މިއީ ކަނޑިތީމް ޒުވާނުން އިސްނަގައިގެން ހިލޭ ސާބަހަށް ކޮށްފައިވާ އިޖުތިމާއީ މަސައްކަތެކެވެ. މިމަސައްކަތަށް ރަށުގެ ގިނަ ފަރާތްތަތަކުން އެހީތެރިކަން ފޯރުކޮށްދިނެވެ. ނިކަމަތި ކިޔެނީ ނިކަގަހެއްގައި ހަދާފައިވާ ތަނަކަށްވާތީއެވެ.
އަރަން ނިކަ ގަސް ބުޑުން ފެށިގެން ވަނީ ސިޑިއެއް ބަހައްޓާފައެވެ. ސިޑިން އެންމެ މައްޗަށް އެރުމުން ދެން އޮންނަނީ ލަކުޑިން ތައްޔާރުކޮށްފައިވާ ޑެގެކެވެ. އެތަނުގައި އުނދޯންޏާއި, ގޮނޑި ވަނީ ބަހައްޓާފައެވެ. ނިކަގަހުގެ ހިޔަލުން ތަނުގައިވާ ފިނިކަމުގެ އިތުރުން ވަށައިގެންވާ ގަސްތަކުން ޖެހޭ ރޯޅިތަކާއެކު މިއީ ވަރަށް ހިތްގައިމު ތަނެކެވެ.
ކުރިމަތިން ފެންނަން އޮތީ މޫދެވެ. ރާޅު ބީއްސާލާ އަޑު ރީތިކޮށް އިވެއެވެ. މަންޒަރުގެ ހިތްގައުމުކަން ބޮޑެވެ. މިތަނަށް އަރާ ސިޑި ކައިރީގައި ބަހައްޓާފައިވާ ބޯޑްގައި ލިޔެފައި ވެއެވެ. “މިއީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މެހުމާނުން ހިތްހަމަޖައްސާލަން ތައްޔާރުކޮށްފައިވާ ތަނެކެވެ”
މިރަށަށް ޒިޔާރަތްކޮށްލެވިއްޖެނަމަ ހަމަ ކޮންމެހެންވެސް މިތަނަށް ޖައްސާލަން ވާނެއެވެ.
