން ބޭރު ކުޅުންތެރިއަކު ހިމެނުމުގެ ފުރުޞަތުވެސް ލިބެއެވެ. ނަމަވެސް މިއިން ފުރުޞަތެއްގެ ބޭނުމެއް ކުރެންދޫ ޓީމުން ނުހިފައެވެ. ކުރެންދޫން ދެކުނީ މިއީ އެމީހުންގެ ވޮލީބޯޅައިގެ ފެށުން ކަމަށެވެ.
ކުރެންދޫ ކޯޗު މެޗަށްފަހު ބުނީ ޓީމްގައި ތިބީ ވަރަށް އާކުޅުންތެރިން ކަމަށާއި, އެކުޅުންތެރިންގެ ފުރަތަމަ މުބާރާތުގެ ފުރަތަމަ މެޗަށްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
އެހެންވީމަ ޖުމްލަގޮތެއްގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފަ އެބަހުރި, އަނެއްކޮޅުން ރަށުން ބެރު އެއްވެސް ކުޅުންތެރިއަކު ނުލާ ކުޅޭތީވެ އިދިކޮޅު ޓީމުން އެއަންނަ ޕްރެޝަރވެސް ހެންޑަލް ކޮށްގެން އެކުޅުނީ. އެހެންވީމަ ވަރަށް ރަނގަޅު, ވަރަށްބޮޑު ކާމިޔާބީއެއް ހަގީގަތުގައި އެކުދިންނަށް.
މުބާރާތުގައި އަންހެން ޑިވިޝަންގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ހިންނަވަރު ސްޕޯރޓްސް ކްލަބެވެ. ތަޖުރިބާކާރު ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން ކުޅޭ ހިންނަވަރުން ފުރަތަމަ މެޗު ކާމިޔާބުކުރީ ސްޕޯރޓްސް ކްލަބް ޝެޑޯސްއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެތްތައް ހިންނަވަރުން ގެންދިޔައީ 25-14, 25-20 އަދި 25-16 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހިންނަވަރު ޓީމަށް ކުޅޭ ނޭޕާލްގެ އުޝާ ބަންޑާރީ އެވެ. ހިންނަވަރު ޓީމަށް ކުޅޭ އަތޮޅުން ބޭރުގެ ދެވަނަ ކުޅުންތެރިއަކީ ގައުމީ ޓީމްގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު އެވެ.

އަންހެން ޑިވިޝަންގެ ތިންވަނަ މެޗު އެޕެކްސް ސްޕޯރޓްސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޖީޖީ ސްޕޯރޓްސް ކްލަބެވެ. މުޙައްމަދު ފައިސަލްގެ އިރުޝާދުގެ ދަށުން ކުޅޭ ޖީޖީން މެޗުގެ ސެޓްތައް ގެންދިޔައީ 25-05, 25-12 އަދި 25-06 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖީޖީގެ އިންޑިޔާ ކުޅުންތެރިޔާ އަނަގަ ރަދަކްރިޝްނާ އެވެ. މިޓީމްގައި ހިމެނޭ މުހިއްމު އަނެއް ކުޅުންތެރިއަކީ ގައުމީ ޓީމްގެ އާމިނަތު އަރީޝާ އެވެ. އެޕެކްސް ސްޕޯރޓްސް ކްލަބަކީ ސްކޫލް ދަރިވަރުންވެސް ހިމެނޭ ވަރަށް ޒުވާން ޓީމެކެވެ.
މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު ބުރުން އެއްވަނަ ހޯދާ ޓީމަކަށެވެ. ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމް ވާދަކުރާ ސެމީފައިނަލުން ކުރި ހޯދާ ޓީމަކަށެވެ.
