...

މިލައުތުރު ފުޓްސަލް: މިލަންދޫ އާއި ނޫމަރާއަށް ރަނގަޅު ފެށުމެއް

420

މިލައުތުރު ފުޓްސަލް މުބާރާތުގައި ނޫމަރާ އާއި މިލަންދޫން ރަނގަޅު ފެށުމެއް ހޯދައިފިއެވެ. ށ.އަތޮޅުގެ ރަށްތަކުގެ މެދުގައި އެއަތޮޅު އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ތިން މެޗު ކާމިޔާބުކުރީ މިލަންދޫގެ އިތުރުން ނޫމަރާއެވެ. ފީވަކާއި ކަނޑިތީމް ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ނޫމަރާއިން ވަނީ 3-2 ން ފޭދޫ ބަލިކޮށްފައެވެ. މެޗުގައި ނޫމަރާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުއާޒު ޞާލިހު އާއި އަހުމަދު ހައްމާޒު އެވެ. އަނެއް ލަނޑަކީ ބައިގޯލެކެވެ. ފޭދޫ ޓީމަށް ލަނޑު ޖަހައިދިނީ މާއިލް މުޙައްމަދެވެ. އެޓީމްގެ އަނެއް ލަނޑަކީވެސް ބައިގޯލެކެވެ.  

ލަނޑުޖެހުމަށްފަހު ނޫމަރާ ކުޅުންތެރިން އުފާފާޅުކުރަނީ

މުބާރާތުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމުން ފީވަކާ ވާދަކޮށް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ފީވަކަށް ކުރިހޯދައިދިނީ އަހުމަދު ނަވީން އެވެ. ކަނޑިތީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޙައްމަދު ނާފިއު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފީވަކު ކީޕަރު އަބްދުالله ޖަމްޝީދެވެ.

ލަނޑުޖެހުމަށްފަހު ފީވަކު ކުޅުންތެރިން އުފާފާޅުކުރަނީ

ފުރަތަމަ ދުވަހު އެންމެ ފުރިހަމަ މޮޅެއް ހޯދީ މިލަންދޫންނެވެ. މުބާރާތުގެ ތިންވަނަ މެޗުގައި މިލަންދޫން ވަނީ 4-0 ން މާއުނގޫދޫ ބަލިކޮށްފައެވެ. މެޗުގައި މިލަންދޫގެ އިބްރާހީމް ޒާހީ އާއި އަހުމަދު ޝާނީ ކުރެ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޝާނީ އެވެ.

ލަނޑުޖެހުމަށްފަހު މިލަންދޫ ކުޅުންތެރިން އުފާފާޅުކުރަނީ

މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ތާނައިގެ ރަށް ކަނޑިތީމްގައެވެ. މުބާރާތުގައި ށ.އަތޮޅުގެ 14 ރަށުގެ ތެރެއިން 13 ރަށުން. ވާދަކުރެއެވެ. ވާދަނުކުރަނީ ޅައިމަގެވެ. މުބާރާތް ފެށުމަށް ހަވާގެ ކުލަގަދަ ރަސްމިއްޔާތެއް ބޭއްވިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޯޗު މާއްޓޭ

11 ދުވަހަށް ދެމިގެންދާ މިއަހަރުގެ މުބާރާތުގައި 22 މެޗު ކުޅޭނެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.